ޢައުރަ ނިވާ ނުކޮށް ޢާންމުންގެ ތެރޭގައި އުޅުމަކީ އެއްވެސް ބައަކު މަނާކުރާ ކަމެއް ނޫންކަން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެނގޭކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޚް އަލީ ޒައިދު ވިދާޅުވީ ޝޯޓު ވެސް ބާލައިގެން އާންމުން ފަތަން ތިއްބައި ފަތުރުވެރިންގެ ބައަކު މޫދަށް އެރުމުން އެމީހުން ގާތަށް ވަޑައިގެން އެއީ މަނާކަމެއް ކަމަށާއި ފުލުހުންނަށް އެނގިއްޖެނަމަ އައިސް މަނާކުރާނެ ކަމަށް ވިދާޅުވުމުން އެއީ މަނާކަމެއް ނޫން ކަމަށާއި ފުލުހުން ނުއަންނާނެ ކަމަށް ފަތުރުވެރިން ބުނި ކަމަށެވެ. "އެމީހުން ބުނީ އިޓްސް އޯކޭ އޭ. އެމީހުން އަޅުގަނޑުމެންނަށްވުރެ މާގަދަ."
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެއިރު އެތަނުގައި ބައެއް އާއިލާތަކުންވެސް މޫދަށް އެރި ތިބި ކަމަށާއި އެއިން މީހަކުވެސް އެކަމާއި ކަންބޮޑުވެގެން ނުއުޅޭ ކަމަށެވެ. އެންމެން ބަލަހައްޓައިގެން ތިބީ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ސްވިމް ސޫޓް ލައިގެން ޢާންމުންނަށް ފެންނަގޮތަށް ފެތުމާއި އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަމަށް ހިތްވަރުދީ ދަރިން ލައްވައި އެފަދަ ކަންކަން ކުރުވާ މައިން ބަފައިން ރާއްޖޭގައި ވެސް އެބަތިބި ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދަރިންނަކީ ކުޑަކުދިން ކަމަށް ބަލައި ޅައުމުރުގައި އެގޮތަށް އަމަލުކުރުމުން ދަރިން ބޮޑެތިވުމުން އެއީ ކުރަން ނުވާނެ، އިސްލާމް ދީނުގައި މަނާ ކަންކަން ކަމަށް ޤަބޫލުކުރުމުގައި ކުދިންނަށް ދަތިތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން އެންމެ ޅަ އުމުރުން ފެށިގެން ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ހުރިހާ ބެލެނިވެރިންވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. "މިގޮތަށް ގައަށް ހިފާފައި ހުންނަ ހެދުން ލުމަކީ ހެދުން ލައިގެން އައުރަ ނިވާނުކޮށް އުޅުން."
އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް އިސްލާމް ދީނުގައި އައުރަ ވަނީ ކަނޑައެޅިފައެވެ. ހުއްދަ ނޫން ބައެއްގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ އިސްލާމް ދީނުގައި ހަރާމްކަމެކެވެ.
(މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންެގެ މިސްކިތުގައި ދެއްވި ދަރުސުން)
ގުޅުންހުރި އޯޑިއޯ: