އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ މުސްލިމް ނޫން ސްކޫލަކަށް ކިޔަވަން ދަރިން ފޮނުވުމަކީ ޙަރާންކަމެއް ކަމަށާއި އެއީ ރޫހާނީ ދަންޖެހުމެއް ކަމަށް ޑރ. ބިލާލް ފިލިޕްސްް ވިދާޅުވެއްޖެއެވެ.
"މިހެން ބުނީމާ މިއީ ހައްދުފަހަނައަޅާފައިވާ ވާހަކައެއް ކަމަށް ބުނެފާނެ. ނޫން މިއީ ހައްދުފަހަނައަޅައިދިއުމެއް ނޫން. މިއީ މިކަން އޮތް ގޮތް. އެއަށްވުރެ ރަނގަޅު ޓީޗަރަކު ގެއަށް ގެނެސްގެން ކިޔަވައިދިނުންވެސް. މުސްލިމް ނޫން ސްކޫލަކަށް ދަރިން ފޮނުވުމަކީ ރޫޙާނީ ދަންޖެހުމެއް."
ޑރ. ބިލާލް ފިލިޕް ވިދާޅުވީ މިއީ މުސްލިމުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. "ބައެއް މުސްލިމް ސްކޫލްތަކުގައި ސްކޫލްތައް ހިންގާނެ ބަޖެޓް ލިބޭވަރަށް ވެސް ދަރިވަރުންނެއް ނެތް. މިއީ ބޮޑު ޖިނާޢީ ކުށެއް. އެކަމުގެ ފާފަ އުފުލަން އިސްލާމީ މުޖުތަމައުއަށް ޖެހޭނެ. އެކަން ރަނގަޅު ކުރެވެންހުރެ ނުކުރާ މީހުންނަށް ފާފައިގެ ބޮޑުބައި އުފުލަންޖެހޭނެ. އެކަން ކުރެވެން ނެތް މީހުންނަށް މާތް ﷲ ޢަފޫ ކުރައްވަވާނެ."
ޑރ. ބިލާލް ފިލިޕް ވިދާޅުވީ މިވިދާޅުވަނީ ކޮންމެހެން ހުރިހާ ކުދިން ހަަމައެކަނި އިސްލާމް ދީން ކިޔަވައިދޭ މަދުރަސާތަކަށް ފޮނުވަން ނޫން ކަމަށާއި ކުދިން ފޮނުވަންވީ ހަމައެކަނި މަދުރަސާތަކަށް ނޫން ކަމަށެވެ. ހުރިހާ މާއްދާތަކެއް ކިޔަވައިދޭ ތަންތަނަށް ފޮނުވުމަކީ ހަމަ އެންމެ ރަނގަޅުކަމެއް ކަމަށާއި ކަށަވަރުކުރަންވީ މާއްދާތައް ކިޔަވައިދޭންޖެހޭނީ އިސްލާމީ ނިޒާމުގެ ތެރެއިން ކަމެވެ.
ޑރ. ބިލާލް ފިލިޕް މިމޭރުމުން ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރިއަށް ރާވައި ޕްލޭނެއްގެ ތެރެއިން ކަންކަން ކުރުމުގައި ދަރިވަރުންނަށް ތައުލީމް ދޭންޖެހޭ ގޮތުގެ މައްޗަށްކަން ބަޔާންކުރައްވަމުންނެވެ.
ޑރ. ބިލާލް ފިލިޕް ވިދާޅުވީ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ ކުރިއަށް ޕްލޭންކޮށްގެން ކަމަށެވެ. އެގޮތުން ވިޔަފާރިތައް ކުރިއަށް ޕްލޭންކުރާ އުޞޫލުން އިސްލާމް ދީން ކުރިއެރުވުމަށާއި ހަރުދަނާ އީމާންކަން ލިބިގަތުމަށް އަދި އިސްލާމީ ޖީލެއް އުފެއްދުމަށް އިސްލާމް ދީނުގެ ކަންކަންވެސް ޕްލޭންކުރަން ޖެހޭ ކަމަށެވެ. ކަންކަން ކުރިއަށް ޕްލޭން ކުރުމުން 80 އިންސައްތަ ކާމިޔާބުކުރެވޭ ކަމަށެވެ.
ގުޅުންހުރި ވީޑިއޯ: