އަބޫ އަކީ އުމުރުން 49 އަހަރުގެ މީހެކެވެ. ހަކުރުބައްޔާއި ލޭމަތިވުމަށް އަދި ކޮލޮސްޓްރޯލަށް ވެސް ފިޒިޝިއަނުންގެ ފަރުވާ ހޯދައެވެ. ނަމަވެސް ހައްލެއް ނުލިބެއެވެ. އަބަދުވެސް ޖެހެނީ ޑޯޒް މަތިކުރާށެވެ.
ޑޮކްޓަރުން ބުނާހައި ގޮތަކަށް ކެއުމުގެ ކަންކަން އަބޫ ދިއައީ ބަދަލުކުރަމުންނެވެ. އެކަމުގެ ސަބަބުން ހަށިގަނޑު ލުއިވުން ނޫން ކަމެއް ނުވެއެވެ. ހަމައެކަނި ވާގޮތަކީ ބަލިތައް މަދުވަމުން ދިއުމެވެ.
އަހަރުތައް ދިގުލައިދާން ފެށުމުން ބައެއް މީހުން ބުނަން ފެށީ އަބޫއަށް ރަނގަޅު ނުވަނީ ސިހުރަކުން ކަމަށްވެދާނެ ކަމަށެވެ. އެ ފަދަ ބަސްތައް ބުނާ މީހުން ގިނަވާން ފެށުމުން އަބޫ ޤަޞްދުކުރީ ރުޤްޔާ އިން ފަރުވާދޭ މީހަކާއިި ބައްދަލުކުރުމަށެވެ.
ރުޤްޔާ އިން ފަރުވާ ދޭ މީހެއް ހޯދަން ކުރި މަސައްކަތުން އެފަދަ މީހެއްގެ ނަން ލިބުމުން އެމީހަކު ބުނާ ބަހެއް ބަލައިލަން އަބޫ އެމީހާގެ ގާތަށް ދިއައެވެ. ނަމަވެސް އޮޅުމަކުން ދެވުނީ ހަމަ އެނަން ކިޔާ ދީނީ ޢިލްމުވެރިއެއްގެ ގާތަށެވެ.
ބައްދަލުކޮށް އޭނާގެ ހާލު ކިޔައިދީ އަދި ބައްދަލުކުރި ބޭނުން ކިޔައިދިނުމުން ޝައިޚް ވިދާޅުވީ އޭނާއަކީ ރުޤްޔާގެ އިލްމް ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް އޭނާގެ ސުވާލުތަކަށް ޖަވާބުދީފިނަމަ އިސްލާމް ދީނުގެ ތެރެއިން ޝިފާއެއް ލިބޭނެ މަގެއް ވިދާޅުވެ ދެއްވިދާނެ ކަމަށެވެ.
އެކަމަށް އަބޫ އެއްބަސްވުމުން ޝައިޚް ސުވާލުތައް ކުރައްވަން ފެށްޓެވިއެވެ. "ތިބާ ސުންނަތް ނަމާދުތައް ކުރަން ހެއްޔެވެ؟ ފަރުޟު ނަމާދުތައް ކުރަންހެއްޔެވެ؟ ކީރިތި ޤްރްއާން ކިޔަވަން ހެއްޔެވެ؟ ޢާއިލީ ޒިންމާ އަދާކުރަން ހެއްޔެވެ؟ ޢާއިލީ ޒިންމާއަކީ ހަމައެކަނި އަނބިދަރިންގެ ޒިންމާއެއް ނޫނެވެ. މައިންބަފައިންނާއި ރަޙިމުގެ ގުޅުން އޮތް އެންމެންނެވެ. ކައި ބޮއި ހަދަނީ ހަލާލު ތަކެތި ހެއްޔެވެ؟ ބޭނުންކުރަނީ ޙަލާލު ފައިސާ ހެއްޔެވެ؟ މާތް ﷲ އަށް ދުޢާކުރަނީ ދުވާލަކު ކިތައްފަހަރު ހެއްޔެވެ؟"
ޝައިޚްގެ ސުވާލުތައް އަޑުއަހަން އަބޫ އިނެވެ. ދޭނެ ޖަވާބަކަށް ވިސްނަމުންދިއައެވެ. ޝައިޚް ކުރެއްވި އެއްވެސް ސުވާލަކަށް ޢާނއެކެވެ ބުނެވޭކަށް ނެތެވެ. ކޮންމެ ކަމެއްގައިވެސް އަބޫއަށް ވަނީ އިހްމާލްވެވިފައެވެ.
އަބޫ ޤަޞްދުކުރީ ތެދުބަހުން ވާހަކަ ދައްކާށެވެ. އަބޫ ޝައިޚަށް ދެންނެވީ އެ ހުރިހައި ކަމެއްގައިވެސް އަބޫއަށް ވަނީ އިހްމާލް ވެވިފައި ކަމަށެވެ.
ޝައިޚް ވިދާޅުވިއެވެ. "އަބޫއެވެ. އޮޅުމަކުން ނަމަވެސް ދެމީހުން ބައްދަލުވިކަން އެއީ ރަނގަޅު ފާލެއް ކަމަށް ބަލާށެވެ. މިއަދުން ފެށިގެން އުޅުން ބަދަލުކުރާށެވެ. ތިއަ ބުނާ އިހްމާލުވުންތައް ނައްތައިލާށެވެ.
ޑޮކްޓަރުންެގެ ބޭހަކީ ހަމައެކަނި ސަބަބެކެވެ. ޝިފާ ލިބެނީ ސަބަބުގައި ހިފަހައްޓައިގެން ހުރެ ކުރާ ދުޢާ އިންނެވެ. އެއްވެސް ބޭހަކަށް އެއްވެސް މީހަކަށް ޝިފާއެއް ނުދެވޭނެއެވެ. ޝިފާ ލިބޭނީ މާތް ﷲ މިންވަރުފުޅު ކުރެއްެވެވުމުންނެވެ.
އަބޫ ތިއަ ޖަހާ އިންސިޔުލިން އުފެއްދެވީ މާތް ﷲ އެވެ. އެ އިންސިޔުލިން އިން ފައިދާއެއް ލިބޭނީ އެ އުފެއްދެވި ފަރާތުގެ އިޒުނަ ލިބިގެންކަން ޔަޤީންކޮށްބަލާށެވެ.
އަބޫ ތިއަ ގެންދަނީ މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކަމުންނެވެ. އެކަންވެސް ކުރާށެވެ. އެއާއިއެކުވެސް އަބޫއަށް ވަގުތުވާނަމަ މަދުވެގެން ކޮންމެ 3 ދުވަހަކުން 1 ދުވަހު އަހަރެންނާއި ބައްދަލުކުރާށެވެ."
ދެމީހުން ސަލާންކޮށް ބައްދަލުވުން ނިންމައިލީއެވެ. ޝައިޚްގެ ގެއިން ނުކުމެގެންދަމުން އަބޫ ދިއައީ ޝައިޚްގެ ވާހަކަފުޅުތަކަށް ފުންކޮށް ވިސްނަމުންނެވެ. ޝައިޚް ދެއްވި އިރްޝާދުތަކުގައި ފުރިހަމައަށް ހިފުމަށް އަބޫ އަޒުމް ކަނޑައެޅިއެވެ.
ޝައިޚް ވިދާޅުވި ގޮތަށް އަބޫ އަމަލުކުރަން ފެށިއެވެ. ނަމާދެއް ނުއަޅައެވެ. ސުންނަތް ނަމާދުތައް ކުރަން ފެށިއެވެ. ކީރިތި ްޤްރްއާން ކިޔަވަން ފެށިއެވެ. ހަލާލުތަކެތި ނޫނީ ނުކައެވެ. ހަލާލު ފައިސާ ނޫނީ ބޭނުމެއް ނުކުރެއެވެ. ޢާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރަން ފެށިއެވެ.
ޝައިޚް ވިދާޅުވ ފަދައިން ކޮންމެ 3 ދުވަހަކުން 1 ދުވަހު ޝައިޚް ޢާއި ބައްދަލުކުރެއެވެ. ބައްދަލުވާ ކޮންމެ ދުވަހަކު ޝައިޚް ދެއްވާ ދީނީ ނަޞޭހަތްތައް ކަނުލައި އަޑުއަހައެވެ.
އެގޮތުގައި ހަފްތާއެއްހައި ދުވަސްވީތަނާ އަބޫއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ. ގައިގެ ހަކަތަ އިތުރުވާކަމަށް އިހްޞާޞްވާން ފެށިއެވެ.
މަސް ފުރިހަމަވުމުން ޓެސްޓްތައް ހަދައި ޑޮކްޓަރަށް ދެއްކިއެވެ. ނަތީޖާތަކަށް ބަލައި ޑޮކްޓަރަށް ޖެހުނީ ބޭހަށް ބަދަލު ގެންނާށެވެ. އިންސިޔުލިންގެ ބަދަލުގައި ބޭހަށް ބަދަލުކުރުމަށެވެ.
ބޭހަށް ބަދަލު ގެންނަމުން އައިސް 6 ވަނަ މަހު ޓެސްޓްތައް ހަދައި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނީ އިތުރަށް ބޭސްކެއުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތް ކަމަށެވެ. ކަސްރަތުކުރުމުން ފުދޭނެ ކަމަށާއި ނަމަވެސް ދުވަސްކޮޅެއް ވަންދެން ކޮންމެ 3 މަހަކުން ޓެސްޓްތައް ހަދައިލުން ރަނގަޅު ކަމަށެވެ.
އެންމެ މޮޅު ފިޒީޝިއަނުންގެ ބޭހަށް ނުގުޑި އަބޫގެ ބަލިތަކަށް މާތް ﷲ ގެ ވާގިފުޅާއިއެކު ޝިފާ ލިބިގެން އިދިއައީ ޑޮކްޓަރު ޝައިޚްގެ ފަރުވާއިންނެވެ. އަބޫ އަށް ލިބުނު ޝިފާއަކީ އެންމެންނަށް އޮތް އިބްރަތެކެވެ.