ނަމާދު ކުރަން ޖެހޭކަން އިނގޭ. ނަމާދު ކުރަންވީ ކީއްވެކަން އިނގޭތަ؟

ކިޔުމަށް ހޭދަވާނީ 2މ 43ސ
ނަމާދު ކުރަން ޖެހޭކަން އިނގޭ. ނަމާދު ކުރަންވީ ކީއްވެކަން އިނގޭތަ؟
އިސްލާމްދީނުގައި ނަމާދު ކުރުމުގެ މުހިންމުކަން ކޮންމެ މުސްލިމަަކަށް ވެސް އެނގެއެވެ. ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ދެވަނަ ރުކުން ކަމުގައި ވެފައި، އެއީ ފަރުޟީ އަޅުކަމެއްކަން ވެސް ހުރިހާ މުސްލިމުންނަށް ވެސް އެނގެއެވެ. ނަމާދު ކުުރުމުން ފައިދާ ލިބޭނީ ހަމައެކަނި މިދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައިވެސް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ.

ނަމާދުގެ މުހިންމުކަން ކީރިތި ޤުރްޢާނުންނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުން ވެސް ހާމަ ވެގެންދެއެވެ.

ނަމަވެސް ބައެއް މީހުންނަށް، ނަމާދު ކުރުމުން ލިބެނީ ކޮންކޮން ފައިދާތަކެއްކަން ފުރިހަމައަށް ނޭނގޭކަމާއި ނަމާދު ކުރަން ފަށަންވީ ކީއްވެކަން ނޭނގޭކަން ފާހަގަ ކުރެވެއެވެ. ނަމާދު ކުރުމުން މިދުނިޔެއާއި އާޚިރަތުގައި ވެސް ލިބޭ ސަވާބާއި ދަރުމަ އެހާމެ ގިނައެވެ.

• އެއަޅަކާއިމެދު މާތް ﷲ ރުއްސުންލެއްވުން

ކީރިތި ޤުރްޢާނުގައި އެކަލާނގެ ވަޙީ ކުރައްވާފައިވަނީ، އެކަލާނގެ ހުރިހާ އަޅުތަކުންނާއި ވެސް އެކަލާނގެ ކައިރީގައިވާ ކަމަށެވެ. ނަމާދު ކުރުމަކީ އެކަލާނގެ ނުހަނު ރުއްސުންލައްވާ ކަމެކެވެ. އެކަލާނގެ އަޅުތަކުން، އެކަލާނގެއަށް އަޅުކަން ކުރާތަން ފެނުމުން، އެއަޅަކާއިމެދު އެކަލާނގެ ގިނަގުނަ ރުއްސުންލައްވައެވެ.

• ސިކުނޑިއަށް ލުއިކަމެއް ލިބި، ހަމަޖެހުން

ނަމާދު ކުރުމުން ސިކުނޑިއަށް ލުއިކަމެއް ލިބި، ސިކުނޑި ހަމަޖެހޭނެ ކަމަށް އިބްނު އުމަރް (ރަޟިއަﷲ އަންޙު) ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ރިވާކުރި ޙަދީޘެއްގެ މާނައިގާ ވަނީ ނަމާދުން ތެދުވާ މީހާ ގެ ސިކުނޑިއަށް ލުޔެއް ލިބިފައިވާކަން އެމީހަކަށް އިޙުސާސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ބަލި އެނދުގައި އޮންނަ މީހާވެސް ނަމާދެއް ވައްޓާނުލާ، ކުރެވެން އޮތް ގޮތަކަށް ނަމާދު ގާއިމް ކުރުމަށް ރަސޫލާ (ޞޢޥ) ޙަދީޘް ކުރައްވާފައިވެއެވެ.

• ރަސޫލާ (ޞޢޥ) ގެ ސުންނަތެއް

ނަމާދު ކުރުމަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ސުންނަތުގެ ތެރެއިން ވެސް ހިމެނިގެންވާ މަތިވެރި އަޅުކަމެކެވެ. އަދި ރިވާއަތްތަކުން ހާމަވެފައިވާ ގޮތުގައި މާތް ރަސޫލާ (ޞޢޥ) އާލާސްކަންފުޅާއި އުޅުއްވި ދުވަސްތަކުގައި ވެސް ބަރާބަރަށް މިސްކިތައް ގޮސް ނަމާދު ގާއިމްކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުންނަތައް އުޅުމަކީ، އެކަލޭގެފާނުގެ އުންމަތުން ކުރައްވަން ވާނެ ކަމެކެވެ.

• ފަހު ދުނިޔޭގައި މަންފާ ލިބުން

"ނަމާދު އަދާ ކުރިންތަ" ހިސާބު ބައްލަވާ ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާއި ބެހޭ ގޮތުންނެވެ. މިއީ ވެސް ނަމާދުގެ މުހިންމުކަން އަންގައިދޭ އެއްކަމެވެ. ހިސާބު ބައްލަވާ ދުވަހު އެކަލާނގެ ހުރިހާ އަޅުތަކުންނާއި އެންމެ ފުރަތަމަ ކުރެވޭ ސުވާލަކީ އަދާ ކުރި ނަމާދުތަކާއި އަދާނުކޮށް ދޫކޮށްލި ނަމާދުތަކާއި ބެހޭ ގޮތުންނެވެ.

• ހުރިހާ މައްސަލަތަކަށް ޙައްލު ލިބުން

ފިކުރު ބޮޑުވެ ކަންކަމާއި މާޔޫސްވެ ނަފްސާނީ ގޮތުން ބަލިކަށިވުމަކީ، ފާފަތައް ކުރުމަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަމެވެ. ނަމަވެސް ނަމާދު ގާއިމު ކުރުމުން މިފަދަ ކަންކަމުން އިންސާނާ ސަލާމަތްވެ، ރައްކާތެރިވެވެއެވެ. ގަވައިދުން ނަމާދު އަދާ ކުރުމުން، ހިތް ނުތަނަވަސް ކަމުން ސަލާމަތްވެ ސިކުނޑިއަށް ހަމަޖެހުން ލިބެއެވެ. އަދި ދިމާވެފައިވާ މުސީބާތަކުން ޙައްލެއް ހޯދަން ބޭނުން ކަމުގައިވާ ނަމަވެސް ނަމާދު ގާއިމްކޮށް، އެކަލާނގެ ޙަޟްރަތަށް ދެންނެވުމުން، ހުރިހާ ކަމަކަށް ވެސް އެކަލާނގެ ޙައްލެއް ދެއްވައެވެ.

މިލިޔުމަކީ ވަރަށް ގިނަ ގިނަ ރިޕޯޓު ތަކެއް ލިޔުއްވާފައިވާ ބްލޮގަރ ފަޙާދް އުއްރަޙްމާން ޚާން، ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
މިއަދު އޮންލައިން