މީހަކަށް ސަލާން ޖެހުމުން ބައެއް ފަހަރު އެމީހާ ރުޅި އާދެއެވެ. ދުރަށް ކޮއްޕައިވެސް ލައެވެ. އެއީ ދުނިޔޭގެ އާދައެވެ. ނަމަވެސް މާތްﷲ ލޯބިފުޅު ކުރައްވަވަނީ ގިނަގިނައިން އެކަލާނގެއަށް އާދޭސް ދެންނެވުމަށެވެ. ސަލާން ޖެހުމަށެވެ.
ދުޢާ ކުރަމުން އަހަރެމެން ދެއަތްތިލަ އުފުލައިލަމުއެވެ. މީހަކަށް ސަލާންޖަހާނަމަ ކުރަނީ ކީއްހެއްޔެވެ؟ ދެއަތްތިލަ ދިއްކޮށެއް ނުލަމުހެއްޔެވެ؟
ވިސްނާށެވެ. އަހަރެމެން މާތް ﷲ އަށް ގިނަގިނައިން އާދޭސް ދެންނެވި ވަރަކަށް އެކަލާނގެ އަހަރެމެން މަތިވެރިކުރައްވަވައެވެ. ވަރުގަދަ ކުރައްވަވައެވެ.
ކަމަކަށް ބޭނުންވުމުން ގޭގޭގެ ދޮރުގައި ޓަކި ޖަހައެވެ. މާތް ﷲ އަށް އާދޭސް ދަންނަވަނީ ކިތައް މީހުން ހެއްޔެވެ؟ މާތް ﷲ އަށް އާދޭސް ދަންނަވައި ސަލާން ޖަހަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟
"ޝަހާދަތުގެ ދެކަލިމަ އަކީ އެންމެ ބާރުގަދަ ދެކަލިމައެވެ. އެއިގެ ބޭނުން ހިފާށެވެ. ގިނަގިނައިން ކިޔާށެވެ. ގިނަ ގިނައިން ޝަހާދަތުގެ ދެ ކަލިމަ ކިޔާމީހާއަށް، ކިޔަން ބޭނުންވާ ހިނދު ފަސޭހައިން ކިޔޭނެއެވެ. މަރުމަތީގައި ކިޔަން ފަސޭހަވާނެއެވެ.
ފިރުއައުނު ޝަހާދަތް ކިޔަން ބޭނުންވިއެވެ. ނަމަވެސް އޭނާއަކަށް ނުކިޔުނެވެ. ކިޔުނީ ހަމައެކަނި ލާއިލާހައެވެ. އިއްލަ ﷲ އެއް ނުކިޔުނެވެ. އެއީ އޭނާ ކުރިން ކިޔާފައި ނުވާތީއެވެ.
އަހަރެމެންގެ ތެރެއިން މަރުމަތީގައި ޝަހާދަތް ކިޔަން އުޅެ ނުކީގެން އުޅެނިކޮށް މަރުވަނީ ކިތައް މީހުން ހެއްޔެވެ. އެކަން ގިނައިން ދިމާވަނީ ޢާންމު ގޮތެއްގައި ޝަހާދަތުގެ ދެކަލިމަ އާއި ދުރުގައި އުޅޭ މީހުންނަށެވެ. މިއީ ޢިބްރަތް ޙާޞިލުކުރަންވީ ކަންކަމެވެ.
ދުނިޔޭގައި ލިބޭ ދަރަޖައަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާއެއް ކުރާނީ ޝަހާދަތުގެ ދެކަލިމަ މަތީގައި މަރުވެވުމުންނެވެ، ވީމާ އެކަން ހިންމަވައިދެއްވަވާތޯ ގިނަގިނައިން މާތް ﷲ އަށް ސަލާންޖެހާށެވެ.
ގުޅުންހުރި ވީޑިއޯ: