ދެ ޔުނިވަރސިޓީ ގުޅިގެން މަސައްކަތްކުރުމުގެ ފަހުމްނާމާގައި ސޮއިކުރުމަށް އިސްލާމީ ޔުނިވަރސިޓީގައި މިއަދު މެންދުރު ބެއްވި ރަސްމިއްޔާތުގައި ޑރ. ޢަލީ ފަވާޒް ވިދާޅުވީ ދިރާސާ ކުރުމުގެ ދާއިރާއަށް ބެލި ނަމަވެސް އިސްލާމީ ޔުނިވަރސިޓީން ވަނީ މިހާރުވެސް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އިސްލާމީ ޔުނިވަރސިޓީ އުފެދި ފާއިތުވި 2 އަހަރުގެ ތެރޭގައި އެ ޔުނިވަރސިޓީން ވަނީ ބައިނަލްއަޤްވާމީ ދެ މަހާސިންތާ ބާއްވާފައިކަން ޚާއްޞަަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ހޯދިފައިވާ ރެކޯޑެއް ކަމަށެވެ.
ޑރ. ޢަލީ ފަވާޒް ވިދާޅުވީ ރާއްޖޭގައިވެސް އަދި ރައްޖެއިން ބޭރުގައިވެސް އޭނާ އަމިއްލަފުޅަށް އެދިވަޑައިގެން ބައްދަލުކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ކަމަށާއި ބައްދަލުކުރެއްވެވީ ޑރ. ޝަހީމް ކުރައްވާ މަސައްކަތްޕުޅުތަކުގެ ފުރިހަމަކަން ބޮޑުކަމުން ކަމަށެވެ.
ޑރ. ޝަހީމް ގިނަ ބައަކު ފާހަގަކުރަމުންދަނީ ހަވާލުކުރެވޭ ކޮންމެ މަސްއޫލިއްޔަތެއްވެސް އަދާކުރައްވަން މަސައްކަތްޕުޅުކުރެއްވުމުގައި ކާމިޔާބު ކުރައްވަމުން ގެންދަވާ އަދި ލީޑަރޝިޕް ހޯއްދަވައި ކާމިޔާބު ހޯއްދަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.