ތިއުރެންނާއި އަހަރެންވެސް މަރުވާނެއެވެ. މަރުވީމާ ވާނެ ގޮތް އެނގޭހެއްޔެވެ؟ އެކަމަށް ވިސްނަން ހެއްޔެވެ؟ މަރުވީމާ ވާނެ ގޮތާއިމެދު ވިސްނައިލަން ހެއްޔެވެ؟
ވަގުތު ޖެހުމުން މަރުވެއެވެ. މަރުވި ޚަބަރު ވަރަށް ބާރަށް ފެތުރެއެވެ. މީޑިއާތަކުގައި އެވާހަކަތައް ހާމަކުރެއެވެ. މީސްތަކުން ޖަމާވެއެވެ.
ކަށުކަމާކެމީގެ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަށުނަމާދުކުރެއެވެ. އެއަށްފަހު މީސްތަކުންގެ ކޮނޑުތައް މަތީގައި ތިބާގެހަށިގަނޑު އުފުލައެވެ.
ހެޔޮދުޢާކުރަމުން ތިބާއަށްޓަކައި ކޮނެފައިވާ ކައްވަޅާއި ހަމައަށް ގެންގޮސް ފަރުވާތެރިކަމާއިއެކު ވަރަށް މަޑުމަޑުން ކައްވަޅަށް ތިރިކޮށް ފަސްލައި މަހާނަ ހަދާނެއެވެ.
ޢާއިލާގެ ބައަކު ދެރަވެގެން ރޯނެވެ. ތިބާ އުޅެފައިވަނީ ރަނގަޅަށް ކަމަށްވާނަމަ ތިބާ މަރުވުމުން ދެރަވާނެ ބައަކު އުޅޭނެއެވެ. ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެ ބައަކު އުޅޭނެއެވެ.
ތިބާ ބައަކަށް ދަރާ އޮތް ނަމަ ތިބާގެ މައްޗަށް ބައަކު ނަފުރަތު ކުރާނެއެވެ. ތިބާއަކީ މީހުންނަށް އަނިޔާވެރިވެ އުޅުނު މީހެއްނަމަ ތިބާގެ ކިބައިން ސަލާމަތްވީތީ ބައަކު އުފާކުރާނެއެވެ. ތިބާ އަކީ ބާރަށް މިޔުޒިކް ޖަހައި އަވަށްޓެރިންނަށް އުނދަގޫކޮށް އުޅުނު މީހަކު ނަމަ ތިބާ މަރުވީތީ އެމީހުން އުފާކުރާނެއެވެ.
ވިސްނާށެވެ. ރަނގަޅު ގޮތުގައި އުޅުނު މީހުން ތިބާގެ މައްޗަށް ހެޔޮ ދުޢާކުރާނެއެވެ. ހާސް ދެ ހާސް މީހުން ތިބާއަށް ސުވަރުގެ މިންވަރު ކުރެއްވެވުމަށް އެދޭނެއެވެ. އެ އަޑުތައް މާތް ﷲ އަށް އިވިވޮޑި ނުގަންނަވާނެ ކަމަށް ހީނުކުރާށެވެ. މާތްﷲ އެމީހުންގެ ދުޢާ އިޖާބަކުރައްވާނެއެވެ.
ދުވަސް ކޮޅަކުން މީސްތަކުން ތިބާގެ މަތިން ހަނދާން ނެތިގެންދާނެއެވެ. ހަނދާން ކުރަންތިބި އަނނބި ދަރިން، ފިރިން ވެސް މަރުވާނެއެވެ. ދެން ތިބާގެމަތިން ހަނދާންކުރާނީ ކާކުހެއްޔެވެ؟
މީގެ 200 އަހަރުކުރިން މަރުވި މީހުންގެ މަތިން މިހާރު ހަނދާންކުރަނީ ކާކުހެއްޔެވެ؟ ތާރީޚުގައި ލިޔެވިފައިވާ މަދު މީހެއް މެނުވީއެވެ.
ވިސްނާށެވެ. މަރުވަނީ އެއްފަހަރުއެވެ. މަރުވުމުން ތިބާގެ ދެވަނަ ހަޔާތް ފެށުނީއެވެ. އެ ހަޔާތުގެ ދިގުމިން އެނގެނީ ކާކަށް ހެއްޔެވެ؟
އަހަރެންގެ އުމުރަކީ ކޮބައިހެއްޔެވެ؟ ކައުއިތުރު ރަސުލާ މުޙައްމަދު (ޞޢވ) ގެ ހަދީޘްފުޅުން އެނގެން އޮތް ގޮތުގައި މިއުންމަތުގެ މީހެއްގެ އާންމު އުމުރަކީ 60 އަހަރާއި 70 އަހަރާއި ދެމެދެވެ.
ދެން ވިސްނައިލާށެވެ. އުމުރުން ،25 30 އަހަރުވަން ދެން ކިޔަވަނީއެވެ. ތިމާގެ ހަޔާތަށް ތައްޔާރުވަނީއެވެ. އެ މުއްދަތު ކަނޑައިލުމުން ހަޤީޤީ ދިރިއުޅުން އުޅެން ލިބެނީ ވަރަށް ކުޑަ މުއްދަތެކެވެ. މަދު އަހަރުތަކެކެވެ. މަސައްކަތަށް ފެށުމުން ޢާންމު ގޮތެއްގައި ހެނދުނު 8 އިން ރޭގަނޑު 7 ޖަހަންދެން މަސައްކަތްކުރަން ޖެހެއެވެ.
އެގޮތުގައި އުޅޭއިރު އުމުރުން އަހަރުތައް ފާއިތުވެގެންދާ ގޮތް ވެސް ނުއެނގޭނެއެވެ. އަހަރުތައް މަސްތަކަށް، މަސްތައް ހަފްތާތަކަށް، ހަފްތާތައް ދުވަސްތަކަށް، ދުވަސްތައް މަދު ވަގުތު ކޮޅަކަށް ކުރުވެގެންދެއެވެ.
ވަގުތު މަދުވަމުން އައުމަކީ ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތެކެވެ.
ގުޅުންހުރި ވީޑިއޯ: