އިމާރާތެއްގެ ތިރީގައި ލޯފަން ކުއްޖެއް އިނެވެ. އޭނާ އިނީ "އަހަންނަކީ ލޯފަން ކުއްޖެއް" މިހެން ޖަހާފައި އިން ބޯޑެއް ވެސް ހިފައިގެންނެވެ. އެކުއްޖާގެ ކައިރީގައި ތޮތްޕެއްވެސް އޮތެވެ. އޭގެ ތެރޭގައި ހުރީ ވަރަށް މަދު ވަކި ލާރި ކޮޅެކެވެ.
އެވަގުތު އެތަނުން ފިރިހެނެއް ދިޔައެވެ. އެކުއްޖާއަށް އެހީތެރިވުމަށް އެފިރިހެން މީހާ އޭނާގެ ޖީބުން ފައިސާ ކޮޅެއް ނަގާފައި އެތޮތްޕަށް އެޅިއެވެ. އޭގައި ވަރަށް މަދު ވަކި ލާރިކޮޅެއް ހުރިތަން ފެނުމުން އެމީހާ ވަރަށް ދެރަވިއެވެ. އަދި އެކުއްޖާއަށް މީހުން ގިނައިން އެހީވާނެ ގޮތެއް ވޭތޯ ވިސްނިއެވެ.
އިރުކޮޅަކު ވިސްނުމަށް ފަހު، އެކުއްޖާ ހިފައިގެން އިން ބޯޑު ނަގާފައި އޭގެ އަނެއް ކޮޅުގައި އެއްޗެއް ލިޔެފައި އަލުން އެބޯޑު އެތަނުގައި ބަހައްޓާފައި އޭނާ ދިޔައެވެ.
އޭގެ މާގިނަ އިރުތަކެއް ނުވެ، އެކުއްޖާގެ ކައިރީގައި އިން ތޮފި ފުރެން ފެށިއެވެ. އޭނާގެ ކައިރިން ދިޔަހާ ބަޔަކު، ބޯޑުގައި ލިޔެފައި އިން އެއްޗެއް ކިޔާފައި އެކުއްޖާއަށް އެހީތެރިވުމަށް ތޮތްޕަށް ފައިސާ އަޅަމުން ގެންދިޔައެވެ.
ހަމައެދުވަހުގެ ތަންކޮޅެއް ފަހުން ކަންތައްތައްދާ ގޮތެއް ބެލުމަށް އެމީހާ އެތަނަށް ދިޔައެވެ. އެމީހާގެ ފިޔަވަޅުގެ އަޑުއިވުމާއިއެކު އެކުއްޖާއަށް އޭނާ ފާހަގަ ކުރަން އެނގުނެވެ.
"ތިޔައީ މިއަދު ހެނދުނު މިބޯޑުގައި އެއްޗެއް ލިޔުނު މީހާތަ؟ އެފަހަރު ބޯޑުގައި ލިޔުނީ ކޮން އެއްޗެއްކަން ބުނެދީފާނަންތަ؟" އެކުއްޖާ އަހާލިއެވެ.
"އަހަރެން ލިޔުނީ ހަގީގަތް. އެކަމަކު ތަފާތު ގޮތަކަށް." އެމީހާ ޖަވާބު ދިނެވެ.
އޭނާ ލިޔުނު މެސެޖުގައި ލިޔެފައި އިނީ، "މިއަދަކީ ވަރަށް ރީތި ދުވަހެއް ދޯ؟ އަހަންނަށް މިއަދުގެ ރީތިކަން ނުފެނުނަސް، ތިބާއަށް ފެންނާތީ ޙަމްދު ކުރަން" މިހެންނެވެ.
ބޯޑުގައި ލިޔެފައިވާ ދެމެސެޖުގައި ވެސް އެއް މާނައެއް ދޭހަ ކޮށްދިނަސް، ފަހުން ލިޔުނު މެސެޖުން ބޮޑަށް އަސަރު ކުރީ، ލޯފަންވުމުން މަޙްރޫމުވާ ކަންތައްތައް އެހެން މީހުންނަށް އިޙުސާސް ކުރެވުމުންނެވެ.