ބާސާއާއި ވެލެންސިއާގެ ވާދަވެރި ކުރިމަތިލުން ނިމުނީ ހަމަހަމަކޮށް

ކިޔުމަށް ހޭދަވާނީ 1މ 27ސ
ބާސާއާއި ވެލެންސިއާގެ ވާދަވެރި ކުރިމަތިލުން ނިމުނީ ހަމަހަމަކޮށް

ސްޕެނިޝް ލަލިގާގެ މި ސީޒަނުގެ ލީގު ތާވަލުގައި އެންމެ ކުރީގައި އޮތް ދެ ކުލަބު، ބާސާއާއި ވެލެންސިއާގެ ވާދަވެރި ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން ހަމަހަމަވެގެންނެވެ.
މި ސީޒަނުގައި ރަނގަޅު ކުޅުމެއް ކުޅެމެއް ދައްކަމުން އަންނަ ވެލެންސިއާ ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުން ފެށިގެން ބާރުގަދަ ބާސާއަށް މެޗު ކާމިޔާބުކުރަން އުނދަގޫތަކެއް ކުރިމަތިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

އެހެން ނަމަވެސް މެޗުގެ 30ވަނަ މިނެޓުގައި ބާސާގެ ތަރި ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ގޯލު އެތެރެއިން ވެލެންސިއާގެ ގޯލްކީޕަރު ނެރުނު ނަމަވެސް، މެޗުގެ ރެފެރީ ނިންމީ ބޯޅަ ގޯލުގެ އެތެރެއަށް ނުވަންނަ ކަމަށެވެ. މި ނިންމުމާ ގުޅިގެން ބާސާގެ ގިނަ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ރަނގަޅު ކުޅުމެއް ބާސާއާ ދެކޮޅަށް ދައްކާ، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ވެލެންސިއާއިންނެެވެ. މި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 60ވަނަ މިނެޓުގައި ރޮޑްރިގޯއެވެ.

މެޗު ނިމެން އަށް މިނެޓު އޮށްވާ، ބާސާގެ ލެފްޓް ބެކް ޖޯޑީ އަލްބާ ވަނީ ލަނޑެއް ކާމިޔާބުކޮށް ބާސާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗު ނިމެންދެން ބާސާ މޮޅުވިޔަ ނުދީ ވެލެންސިއާ ހިފެހެއްޓި ނަމަވެސް، އަދިވެސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ބާސާއެވެ. އެއީ ކުޅުނު 13 މެޗުން 35 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި ވެލެންސިއާ އޮތީ 13 މެޗުން 31 ޕޮއިންޓް ލިބިގެންނެވެ. ކުރީގެ ޗެމްޕިއަން ރިއާލް އޮތީ ކުޅުނު 13 މެޗުން 27 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ. ތިންވަނައިގައި އޮތް އެތްލެޓިކޯއަށް ވެސް 13 މެޗުން 27 ޕޮއިންޓް ލިބިފައިވެއެވެ. އެތްލެޓިކޯއަށް ރިއާލަށްވުރެ ކުރި ލިބެނީ ގޯލްގެ ތަފާތުން ކުރި ލިބޭތިއެވެ.
މިއަދު އޮންލައިން