ޔޫރަޕް ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ ރަންބޫޓު، ބާސެލޯނާގެ ތަރި ލެއޮނަސް މެސީ ހަތަރުވަނަ ފަހަރަށް ހޯދައިފިއެވެ.
ބާސެލޯނާގައި ބޭއްވި ރަސްމިއްޔާތެއްގައި، މެސީއަށް ރަންބޫޓު ހަވާލުކޮށްދިނީ، އެންމެ ފަހުން ރަންބޫޓު ހޯދި ބާސެލޯނާގެ ސްޓައިކަރު ލުއިސް ސުއަރޭޒެވެ.
މެސީ ރަންބޫޓު ކާމިޔާބުކުރީ މި ދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގައި 37 ގޯލް ކާމިޔާބުކޮށްގެންނެވެ.
މި ރަންބޫޓާއެކު، މެސީ ވަނީ ވާދަވެރި ރިއާލް މެޑްރިޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރަކަށް ރަންބޫޓް ހޯދާފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ހަތަރު ފަހަރު ޔޫރަޕްގެ ރަންބޫޓު ހޯދާފައެވެ.
މި ރަންބޫޓު ލިބުމާ ގުޅިގެން މެސީ ބުނެފައިވަނީ މެސީއަށް ލިބޭ އިނާމްތަކަކީ އޭނާގެ މުޅި ޓީމުގެ މަސައްކުން ލިބޭ އިނާމުތަކެއް ކަމަށާއި، އެހެންވުމުން ހުރިހާ ޝުކުރެއް އޮތީ ބާސެލޯނާގެ ކުޅުންތެރިންނަށް ކަމަށެވެ.
މި ސީޒަނުގައި ވެސް މެސީ ވަނީ ކުޅުނު 12 މެޗުން 12 ލަނޑު ޖަހައިފައެވެ.