ރޭ އިންގްލިޝް ޕްރެމިއަރ ލީގުގައި ފަހަތުން އަރާ 1-2 ގެ ނަތީޖާއިން ހަޑާސްފީލްޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ވަނީ ޖެހިޖެހިގެން 11 މެޗު މޮޅުވެފައެވެ.
ރޭ ހަޑާސްފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ރަނގަޅު އެޓޭކިންގ ފުޓުބޯޅައެއް ކުޅެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީވެސް ސިޓީއިންނެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފު ނިމުނުއިރު ސިޓީއަށް ހަޑާސްފީލްޑްގެ ގޯލް ފޫއަޅުވާލެވޭނެ ގޮތް ނުވެފައެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގުނީ ހަޑާސްފީލްޑަށެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީގެ އަތުން ބައިކޮޅަށް ވަދެގެން ލިބުނު ލަނޑަކުންނެވެ.
ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ލީޑުގައި ހަޑާސްފީލްޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައި މާ ގިނައިރުތަކެއް ނުވަނީސް ސިޓީއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 47ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އަގުއޭރޯއެވެ.
ސިޓީގެ ދެވަނަ ލަނޑު ޖަހައި، އެ ޓީމަށް ކުރިހޯދައިދިނީ މެޗުގެ 84ވަނަ މިނެޓުގައި ރަހީމް ސްޓާލިންނެވެ.
ސިޓީގެ އިތުރުން ރޭ އާސެނަލް ވެސް ވަނީ އެ ޓީމު ކުޅުނު މެޗުން މޮޅުވެފައެވެ. އެއީ ބާލިންއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވެ، ސިޓީ ވަނީ ކުޅުނު 13 މެޗުން އެއްވެސް މެޗެއް ބަލިނުވެ، 37 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ އެއްވަނަ ހިފަހައްޓާފައެވެ. ދެވަނައިގައި ޔުނައިޓެޑް އޮތީ 13 މެޗުން 29 ޕޮއިންޓް ލިބިގެންނެވެ. ޗެލްސީ ކުޅުނު 13 މެޗުން 26 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތްއިރު، އާސެނަލް ވަނީ 13 މެޗުން 25 ޕޮއިންޓް ލިބިގެން ހަތަރުވަނައަށް ޖެހިލައިފައެވެ.