"މިއަޅާގެ ފާފަ ފުއްސެވިކަން މިއަޅާއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟" މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. މާތްﷲ މީހެއްގެ ފާފަ ފުއްސެވިކަން ނުއެނގި ހިގައިދާނެއެވެ.
އެހެން ނަމަވެސް މާތް ﷲ ގެ މަގަށް ތިބާއަށް ވަދެވިއްޖެކަން އިހްސާސް ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. "ތިބާއަށް ހެޔޮ އަމަލެއް ކުރެވުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުމެވެ. ފާފައެއް ކުރެވިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކުރެވުމެވެ."
މުހިންމީ އިސްތިޣްފާރުކުރުމާއި ތައުބާވުމެވެ. އިސްތިޣްފާރު ކުރުމަކީ ތިބާއަށް ކުރީގައި ކުރެވިފައިވާ ކަންތައްތަކާއިމެދު ވިސްނައި އެކަންކަމަށް މާތް ﷲ ގެ ޙަޟްރަތުން މަޢާފަށް އެދުމެވެ. ތައުބާވުމަކީ ކުށެއް ނުކުރަން މާތް ﷲ ގެ ހަޟްރަތުގައި ވައުދުވުމެވެ. އެކަމަށް ބައިތު ހިފުމެވެ.
މިކަންކަމަކީ ހަމަ ބުނެލާ ބަސްތަކަކަށް ނުހަދާށެވެ. މިއީ އެއަށްވުރެ މާބޮޑެތި ކަންކަމެވެ. ތައުބާ ވެއްޖައީމޭ ބުނެ ކުށްކުރުންމަތީގައި ދެމި ނުހުންނާށެވެ. އެއިރުން އެއީ ހިތުގެ އަޑިންވީ ތައުބާއަކަށް ނުވެއެވެ.
ވިސްނާށެވެ! މީހަކު ހެޔޮ ހިތުން އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެނަމަ އެމީހަކަށް މާތް ﷲ ލޯބި އިތުރުކުރައްވަވައެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވާ މީހުންނަށް އެކަމުން ހިތްހަމަޖެހުން ލިބޭނެއެވެ.
ގިނަގިނައިން ތައުބާވާންޖެހޭނެއެވެ. ނަމަވެސް އެއިގެ މާނައަކީ ކުށްކުރުން މަތީގައި ދެމިހުރުމެއް ނޫނެވެ. ތައުބާވުމަށްފަހުގައިވެސް ކުށެއް ކުރެވިދާނެއެވެ. އިންސާނުން ކަމަށްވީތީއެވެ. ނަމަވެސް އަޒުމް ކަނޑައަޅުމާއިއެކު ގަދައަޅައި މަސައްކަތްކުރަންވީ ކުށެއް ނުކުރުމަށެވެ.
ގުޅުންހުރި ވީޑިއޯ: