ހައްދުފަހަނައަޅާފައި ތިބި މީހުން، އިސްލާމް ދީން "ހަޑިކުރުމުގެ" ފުރުޞަތު ނައްތައިލާނަން: ވަލީއަހުދު
އިސްލާމް ދީނުގެ ނަމުގައި އުޅޭ ހައްދުފަހަނައަޅާފައި ތިބި މީހުންނަށް އިސްލާމް ދީން "ހަޑިކުރުމުގެ" ފުރުޞަތު ނައްތަވައިލައްވާނެ ކަމަށް ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
ރިޔާޛްގައި މިއަދު ފެށި އިސްލާމީ މިލިޓަރީ އެލަޔަންސްގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މުޙައްމަދު ބިން ސަލްމާން ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ މިހައި ގިނަ އަދަދެއްގެ ޑިފެންސް މިނިސްޓަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާކަން އެއީ ހައްދުފަހަނަަޅައި ދިއުން ނައްތައިލެވޭނެ ކަމުގެ ސާފު ހެއްކެއް ކަމަށެވެ.
މުޙައްމަދު ބިން ސަލްމާން ވިދާޅުވީ އިސްލާމް ދީނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ބައަކު އަނިޔާވެރި އަަމލުތައް ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމް ދީނުގެ މާތްކަމަށް މައޝސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. "މިކަންކަން މިހެން ވުމަށް ފުރުޞަތުދީގެން ނުވާނެ. މިކަންކަން މިދަނީ އިސްލާމީ ޤައުމުތަކުން ފެންނަމުން. މިކަންކަން ބައްތައިލެވެންދެން މަސައްކަތް ކުރިއަށް ގެންދަން އެބަޖެހޭ."
މިދިަ ހުކުރު ދުވަހު މިޞުރުގެ މިސްކިތަކަށް ހަމަލާދީ 305 މީހުން މަރައިލި ހާދިސާ ފާހަގަކުރައްވައި މުޙައްމަދު ބިން ސަލްމާން ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ.