ޔުނައިޓެޑަށް ހަނި މޮޅެއް ލިބުނުއިރު، ޓޮޓެންހަމް ޕޮއިންޓަކުން ފުއްދާލައިފި

ކިޔުމަށް ހޭދަވާނީ 1މ 46ސ
ޔުނައިޓެޑަށް ހަނި މޮޅެއް ލިބުނުއިރު، ޓޮޓެންހަމް ޕޮއިންޓަކުން ފުއްދާލައިފި
އިންގްލިޝް ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ހަނި ގޮތަކުން މޮޅުވިއިރު، ޓޮޓެންހަމް ކުޅުނު މެޗު އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލައިފިއެވެ.

މިރޭ ޔުނައިޓެޑް ދަނޑުގައި ބްރައިޓޯންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 0-1 ގެ ނަތީޖާއިން އެ ޓީމު ހަނި ގޮތަކަށް މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން، މެޗުގެ ގިނަ ވަގުތު ޔުނައިޓެޑް ބޯޅަ ހިއްފަހައްޓައިގެން ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފު ޔުނައިޓެޑް ނިންމައިލީ ބްރައިޓޯންގެ ގޯލު ހުޅުވައި ނުލެވިއެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 66ވަނަ މިނެޓުގައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުވީ، ބްރައިޓޯންގެ ޑިފެންޑަރު ލުއިސް ޑަންކްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ޔުނައިޓެޑް މި މެޗު ކާމިޔާބުކުރެވުނީ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުން ހަނި ގޮތަކަށެވެ.

މިރޭ ޕްރެމިއާ ލީގުގައި ޓޮޓެންހަމާއި ވެސްޓް ބްރޯމް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްޗަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސްޓް ބްރޯމްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 4ވަނަ މިނެޓުގައި ހޯސޭ ސްލޮމޮންއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ލީޑެއްގައި ވެސްޓް ބްރޯމް އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން، ނަތީޖާ ޓޮޓެންހަމް ކޮޅަށް ބަދަލުކުރަން ޓޮޓެންހަމުން ދިޔައީ ވެސްޓް ބްރޯމް ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވަމުންނެވެ. އެ ގޮތުން މެޗުގެ 74ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުން ޓޮޓެންހަމް ނަތީޖާ އެއްވަރުކުރިއެވެ. އެހެންނަމަވެސް، މެޗު ނިމުނީ ޓޮޓެންހަމް ލީޑު ނުނެގި އެއްވަރުވެގެންނެވެ.

މި ނަތީޖާތަކާއެކު، ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ދެވަނާގައި ކުޅުނު 13 މެޗުން 29 ޕޮއިންޓް ލިބިގެންނެވެ. ލީގު ތާވަލްގެ އެއްވަނާގައި އޮތީ ޔުނައިޓެޑަށްވުރެ އެއް މެޗު މަދުން ކުޅެ، 34 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީއެވެ. ޓޮޓެންހަމް ލިބެނީ ކުޅުނު 13 މެޗުން 24 ޕޮއިންޓް ލިބިގެން ލީގު ތާވަލްގެ ހަތަރުވަނައެވެ.

މިއަދު އޮންލައިން