ރަސޫލާ (ޞޢޥ) ހުވަފެނުން ފެނުމުން އޭނާ ބުނީ "އަހަރެން ތަޢުބާވާން ބޭނުން"

ކިޔުމަށް ހޭދަވާނީ 2މ 51ސ
ރަސޫލާ (ޞޢޥ) ހުވަފެނުން ފެނުމުން އޭނާ ބުނީ "އަހަރެން ތަޢުބާވާން ބޭނުން"
އިމާމު އަޙްމަދު ބިން ހަންބާލް ގެ އަވައްޓެރިއެއް ހުއްޓެވެ. އެމީހާއަކީ އެއްވެސް ވަރަކަށް އަޅުކަމެއްކޮށް އުޅުނު މީހެއް ނޫނެވެ. އޭގެ އިތުރުން އަބަދުވެސް ބޮޑެތި ފާފަތައް ކޮށްއުޅުމުގައި އޭނާގެ މުޅި ދިރިއުޅުން ހޭދަ ކޮށްލި މީހެކެވެ.

ފަހު ދުވަހެއްވާ ކަމާއި، ހިސާބު ބައްލަވާނެ ކަމާއި ފާފަތައް ކުރަމުން ދާނަމަ، އާޚިރަތުގައި ވަރަށް ވޭނާއި އަޒާބު ލިބޭނެކަން އެނގިހުރެވެސް ވަރަށް އޭނާގެ އުޅުން އިސްލާޙު ކުރަން އެއަވައްޓެރިޔާ ހިތަކަށް ކުރިއަކުން ނޭރިއެވެ.

އެއްދުވަހު އޭނާ އިމާމް އަހުމަދުގެ އަރިހަށް ގޮސް ސަލާމް ގޮވިއެވެ. އޭނާގެ ސަލާމް ބަލައިގެން ނަމަވެސް، އެމީހާއަށް ޚާއްސަ އަޙައްމިއްޔަތު ކަމެއް އިމާމު ނުދެއެވެ. އެެހެންކަމުން އޭނާ ބުންޏެވެ.

"އަހަންނަށް މާބޮޑު ސަމާލު ކަމެއް އިމާމު ނުދިނީ ކީއްވެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަންނަށް ރޭ ފެނުނު ހުވަފެނަކުން، އަހަރެންގެ މުޅި ޙަޔާތް ބަދަލު ކޮށްލައިފިއެވެ. އަހަރެން ބޭނުންވަނީ، ފާފަ ކުރުމާއި އެނޫންވެސް ނުބައި ވެގެންވާ ހުރިހާ ޢަމަލުތައް ކުރުން ހުއްޓާލާ މާތް ﷲ ގެ ޙަޟްރަތައް ތައުބާވެ، ޞާލިޙު އަޅަކަށް ވާށެވެ"

އޭނާގެ އެބަސްތައް އަޑު އިވުމުން އިމާމު، އެއަވައްޓެރިއާއަށް ފެނުނު ހުވަފެން އަޑުއަހާ ހިތްވިއެވެ. އެހެންކަމުން ހުވަފެން ކިޔާ ދިނުމަށް އެދުނެވެ.

"އަހަންނަށް ހުވަފެނުން ފެނުނީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އެވެ. އެކަލޭގެފާނު އިންނެވީ އަހަރެންގެ އިތުރުން ވަރަށް ބައިވަރު މީހުންނާއިއެކުއެވެ. އޭގެ ތެރެއިން ފަހަރަކު މީހަކު އެކަލޭގެފާނު އަރިހަށް ގޮސް، އެމީހުންނަށް ދުޢާ ކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އަހަރެން ވެސް އެކަލޭގެފާނު އަރިހުން، އަހަންނަށް ދުޢާ ކޮށްދެއްވުމަށް އެދި ދަންނަވާ ހިތްވިއެވެ. ނަމަވެސް އަހަރެންގެ ފާފަތަކުގެ އަދަދު ގިނަވެފައި އެފާފަތައް ބޮޑެތި ކަމުން، އެކަލޭގެފާނު އަރިހުން އަހަންނަށް ދުޢާ ދަންނަވާ ދޭން އެދެން ނުކެރުނެވެ.

އެންމެން ދިޔުމުން މާތް ރަސޫލާ މުޙައްމަދު (ޞޢޥ) އަހަންނަށް ގޮވާ، އެކަލޭގެފާނުން އަރިހުން ދުޢާ އެއް ކޮށްދެއްވުމަށް ނުއެދުނީ ކީއްވެތޯ އެއްސެވިއެވެ. ޖަވާބުގައި އެއީ އަހަރެންގެ ފާފަތައް ބޮޑުވެފައި ގިނަކަމުން ކަމަށް އަހަރެން ބުނީމެވެ. އެހިނދު އެކަލޭގެފާނު ޙަދިޘްފުޅު ކުރެއްވީ، ފާފަތައް ކިތަންމެ ގިނަ ނަމަވެސް، ދުޢާ ކޮށްދެއްވަން އެކަލޭގެފާނު އަރިހުން އެދިލެއްވުމަށެވެ. އެހެންކަމުން އަހަންނަށް ވެސް ދުޢާ ކޮށްދެއްވުމަށް އެދުމުން، އެކަލޭގެފާނު އަހަންނަށް ވެސް ދުޢާ ކޮށްދެއްވިއެވެ.

އަހަންނަށް ހޭލެވުނީ، އަހަރެން ދިރިއުޅެމުން ދިޔަ ގޮތްތަކާއި މެދު، އަމިއްލަ ނަފްސަށް ނަފުރަތު ކުރަމުންނެވެ. އަދި އެކަލޭގެފާނު މާތް ކަމާއި އޯގާތެރިކަން އަހަންނަށް ވިސްނި، މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އޯގާތެރިކަން ވެސް އަހަންނަށް ވިސްނުނެވެ. އެހެންކަމުން އަހަރެން ބޭނުންވަނީ އަހަންނަށް ކުރެވުނު ހުރިހާ ފާފަތަކަކަށް ތަޢުބާވެ ޙައްޤު ވެގެންވާ ތެދުމަގަށް އުޅުމަށެވެ." އަވައްޓެރިޔާ އޭނާއަށް ފެނުނު ހުވަފެން ކިޔާދީ ބޭނުންވާ ކަންތަކުގެ ވާހަކަ ކިޔާދީ ނިމުން އިރު، އިމާމު އަޙުމަދު ހުރީ އުފަލުން ގޮސް ފެން ކަޅި ވެފައެވެ.

އިމާމުގެ ދަރިވަރުންނަށް ގޮވާލާ، އޭނާގެ އަވައްޓެރިޔާ ދައްކާފައި ބުންޏެވެ. "މީނާ ދައްކާ ވާހަކަ އަޑުއަހާ އަބަދުވެސް ހަނދުމަ ކުރާށެވެ. އަދި އަންނަން އޮތް ޖީލަށް މިވާހަކަ ކިޔާދެއްވައްޗެވެ"
ޙައްޤު ވެގެންވާ ތެދުމަގަށް ދިރިއުޅުމަށާއި، އަޚުލާޤް ރަނގަޅުކޮށް، ފާފަތައް ކުރުމުން ދުރުހެލިވެ ތަޢުބާވާނެ ގޮތް އިމާމު އަޙުމަދު އެއަވައްޓެރިޔާ އަށް ކިޔާ ދެއްވިއެވެ.
މިއަދު އޮންލައިން