ނިންޖަކީ ﷲ ސުބްޙާނަހޫ ވަތައާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތެވެ.
ނަމަވެސް ނިދުމުގެ ކުރިން ބައެއް ކަންތައްތައް ކުރަން އިސްލާމް ދީން ބާރު އަޅާފައިވެއެވެ.
މިކަންކަމަކީ ގަދަ ނިންޖެއް ނިދަން ބޭނުންވާ މީހުންނާއި، ދުވާލު ގަޑީގައި ކުޑަކޮށް ނަމަވެސް ނިދާލަން ބޭނުންވާ ފަރާތްތަކުންވެސް ކުރަން ޖެހޭ ކަންކަމެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ނިދުމަށްފަހު އަޅުން ހޭލެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް ހިނދު، ނިދުމުގެ ކުރިން މިކަންކަން ކުރުމަކީ ފައިދާހުރި މުހިންމު ކަންތައްތަކެއް ކަމަށެވެ.
އެގޮތުން ރަސޫލާ (ޞޢޥ) ގެ އަހްލުބައިތުން ކިޔާދެއްވާފައިވަނީ، ނިދުމުގެ ކުރިން މިފަސް ކަންތައް ކުރުމަށެވެ. މިއީ މާތް ނަބިއްޔާ (ޞޢޥ) ގެ ސުންނަތުގެ ތެރެއިން ހިމެނިގެންވާ ފަސް ކަމެވެ.
• ނިދަން އޮށޯތުމުގެ ކުރިން ވުޟޫ ކުރާށެވެ. އަދި ތިން ފަހަރު ބިސްމިﷲ ކިޔާފައި އެނދުމަތި ފޮޅާލާށެވެ.
• ދެއަތްތިލަ ކައިރި ކުރުމަށްފަހު ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤް އަދި ސޫރަތުލް ނާސް ކިޔަވާށެވެ. އަދި އެއަށްފަހު ދެއަތްތިލައަށް ފުމެލުމަށްފަހު މުޅި ދެއަތާއި ހަށިގަނޑުގައި އަތް އުނގުޅާލާށެވެ. އަތް އުނގުޅަން ފަށަންވާނީ ބޮލާއި މޫނުން ފެށިގެން، ހަށިގަނޑުގެ އެހެން ބައިތަކުގައެވެ. ތިން ފަހަރު މިފަދައިން ކަންތައް ކުރަން ވާނެއެވެ.
• ސުބްޙާނަﷲ، އަލްޙަމްދުލިﷲ، އަދި ﷲ އަކްބަރް މިތިން ތަސްބީޙަ (ކޮންމެ ތަސްބީޙައެއް 33 ފަހަރު) ކިޔާށެވެ.
• އާޔަތުލް ކުރްސި އަދި ޝަޙާދަތު ކިޔަވާށެވެ.
• އަބަދުވެސް ކަނާތް ފަރާތަށް އޮވެ ނިދުމަށް އާދަ ކުރާށެވެ.