ބޮޑު ތަފާތަކުން ލެވަންޓޭ ބަލިކޮށް، އެތްލެޓިކޯ ތިންވަނައަށް
ރޭ ސްޕެނިޝް ލަލިގާގައި، ލެވަންޓޭއާ ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެތްލެޓިކޯ ކާމިޔާބުކޮށް، ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު އެތްލެޓިކޯއަށް ކާމިޔާބުވީ، މެޗުގެ 5 ވަނަ މިނެޓުގައި ލެވަންޓޭގެ ރޮބާޓޯ ސުއަރެޒްގެ އަތުން ބައިކޮޅަށް ވަދެގެންނެވެ.
މެޗުގެ 29ވަނަ މިނެޓުގައި އެތްލެޓިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ގަމެއިރޯއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން އެތްލެޓިކޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައި، 59ވަނަ މިނެޓުގައި އެތްލެޓިކޯގެ ތިންވަނަ ލަނޑު ޖަހައި، ލީޑު އިތުރަށް ފުޅާކޮށްދިނީ ވެސް ގަމެއިރޯއެެވެ.
އެތްލެޓިކޯގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ތަރި އެންޓޮއިން ގްރީޒްމަނެވެ.
މި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެން އެތްލެޓިކޯ ވަނީ ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފައެވެ. އެއީ ކުޅުނު 13 މެޗުން 27 ޕޮއިންޓް ލިބިގެންނެވެ. ހަތަރުވަނައިގައި އޮތް ރިއާލަށް ވެސް ލިބެނީ 13 މެޗުން 27 ޕޮއިންޓެވެ. ނަމަވެސް، އެތްލެޓިކޯއަށް ތިންވަނަ ލިބެނީ ރިއާލަށްވުރެ ގޯލް ތަފާތުން ކުރީގައި އޮވެގެންނެވެ.
ތާވަލްގެ އެއްވަނައިގައި ބާސާ އޮތީ އެއް މެޗު މަދުން ކުޅެ، 34 ޕޮއިންޓް ލިބިގެންނެވެ. ބާސާ ދެން ބައްދަކުރާނީ ލީގު ތާވަލްގެ ދެވަނައިގައި އޮތް ވެލެންސިއާއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12.45 ގައެވެ.