ރޮނާލްޑޯގެ ރެކޯޑަކާ އެކު ރެއާލް ދެވަނަ ބުރަށް...

ކިޔުމަށް ހޭދަވާނީ 2މ 26ސ
ރޮނާލްޑޯގެ ރެކޯޑަކާ އެކު ރެއާލް ދެވަނަ ބުރަށް...
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑަކާއެކު އަޕޮއެލްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ދެވަނަ ބުރަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ރޭ އެޕޮއެލްގެ ގެ މައްޗަށް ރެއާލްއިން ކުރިހޯދާފައިވަނީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރޭގެ މެޗުން މޮޅުވެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ރެއާލް ދަތުރުކުރިނަމަވެސް އެޓީމު މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ރެއާލް އަށް ދެވަނަ ބުރުން ޖާގަލިބުނީ ކުޅުނު ފަސް މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ އަދި އެއްމެޗުން ބަލިވެގެން ޖުމްލަ 10 ޕޮއިންޓް ލިގެންނެވެ. މި ގްރޫޕްގެ އެއްވަނަ ހޯދާ ދެވަނަ ބުރުން ޖާގަހޯދާފައިވަނީ ޓޮޓެންހަމްއެވެ. އެޓީމު ވަނީ ކުޅުނު ފަސް މެޗުގެތެރެއިން 4 މެޗުން މޮޅުވެފައެވެ. އެއްމެޗުން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން އެޓީމަށްވަނީ ޖުމްލަ 13 ޕޮއިންޓް ލިބިފައެވެ.

އަޕޮއެލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަ މޮޑްރިޗްއެވެ. މެޗުގެ 39 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ކަރީމް ބެންޒެމާ ކާމިޔާބުކޮށްދިންއިރު އޭގެ ދެ މިނެޓްފަހުން ނާޗޯ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެންޒެމާ ވަނީ ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ރެއާލް އިން ފުރަތަމަ ހާފް ނިންމާލިއިރު އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ މި ދެ ގޯލަކީ ޗެމްޕިއަންސް ލީގުގައި އޭނާ މިއަހަރު ކާމިޔާބުކުރި 18 ވަނަ ގޯލެވެ. މިއާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އެއް އަހަރެއްގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިއާއަށެވެ. އަދި އޭނާވަނީ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ރޭ ޓޮޓެންހަމް އިން ވަނީ 1-2 އިން ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދާފައެވެ. އެހެން ކަމުން ރޭގެ މެޗުން ބަލިވުމުން ޑޯޓްމަންޑް ވަނީ މުބާރާތުން ކަޓާފައެވެ.

ރެއާލްގެ އިތުރުން މުބާރާތުގެ ދެވަނަ ބުރަށް ރޭ ވަނީ ތުރުކީގެ ބެސިކްޓަސް ވެސް ދަތުރުކޮށްފައެވެ. ބެސިކްޓަސް ދެވަނަ ބުރަށް ދަތުރުކުރީ ރޭ ޕޯޓޯއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުކޮށް އެޓީމު ހިމެނޭ ގްރޫޕް ޖީގެ އެއްވަނަ ލިބިގެންނެވެ. އެހެން ކަމުން މިއީ ބެސިކްޓަސްގެ ތާރީހުގައި ވެސް އެޓީމު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މެޗުތަކުގެ ތެރޭގައި ބާސެލޯނާ އަދި ޔުވެންޓަސް ބައްދަލުކުރަ މެޗުގެ އިތުރުން އެތްލެޓިކޯ މެޑްރިޑު އަދި ރޯމާ ބައްދަލުކުރާ މެޗު ހިމެނެއެވެ.

މިއަދު އޮންލައިން