މުސްލިމަކަށް ވީތީ އަހަރެން ފަޚުރުވެރިވަން

ކިޔުމަށް ހޭދަވާނީ 4މ 30ސ
މުސްލިމަކަށް ވީތީ އަހަރެން ފަޚުރުވެރިވަން
"ނަޞާރާއެއްގެ ގޮތުގައި އަހަރެން އުފަންވެ އުޅެ ބޮޑުވީ މަލްޓާގައެވެ.

އަަހަރެންގެ މައިންބަފައިންނަކީ ނަޞާރާ ދީނަށް ވަރަށް ބޮޑަށް ތަބާވެގެން ތިބި ބަޔަކަށް ވުމުން، އަހަރެން ވެސް ބޮޑުވީ އެދީނާއި ބެހޭގޮތުން ވަރަށް ބޮޑަށް އެނގި ތަބާވަމުންނެވެ. އެދީނާއި ބެހޭ ގޮތުން އަހަރެން ގާތު ކޮންމެ އެއްޗެއް ބުނި ކަމުގައި ވިޔަސް އެއެއްޗެއް އަހަރެން ޤަބޫލު ކުރީމެވެ.

ނަމަވެސް އުމުރުން ތޭރަ އަހަރުގައި އަހަރެންގެ ސިކުނޑިއަށް އެކިއެކި ސުވާލުތައް ވަންނަން ފެށިއެވެ.

'އެއީ ހަމަ ހަގީގަތްތަ؟ ކީއްވެ ތިން ކަލާނގެ ހުންނަނީ؟ ކީއްވެ އަހަރުމެންނަށް ބައިބްލް ގައި ލިޔެފަ އޮންނަ އެއްޗެއް ނުކިޔެންވީ؟ ކީއްވެ ހަމައެކަނި ޢީސާ އަލައިޙިއްސަލާމް ގެ ވާހަކަ ދައްކާފައި އެހެން ރަސޫލުންގެ ވާހަކަ ކިޔާ ނުދެނީ؟ އަމިއްލައަށް މަރުވުމަކީ ފާފައެއް ކަމުގައި ބުނާއިރު ކީއްވެ ޢީސާގެފާނު އިންސާނިއްޔަތަށްޓަކައި އަމިއްލައަށް އަވަހާރަވީއޭ ބުނަނީ؟'

މިފަދަ ސުވާލުތަކަކާއި މެދު އަހަރެން ވިސްނަމުން ދަނިކޮށް އަހަރެންނަށް ދެން އެނގުނީ، ބައިބްލް އަކީ އިންސާނުންތަކެއް އަމިއްލައަށް ލިޔެ، އުފައްދާފައިވާ ފޮތެއް ކަމެވެ. ކަލާނގެ ގެ ބަސްފުޅު އެއްވެސް އިންސާނަކަށް އަމިއްލައަށް ލިޔަން ނޭނގޭނެކަން އަހަންނަށް ވިސްނެން ފެށިއެވެ. އަދި އުމުރުން 16 އަހަރުގައި ޗަރޗްއަށް ދިޔުން އަހަރެން ހުއްޓާލީމެވެ.

އަހަރެންގެ ވިސްނުން އެންމެ ބޮޑަށް ބަދަލުވާން ފެށީ އުމުރުން 18 އަހަރުގައެވެ. އެއީ ކުޑައިރުން ފެށިގެން އަހަރުމެން އެންމެ ގިނައިން އަޑުއަހަމުން ގެންދިޔަ ފާދިރީއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މީހެއްކަން އެނގުމުންނެވެ. އަހަންނަށް މަޢުލޫމާތު ލިބުނު ގޮތުގައި، އެމައްސަލައިގާ އޭނާ 80 ގެ އަހަރުތަކުގައި ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް މަލްޓީސް ބައިޝޮޕް އިން ފަހުން އޭނާ ކެނެޑާއަށް ދޮނުވާލާ، އަނެއްކާވެސް މަލްޓާ އަށް ގެންދިޔައީ އެވެ. އަދި ފިރިހެނުންގެ އިންސްޓިޓިއުޝަން އަކަށް ފޮނުވުމަށްފަހު، އޭނާއަށް ފާދިރީކަން ވެސް ދިނީއެވެ. އެހިސާބުން އެއްވެސް ދީނެއް ޤަބޫލުކުރުން އަަހަރެން ދޫކޮށްލީމެވެ.

އުމުރުން 19 އަހަރުގައި އަހަރެންގެ މިހާރުގެ ފިރިމީހާއާއި ދިމާވިއެވެ. އޭނާއަކީ މުސްލިމެކެވެ. ނަމަވެސް ދީނަށް ފުރިހަމައަށް އުޅުނު މީހެއް ނޫނެވެ. އަހަރުމެން އެކުއެކީގައި އުޅުން ކަމުގައި ވިޔަސް ދީނާއި ބެހޭ އެއްވެސް ވާހަކައެއް ނުދައްކަމެވެ. ހަމައެކަނި އަހަރުމެން އެއިރު ދެއްކި ވާހަކައަކީ އަހަރުމެންނަށް ދަރިން ލިބުމުން އެދަރިން މުސްލިމުން ކަމުގައި ހަދާނެ ކަމެވެ. އެކަމާއި އަހަރެން އެއްބަސްވީ އަހަންނަކީ އެއްވެސް ދީނެއް ޤަބޫލުކުރާ މީހަކަށް ނުވުމުން، ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށެވެެ.

ނަމަވެސް އެދުވަސްކޮޅު އަަހަރެން ދީން ތަކުގެ މައުލޫމާތު ހޯދަން ފެށީމެވެ. އެގޮތުން ބުދިސްޓުންނާއި ބެހޭގޮތުން ހޯދި މައުލޫމާތުން އަހަންނަށް އެނގުނީ ބުއްދާ އަކީ ކުރީގެ އަމީރެއް ކަމާއި އޭނާ ކަލާނގެއަށް ހެދީ ފަގީރުންނަށް އެހީވުމުން ކަމަށެވެ. އެކަން އަހަންނަށްވީ ވަރަށް ހަމަ ނުޖެހޭ ކަމަކަށެވެ. ދެން އަހަރެން ހޯދީ ހިންދޫއިންނާއި ބެހޭ މައުލޫމާތެވެ. އެމީހުންގެ 200 ކަލާނގެ ހުންނަކަން އެނގުމުން އަހަރެން މާބޮޑަށް ހައިރާންވިއެވެ.

މުސްލިމުންނާއި ބެހޭ ގޮތުން އަހަންނަށް އެއިރު އެނގިފައިވަނީ ދޮގު މައުލޫމާތެކެވެ. އަހަރެންގެ އުމުރުން 24 އަހަރުގައި، އަހަރެންގެ މިހާރުގެ ފިރިމީހާއާއި އެކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާ ބަހުސް ކުރަީމެވެެ. މުސްލިމުންނަކީ އަންހެނުން ނިވާވެގެން ތިބުމަށާއި މިނިވަންކަން ނިގުޅައިގަންނަ ދީނެއް ކަމަށް އަހަރެން ބުނީމެވެ. ނަމަވެސް ޖަވާބުގައި އޭނާ ބުނީ އިސްލާމްދީނަކީ އެއްވެސް ކަމެއް މަޖުބޫރުން ކުރުވާ ދީނެއް ނޫން ކަމަށާއި އަންހެނުން ނިވާވެގެން ތިބުމަށް އަންގަވާފައިވަނީ ނަރަކައިގެ އަޒާބުން އެމީހުން ސަލާމަތް ކުރުމަށާއި ފިޠުނައިން ސަލާމަތް ކުރުމަށެވެ. އަދި އިސްލާމްދީނުގައި އަންހެނުންގެ ދަރަޖަ އުފުލިފައިވާ ކަމަށް ވެސް ބުންޏެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ނުއުޅޭ މީހަކު ދީން އެވަރަށް ދިފާއު ކޮށްފައި ވާހަކަ ދައްކާތީ އަހަރެން ހައިރާންވިއެވެ.

އެހެންކަމުން އިސްލާމްދީނާއި ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯދަން އަހަރެން ބޭނުންވިއެވެ. އަހަންނާއިއެކު އެއިރު މަސައްކަތް ކުރި މުސްލިމު އަންހެނެއް ގާތު އިތުރަށް ސުވާލު ކުރުމުން އޭނާ އެއްދުވަހު އަހަރެން ގެންދިޔައީ މިސްކިތަކަށެވެ. އެތަނުގައި ތިބި އިމާމުން ގާތު އަހަރެން ބޭނުންވާ ކަންތަކުގެ ވާހަކަ ކިޔާދިނުމުން، އުފަލާއި ހިނިތުންވުމާއި އެކު އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭން އިމާމު މީހާ އައެވެ.

އަހަންނަށް އެދުވަހު އިސްލާމް ދީނާއި ބެހޭ ގޮތުން ހުރިހާ މަޢުލޫމާތެއްވެސް ލިބުން ފަދަ އެވެ. މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ސުންނަތާއި ކީރިތި ްުޤުރްޢާންގެ ވާހަކަތަކެވެ. އިސްލާމް ދީނުގެ ރުކުންތަކާއި ރިވެތި ހަމަތަކުގެ މައުލޫމަތެވެ. އެދުވަހު ދުވަހަށް އަހަންނަށް އިސްލާމްދީން ދެކެ ލޯބިވެވުނެވެ. އަދި ހަމަ އެދުވަހުމެ އަހަރެން އިސްލާމްދީން ޤަބުލުކޮށް، ހިތާއި ނަފްސުން މުސްލިމެއްކަމުގައި ވީމެވެ.

އަހަރެން ބޭނުންވީ ފުރިހަމަ މުސްލިމެއް ކަމުގައި ވުމަށެވެ. އަދި އިސްލާމްދިނުގެ ރީތި އާދަކާދަތައް އަހަރެންގެ މިހާރުގެ ފިރިމީހައަށް ވެސް އެނގުމަށެވެ. އެހެންކަމުން އަހަންނާއިއެކު ދަރުސްތަކަށް އޭނަވެސް ގެންގޮސް، ކީރިތި ޤުރްޢާން ކިޔަވަން އަހަރެން ދަސް ކުރާއިރު އޭނާ ލައްވާވެސް ކިޔުއްވާ، ނަމާދު ވަގުތު ޖެހުމުން މިސްކިތައް ފޮނުވަންފެށީމެވެ. ނަތީޖާއެއްގެ ގޮތުން ދިނަށް ފުރިހަމައަށް އުޅެން އޭނާއަށް ވެސް ދަސްވެ، އަހަންނާއި އޭނާއާއި ދެމީހުން އަޅުކަމުގައި މަސްޢޫލުވެ އުޅެން ފެށީމެވެ.

އަހަރުމެންގެ ކައިވެނިވެސް ކުރެވުނީ އަހަރެން އިސްލަމްވި އެމިސްކިތުގައެވެ.

މުސްލިމަކަށް ވެވުނީތީ އަހަރެން އުފާވެ ފަޚުރުވެރިވަމެވެ.
މިއަދު އޮންލައިން