އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމަކީ ރަނގަޅު ހުކުމެއްކަމާއި، އިމްރާންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ސްޕްރީމް ކޯޓުން އަންގައިފިއެވެ.
2015ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަ ދެއްކިކަމަށާއި ޓެރަރިޒަމްގެ ކުށް އޭނާގެ ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި 12 އަހަރުގެ ޖަލު ހުކުމަށް ކުރިން ވަނީ ހައި ކޯޓުން ވެސް ތާއީދުކޮށްފައެވެ.
ސްޕްރީމް ކޯޓުން ބުނެފައިވަނީ ހައި ކޯޓުން ކުރި ހުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުގެ މަތިން ކޮށްފައިވާ ހުކުމަކަށް ވާތީ، އިސްތިއުނާފުގެ މައްސަލައަކީ ބަލައިގަންނަން ޖެހޭނެ މައްސަލައެއް ނޫންކަމަށް އެ ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.
ސްޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން، އެ ކޯޓަށް ހުށައަޅާ މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
16 ފެބުރުއަރީ 2017ގައި ކްރިމިނަލް ކޯޓުން އިމްރާނަށް ކުރި 12 އަހަރުގެޖަލު ހުކުމަށް 23 އޭޕްރީލް 2017ގައި ހައި ކޯޓުން ތާއީދުކުރުމުން، އެ ކޯޓުގެ ނިންމުން އިސްތިއުނާފުކުރަން އިމްރާންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައެޅީ މި އަހަރުގެ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.