ޖުހޭމާން ނަމަކަށް ކިޔާ ޓެރަރިސްޓަކު މީގެ 38 އަހަރު ކުރިން ކައުބަތު ﷲ ގެފުޅަށް ދިން ހަމަލާގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 4މ 43ސ
ޖުހޭމާން ނަމަކަށް ކިޔާ ޓެރަރިސްޓަކު މީގެ 38 އަހަރު ކުރިން ކައުބަތު ﷲ ގެފުޅަށް ދިން ހަމަލާގެ ވާހަކަ
އެއީ މީގެ 38 އަހަރު ކުރިން 20 ނޮވެމްބަރ 1979 ވަނަ އަހަރުއެވެ. އެހެން ދުވަސް ތަކެކޭވެސް އެއްފަދައިން ފަތިސް ނަމާދަށް ބަންގި ގޮވުމުން، ސަތޭކަ ހާހެއްހާ މީސްތަކުން މަސްޖިދުލް ޙަރާމްގެ ގޭޓުކޮޅު ކައިރިއަށް، ނަމާދު ކުރުމަށް އެއްވިއެވެ.

އެދުހަވަކީ މުޅި މުސްލިމު އުއްމަތަށްއަނދިރިކަން ގަދަ ދުވަހަކަށް ވާނޭ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެއެވެ. ހުރިހާ ގޮތަކުން ވެސް އެދުވަސް ފެށުނީ، ހަމަ އާދައިގެ އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިންނެވެ. ނަމަވެސް އެދުވަސް ނިމުނުއިރު، އަޅުގަނޑުމެންގެ މުޅި މުސްލިމު އުއްމަތް ދުވަހަކުވެސް ދެކިފައިނުވާފަދަ ހިތާމަވެރި، ބިރުވެރި ކަންތައްތަކެއް ވަނީ ހިނގާފައެވެ.

ކައުބަތުﷲ ގެފުޅަށް ހަމަލާދީ، ޓެރަރިސްޓުންތަކެއް މާތް ވެގެންވާ ގެފުޅު ޙިޞާރުކުރީ 20 ނޮވެމްބަރ 1979 ގައެވެ. އެއީ ހިޖުރައިން 1400 ވަނަ އަހަރުގެ މުޙައްރަމު މަހުގެ އެއްވަނަ ދުވަހެވެ.



އެދުވަހު، ޝެއިޚް މުޙައްމަދު އިބްނު ސުބައްޔިދު އިމާމުވެ ހުރެ، ފަތިސް ނަމާދުކޮށް ނިމުމާއިއެކު ޙަރަމްފުޅު ތެރެއިން ބަޑީގެ ހަމަލާތަކެއްގެ އަޑު އިވެން ފެށިއެވެ. ނަމާދަށް ތިބި ހުރިހާ މީސްތަކުން ބިރުން ކޮޅުކޮޅަށް ދުވަން ފެށިއެވެ. އެހިނދު ކުރީ ސަފުން މީހަކު އިމާމު ސުބައްޔިދު ހުންނެވި މިންބަރަށް އަރާ، މައިކުން މީސްތަކުންނާއި މުޚާތަބު ކުރަން ފެށިއެވެ. އެމީހާއަކީ ޖުހޭމާން ބިން މުޙައްމަދު ބިން ސައީފް އަލް އުތެއިބީ ނަމަކަށް ކިޔާ މީހެކެވެ. އެވަގުތު އޭނާއާއިއެކު ވީ އެހެން މީހުންތަކެއް ޝެއިޚު ސުބައްޔިދު ވަށާލިއެވެ.

ޖުހޭމާން ވާހަކަ ދައްކަން ފެށިއެވެ. އޭނާ ބުނަމުން ދިޔައީ އެޤައުމުގައި އެވަގުތު ވަރަށް ގިނަ ކޮރަޕްޝަން ހުރި ކަމަށާއި ޝައިޠާނާ ގެ ވަސްވާސް މީހުންގެ މައްޗަށް ވެރިވެގެން، ޤިޔާމަތް ދުވަސް ކައިރިވަމުން ދިޔަ ކަމުގެ ބައިވަރު އަލާމާތްތައް ފެންނަމުން ވެސް ދިޔަ ކަމަށެވެ.

އޭނާ ދެން ބުނީ، ކޮންމެ 100 އަހަރަކުން އެއް އަހަރު ދީނުގެ ކަންކަން އައު ކުރާނެ މީހެއް އަންނާނެ ކަމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވާ ކަމަށެވެ. ޖުހޭމާން ދެން ބުނަމުން ދިޔައީ މުޅި ދުނިޔެ ބޭއިންސާފާއި ނުބައިކަމުން ފުރިފައިވާހިނދު މަހުދީ އެއް ފާޅުވާނެކަމަށެވެ. އެމީހާ ބުނި ގޮތުގައި އެއަހަރަކީ (1979 ވަނަ އަހަރަކީ) އެހުރިހާ (ނުބައި) ކަމަކަށް ނިމުން އަންނަ އަހަރަށް ވެފައިވާ މަހުދީ އެއް އެމީހުންގެ ތެރޭގައި އެވަގުތު ހުރި ކަމަށެވެ.



ޖުހޭމާން އެބުނި މަހުދީ އެއް މިންބަރަށް އައުމަށް ގޮވާލުމުން މީސްތަކުންގެ ތެރޭގައި ހުރި މީހެއް އޭނާ ކައިރިއަށް ދިޔައެވެ. އެހިނދު ޖުހޭމަން ބުންޏެވެ.

"އޭ މުސްލިމުންނޭވެ. ތިޔަބައިމީހުންގެ މަހުދީ އަކީ މިއީ އެވެ. އޭނާއަށް ބައިޔަތު ހިއްޕަވާށެވެ." މަހުދީއެއް ކަމަށް ބުނި މީހާއަށް ކިޔަނީ މުޙައްމަދު ބިން އަބްދުﷲ އެވެ. އެއީ ޤުރެއިޝުންގެ ތެރެއިންވާ ބައެއް ކަމުގައިވާ ޤަހްތާނުންގެ ތެރެއިން ހިމެނިގެންވާ މީހެކެވެ.

ޖުހޭމާން ބުނަމުން ދިޔައީ ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވި ފަދައިން، އެމަހްދީ ހުންނަވާނީ ޙަޖްރުލް އަސްވަދު އާއި އިބްރާހިމް (ޢސ) ގެ މަޤާމުފުޅާއި ދެމެދު ކަމަށާއި، އެމަހްދީގެ ނަންފުޅަކީ "މުޙައްމަދު" ކަމަށާއި ބައްޕާފުޅަކީ "ޢަބްދުﷲ" ކަމަށް ވުމުން، ޖުހޭމާން އެދެއްކި މީހާއަކީ ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވި މަހުދީ ކަމަށެވެ.

އެވަގުތު ޙަރަމްފުޅުގައި ތިއްބެވި ގިނަ މުސްލިމުންނަކީ ޢަރަބި ނޭނގޭ މީސްތަކުން ކަމަށްވުމުން، އެމީހުން ތިއްބެވީ އެތަނުގައި ވަމުން ދިޔަ ގޮތެއް ނޭނގިފައެވެ. އަދި އެވަގުތު އެތަނުގައި ތިބި އަރަބި ދަންނަ މީސްތަކުން ވެސް ތިބީ ހައިރާން ވެފައެވެ. ޙަރަމްފުޅުގެ ބޭރުން ބަޑީގެ އަޑުފައްގަނޑު އިވެމުން ދިޔައެވެ.

މާތް ވެގެންވާ މަސްޖިދުލް ޙަރާމްވީ ޙިޞާރު ކުރެވިފައެވެ. މީސްތަކުން ބިރުން އަމިއްލަ ފުރާނަ ސަލާމަތް ކުރައްވަން، ޙަރަމްފުޅުން ނިކުމެ ވަޑައިގަންނަވަން ކުރި ހުރިހާ މަސައްކަތެއްވީ ބެކާރެވެ.

ޙަރަމްފުޅުގެ ދޮރުކޮޅުތައް ބަންދު ކުރެވިފައިވީއިރު، ކޮންމެ ދޮރުކޮޅެއްގެ ކައިރީގައި ގާޑެއް ހުއްޓެވެ. ޙަރަމްފުޅުގެ ގާޑެއް ނޫނެވެ. ޖުހޭމާން އާއި އޭނާގެ ޓެރަރިސްޓު ޖަމާއަތު ގާޑުންނެވެ.

ޖުހޭމާން އާއި އޭނާގެ ޓެރަރިސްޓު ޖަމާއަތުން، ކައުބަތުﷲ ގެފުޅަށް ހަތިޔާރު ވައްދާފައިވަނީ، އެހަމަލާ ދިނުމުގެ އެއްދުވަސް ކުރިން ކަމަށް މަޢުލޫމާތު ލިބެއެވެ. މަރުވެފައިވާ މީހުންތަކެއްގެ ޖަނާޒާ ހެދުމަށް ކަމަށް ދައްކާ، ހަތިޔާރުތައް ޙަރަމްފުޅު ތެރެއަށް ވެއްދިއެވެ. ޖަނާޒާ ބޭއްވުމަށް ކަމަށްވާތީ، އެމީހުން އެތެރެއަށް ވެއްދި "ގަބުރު" ބަލާފާހެއް ނުކުރެއެވެ.

ޙަރަމްފުޅު ޙިޞާރުކޮށް ކައުބަތުﷲ ގެފުޅަށް ހަމަލާދީ، އެގޮތުގައި ހަފްތާއެއްހާ ދުވަސް ހޭދަވިއެވެ. އެއްވެސް މީހަކަށް ޙަރަމްފުޅުން ބޭރަކަށް ނުނިކުމެވެއެވެ. އަދި ޙަރަމްފުޅުގެ އެތެރެއަށް ވެސް ނުވަދެވެއެވެ. އެދުވަސްކޮޅު މާތް ވެގެންވާ ޙަރަމްފުޅުގައި ބައިވަރު ލޭއޮހޮރުންތައް ހިނގިއެވެ. އަދި ޖުހޭމާން އާއި އޭނާގެ ޓެރަރިސްޓު ޖަމާޢަތުން، މީސްތަކުން ކައުބަތުﷲ ގެފުޅު ވަށާ ޠަވާފު ކުރުން ވެސް މަނާ ކުރައްވާ ހުއްޓުވިއެވެ.

ޖުހޭމާން އާއި އޭނާގެ ޓެރަރިސްޓު ޖަމާއަތުގެ ކިބައިން ކައުބަތުﷲ ގެފުޅު ސަލާމަތް ކުރެއްވުމުގައި ސައުދީ އަރަބިއާގެ އަސްކަރިއްޔާ އަށް އެހީތެރިވެދެއްވީ ޕާކިސްތާނުގެ އެސްއެސްޖީ އިންނާއި ފްރާންސުގެ ޖީއައިޖީއެން އިންނެވެ.

މިއަސްކަރިއްޔާތަކުން ޖުހޭމާން އާއި އޭނާގެ ޓެރަރިސްޓު ޖަމާއަތާއި ހަނގުރާމަކޮށް 4 ޑިސެމްބަރ ގައި ނަސްރު ހޯދާ ކައުބަތުﷲ ގެފުޅާއި ޙަރަމްފުޅުގައި ބާކީ ތިބި މީސްތަކުން ސަލާމަތް ކުރެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ކައުބަތުﷲ ގެފުޅަށް ހަމަލާދީ ޙިޞާރުކުރުމުގައި 300 އާއި 600 އާއި ދެމެދު ޓެރަރިސްޓުން ހަރަކާތްތެރިވެފައިވެއެވެ. އެމީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ކުރި ހަނގުރާމައިގާ އޭގެ ތެރެއިން 117 މީހުން މަރުވެ ގިނަ ބަޔަކު ޒަޚަމްވި ކަމަށާއި، ނަސްރު ލިބުމުން އަތުލައިގަތް ޓެރަރިސްޓުން ސައުދީ ސަރުކާރާއި ހަވާލު ކުރެވުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ސައުދީ ސަރުކާރުން ވަނީ، އާންމުންނަށް ފެންނަ ގޮތަށް އެޓެރަރިސްޓުން ދަންޖައްސާ މަރާލާފައެވެ.








މިއަދު އޮންލައިން