ތިބާގެ ކައްވަޅު ރަންބުރިތަކަކުން ފުރާލަން ބޭނުން ހެއްޔެވެ؟ ބޭނުން ކަމަށްވާނަމަ މިދައްކާ ވާހަކަތަކަށް ވިސްނައިލާށެވެ.
ނަމާދުގައި ކުރާ ކޮންމެ ރަކްއަތަކަށް ރަންބުރިއެއް ލިބޭނެ ނަމަ ތިބާ މެންދުރުނަމާދުގައި އެކަނިވެސް 60 ރަކްއަތް ކުރާނެއެވެ. ރަންބުރިތައް ލިބިގަތުމަށްޓަކައެވެ.
ވިސްނާށެވެ. މާތް ﷲ އީ އެންމެ ދީލަތިވަންތަ އިލާހްއެވެ. ތިބާ ކުރާ ހެޔޮ އަމަލުތަކަށް "އެވޯޑް" ދެއްވުމުގައި މާތް ﷲ ގެ ދީލަތިވަންތަކަން މާބޮޑެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. ވީއިރު އެންމެ ކުޑަމިނުން ފަރުޟު ނަމާދުތައް ކުރަން ތިބާ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟
ޔަޤީން ކުރަންވީ ކަމަކީ ކޮންމެ މީހަކީވެސް މަރާއި ކުރިމަތިލާންޖެހޭނެ މީހެކެވެ. މަރުގެ ވަގުތު އައުމުން ތިބާއަކީ ޞިއްޙަތު ރަނގަޅު މާވަރުގަދަ މީހެއް ކަމަށް ބުނެ އިޒުރެއް ނުދެއްކޭނެއެވެ. މަރުގެ ވަގުތު ޖެހެމުން ކިތަންމެ ޞިއްޙަތު ރަނގަޅު މީހާއަށް ވެސް ޖެހެނީ މަރުވާށެވެ.
މަރުވުމަށްފަހު ތިބާއަށް ލިބޭނީ ތިބާ ދުނިޔޭގައި ހުރިއިރު ކުރި ހެޔޮކަމެއްގެ ސަވާބެވެ. އެކަން އަހަރެމެން އެންމެންވެސް ޤަބޫލުކުރަމުއެވެ. ވީއިރު ދުނިޔޭގައި ހުންނަން ލިބޭ މަދު ވަގުތުކޮޅުގައި ވީހައި ގިނަ އަޅުކަންކޮށް ރަންބުރިތަކުން ކައްވަޅު ފުރާލަން މަސައްކަތް ކުރަން ފަސްނުޖެހޭށެވެ.
ކުށެއް ކުރަން ހިތަށް އެރުމުން ވެސް ކުށަށް އަރައިނުގަނެ ހުރެ ާމާތް ﷲ އަށް ދަންނަވާށެވެ. "އެކުށަށް އަރައިގަންނަން މިއަޅާގެ ނަފުސު ބޭނުންވުމުން ވެސް މިއަޅާ އަރައި ނުގަތީ އިނބަ ﷲ އަށް ބިރުވެތިވުމަށެވެ. އެކަމުގެ ސަވާބު ސުވަރުގެއިން މިއަޅާއަށް ދެއްވަވާންދޭވެ!"
އެކަމަށް އެދި މާތް ﷲ އަށް ދެންނެވޭނެއެވެ. އެމޭރުމުން މާތް ﷲ އަށް ދެންނެވުމުގެ ހައްޤު ތިބާއަށް ލިބިގެންވެއެވެ. އެ މޭރުމުން ދެންނެވުމަށް މާތް ﷲ ލޯބިފުޅު ކުރައްވަވައެވެ.
ވިސްނަވާށެވެ. ގެ ގަތުމުގެ އަގު ނުދައްކާނަމަ ނުވަތަ ކުލި ނުދައްކާނަމަ އެގެއެއް ނުލިބެއެވެ. ގެއިން ނުކުންނަން ޖެހެއެވެ. އާޚީރަތުގައިވެސް އޮތީ ހަމަ މިގޮތެވެ. ސުވަރުގެ ވަންނަން ބޭނުންނަމަ އެކަމަށް އަގެއްވެއެވެ. ފައިސާއަކުން ނޫނެވެ. ހެޔޮ އަމަލުތަކުންނެވެ.
މަރު އައިސް ތިބާ އާއި ބައްދަލުކުރުމުގެ ކުރިން މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ. ކައްވަޅާއި އާޚީރަތް ދުވަހުން ސަލާމަތްވެވޭނެ މަގުތައް ހޯދާށެވެ. ތައުބާވާށެވެ! ތައުބާގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ. މާތްﷲ އީ ތައުބާވާ މީހުންެގެ ތައުބާ ޤަބޫލުކުރެއްވެވުމުގައި "ޣަފޫރުއްރަހީމް" އެވެ.
ގުޅުންހުރި ވީޑިއޯ: