ޞަދަޤާތަކީ ހަމަައެކަނި ފައިސާއިން އެކަނި ދެވޭ އެއްޗެއް ނޫނެވެ. ގިނަ މީހުންނަށް އެނގިފައިވާ ގޮތުގައި، ޞަދަޤާތަކީ އެމީހެއްގެ ފައިސާއަކުން ނުވަތަ މުދަލަކުން ބައެއް އެހެން މީހަކަށް (ފަޤީރަކަށް ނުވަތަ ވަރަށް ބޮޑަށް އޭގެ ބޭނުން ޖެހިފައިވާ މީހަކަށް) އެއްވެސް އަގަކާއި ނުލާ ދިނުމެވެ.
ނަމަވެސް ފައިސާއާއި މުދަލުން ނޫނަސް ޞަދަޤާތް ކުރެވި ދާނެއެވެ.
• ދުޢާ
އެހެން މީހަކަށްޓަކައި ތިމާ ކުރާ ހެޔޮ ދުޢާ އަކީ ވެސް އެމީހަކަށްޓަކައި ދެވޭ ޞަދަޤާތެއް ކަމަށް ދީނީ ޢިލްމުވެރިންވަނީ ވިދާޅުވެފައެވެ. މިސާލަކަށް ތިމާ ހެޔޮއެދޭ މީހަކަށް އެއްޗެއް ލިބުމަށް، ނުވަތަ އެމީހެއް ބޭނުންވާ ރަނގަޅު ކަމެއް ވުމުގެ މަގުފަހި ކޮށްދެއްވުމަށް އެދި މާތް ރަސްކަލާނގެ ޙަޟްރަތަށް ކުރެވޭ ދުޢާއަކީ އެމީހަކަށްޓަކައި ކުރެވޭ ޞަދަޤާތެކެވެ.
• ތަޢުލީމް އުނގަންނައި ދިނުން
ތިމާއަށް ލިބިފައިވާ ތަޢުލީމެއް، އެހެން ފަރާތްތަކަށް އުނގަންނައި ދިނުމަކީ ވެސް އެމީހަކަށްޓަކައި ކުރެވޭ ޞަދަޤާތެކެވެ. ތަޢުލީމު އުނގެނުމަށް މަގުފަހިވެފައި ނުވާ މީހުންނަށް އުނގަންނައި ދިނުމަކީ އިސްލާމް ދީނުގައި ވަރަށް ވެސް ރިވެތި މަތިވެރި ޢަމަލެކެވެ.
• ފެންފޮދެއް ދިނުން
ކަރު ހިއްކައިގެންފައިވާ މީހާ، ނުވަތަ ބުރަ މަސައްކަތެއް ކޮށްގެން ވިޔަސް ވަރުބަލިވެފައިވާ މީހާއަށް (އެއްވެސް އަގަކާއި ނުލާ) ފެންފޮދެއް ދިނުމަކީ ވެސް އެމީހަކަށްޓަކައި ކުރެވޭ ޞަދަޤާތެކެވެ.
• ގަހެއް އިންދުން
ތިމާ އިންދާ ގަހަކުން ހިޔާވަހިކަން ހޯދާ، އޭގައި އަޅާމޭވާ އެހެން މީހަކު ކެއުމުން ތިމާއަށް ވަރަށް ގިނަގުނަ ސަވާބު ލިބެއެވެ. އޭގެ އިތުރުން އެއީ އެފަރާތްތަކަށް ދެވޭ ޞަދަޤާތެކެވެ.
• ނަސޭޙަތް ދިނުން
ކަންކަމާއިމެދު މީހުންނަށް ހެޔޮ ނަސޭޙަތް ދިނުމަކީ ވެސް އެމީހުންގެ މައްޗަށް ދެވޭ ޞަދަޤާތެކެވެ. މީގެ އިތުރުން ތިމާގެ ކޮއްކޮމެންނަށާއި ތިމާއަށްވުރެ އުމުރުން ހަގު މީހުންނަށް ކަންކަމުގައި ހެޔޮ ނަސޭޙަތް ދިނުމަކީ ތިމާގެ މައްޗަށް އައުލާކަން ބޮޑުވެގެންވާ ޙައްޤެކެވެ.
• ހިނިތުންވުން
މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވުމުން ހިނިތުންވެލުމަކީ ވެސް ދެވޭ ޞަދަޤާތެކެވެ. މީގެ އިތުރުން، އެކަކު އަނެކަކާއި ސަލާމްކޮށް ޙާލު އަހުވާލު އަހާ ވާހަކަ ދެއްކުމަކީ ވެސް އިސްލާމްދީނުގެ ރިވެތި އާދައެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
• އެހީތެރިވުން
ފަގީރުންނަށް ނުވަތަ (ރަނގަޅު) ކަމަކަށް އެދި ބޭނުންވެފައި ހުންނަ މީހަކަށް އެހީތެރިވުމަކީ ވެސް ދެވޭ ޞަދަޤާތެކެވެ. މީގެއިތުރުން މުސީބާތެއް ޖެހިފައިވާ މީހަކަށް (ދިރިއުޅުމުގައި ބޮޑު މައްސަލައެއް ދިމާވެފައިވާ މީހަކަށް) އެކަމަށް ޙައްލެއް ނުވަތަ ޚިޔާލެއް ދިނުމަކީ ވެސް އެމީހަކަށް ދެވޭ ޞަދަޤާތެކެވެ.
• ވަގުތު ދިނުން
ތިމާގެ މައިންބަފައިންނަށާއި އެއްބަނޑު ތިމާގެ މީހުންނަށް އަދި އަނބިމީހާ/ފިރިމީހާ އާއި ދަރީންނަށްޓަކައި ވަގުތު ދީ އެމީހުންނާއިއެކު ހޭދަ ކުރާ ވަގުތަކީ ވެސް ދެވޭ ޞަދަޤާތެއް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
• ތަރުބިއްޔަތު
ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑު ކުރުމަކީ ވެސް އެދަރީންނަށް ދެވޭ ޞަދަޤާތެކެވެ.
• ދަތި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވުން
ތިމާއަށް ދަތި އުނދަގުލެއް ޖެހުމުން، ނުވަތަ މުސީބާތެއް ކުރިމަތިވުމުން އެކަމުގެ ވާހަކަ އެހެން މީހުންގާތު ކިޔާ ނުހަދާ ކެތްތެރިވާށެވެ. ތިމާއަށްޓަކައި އެކަލާނގެ އެމުސީބާތް ޙައްލު ކޮށްދެއްވާނެއެވެ. އަދި ކެތްތެރިވުމަކީ ކުރެވޭ ޞަދަޤާތެކެވެ.
• ނުބައި ޢަމަލު ކުރުމުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުން
ޝައިޠާނާގެ ނުބައި ވަސްވާހުން ސަލާމަތްވެ، ނުބައި ކަމެއް ކުރަން ހިތައް އެރުމުން، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަކީ ތިމާގެ ނަފްސަށް ވެސް ދެވޭ ޞަދަޤާތެކެވެ. އެގޮތުން އެއްވެސް ކުށަކާއިނުލާ ދިރޭ އެއްޗެއް މެރުން ނުވަތަ އެއަށް ގޯނާކުރުން ފަދަ ކަންކަމުން ދުރުހެލިވުން ހިމެނެއެވެ.
• މަޑުމައިތި ކަމާއިއެކު މީހުންނާއި މުޚާތަބު ކުރުން
އެކަކު އަނެކަކާއި ވާހަކަ ދައްކާއިރު ހަރުކަށިނުވެ، ހަޑިހުތުރު ބަސްތައް ބޭނުން ނުކުރުމަށާއި މަޑުމައިތިރިކަމާއިއެކު މުޚާތަބުކުރުމަށް الله سبحانه وتعالى އަންގަވާފައިވެއެވެ. މީހުންނާއި މަޑުމައިތިރި ކަމާއިއެކު މުޚާތަބު ކުރުމަކީ އެމީހުންގެ މައްޗަށް ކުރެވޭ ޞަދަޤާތެކެވެ.
• މާފު ކުރުން
އެހެން މީހެއްގެ ފަރާތުން ތިމާއަށް ދެވުނު ދެރައަކަށް ނުވަތަ އެހެން މީހެއްގެ ފަރާތުން ތިމާއަށް ކުރިމަތިވި މުސީބާތަކަށް އެމީހަކު މާފަށް އެދުމުން، އެމީހުންނަށް މާފު ކުރުމަކީ ދެވޭ ޞަދަޤާތެކެވެ.
• އިޚްތިރާމް ކުރުން
ތިމާއަށް ވުރެ ކުދިބޮޑު މީހުންނަށް އިޚުތިރާމްކޮށް ކިތަންމެ ކުޑަ ޢަމަލަކަށް ވިޔަސް ތަޢުރީފު ޙައްޤުވާ މީހުންނަށް ތަޢުރީފު ކުރުމަކީ އެބަޔަކަށްޓަކައި ދެވޭ ޞަދަޤާތެކެވެ.
• އެހެން މީހެއްގެ އުފަލަކަށްޓަކައި އުފާވުން
އެހެން މީހަކަށް އުފަލެއް ލިބުމުން، އެކަމާއި އެމީހަކަށްޓަކައި ތިމާވެސް އުފާވާށެވެ. އެމީހަކާއިމެދު ހަސަދަވެރި ނުވާށެވެ.
• ހާލުދެރަ ބަލިމީހަކަށް ގޮވާލަން ދިޔުން
ބަލިމީހެއްގެ ޙާލުއަހުވާލު ބަލާލަން ދިޔުމަކީ ވެސް ކުރެވޭ ޞަދަޤާތެކެވެ. އޭގެ އިތުރުން އެއީ ރަސޫލާ މުޙައްމަދު صلّى الله عليه وسلّم ގެ ސުންނަތެއް ވެސް މެއެވެ.
• ގެއްލުމެއް ދީފާނެ އެއްޗެއް މަގުމަތިން އެއްކައިރި ކުރުން
ހިނގާފައިދާއިރު ތިމާއަށާއި އަދި އެހެން މީހުންނަށް ވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެ ފަދަ އެއްޗެއް ފެނުމުން، އެއެއްޗެއް އެއްކައިރި ކޮށްލުމަކީ އެތައް ބަޔަކަށްޓަކައި ދެވޭ ޞަދަޤާތެކެވެ. މިސާލަކަށް ބުނާނަމަ، ގައުކޮޅު ފަދަ އެއްޗެއްސަށް އެހެން މީހަކަށް ނޭރޭނޭ ފަދައިން މަގުގެ އެއްކައިރިއަށް ލުމެވެ.
• މީހަަކަށް ރަނގަޅު މަގު އަންގައިދިނުން
ތެދުމަގުން ނުދާހެން ހީވާ މީހަކަށް އިސްލާމްދީނުގެ ހަމަތަކާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަންގައިދީ އަދި ހެޔޮ ޢަމަލު ކުރުމުން ލިބޭނެ ސަވާބާއި ދަރުމަ އަންގައިދީ، ހެޔޮމަގަށް އަޅުވަން މަސައްކަތް ކުރުމަކީ ވެސް އެމީހުންގެ މައްޗަށް ދެވޭ ޞަދަޤާތެކެވެ.
ހެޔޮ މަޢުލޫމާތު ދޭ މިފަދަ ލިޔުންތައް، އެކަކު އަނެކަކާއި ޙިއްސާ ކުރުމަކީ ވެސް އެކަކު އަނެކަކުގެ މައްޗަށް ކުރެވޭ ޞަދަޤާތެކެވެ.