ވަޓްފޯޑު ބަލިކޮށް ޔުނައިޓެޑުން އުއްމީދު އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
ވަޓްފޯޑު ބަލިކޮށް ޔުނައިޓެޑުން އުއްމީދު އާކޮށްފި


ރޭ އިންގްލިޝް ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗު، 2-4 ގެ ނަތީޖާއިން ޔުނައިޓެޑުން ވަޓްފޯޑް ބަލިކޮށް، ޔުނައިޓެޑުން ވަނީ ލީގު ނެގުމުގެ އުއްމީދު އަލުން އާކޮށްފައެވެ.

ވަޓްފޯޑްގެ ދަނޑުގައި، ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހައިފައެވެ. އެއީ މެޗުގެ 19ވަނަ މިނެޓާއި 25ވަނަ މިނެޓުގައި އޭޝްލީ ޔަންގް ކާމިޔާބުކޮށްދިން ދެ ލަނޑާއި 32ވަނަ މިނެޓުގައި އެންތޮނީ މާޝިއަލް ކާމިޔާބުކޮށްދިން ލަނޑެވެ.
ފުރަތަމަ ހާފު ނިމުނީ ޔުނައިޓެޑުން ތިން ލަނޑުގެ ލީޑުގައި އޮވެގެންނެވެ.

މެޗުގެ 77ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވަޓްފޯޑުގެ ޓްރޮއީ ޑީނީ، އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި މެޗުގެ 84ވަނަ މިނެޓުގައި ވަޓްފޯޑްގެ ޑުކޯރޭ ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑްގެ ލީޑު ލަނޑަކަށް ކުޑަކޮށްފައެވެ.

ޔުނައިޓެޑްގެ ފަހު ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން 4 މިނެޓަށް ވުމުންނެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑެވެ.

މި މެޗުގެ ނަތީޖާއާއެކު، ޔުނައިޓެޑާއި ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަޤުވަނީ 5 ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ. ޔުނައިޓެޑް އޮތީ 14 މެޗު ކުޅެގެން 32 ޕޮއިންޓް ލިބިގެން ތާވަލުގެ ދެވަނައިގައެވެ. ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެ، ސިޓީއަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީގެ 14ވަނަ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 1.00 ގައެވެ. މި މެޗުގައި ސިޓީ ބައްދަލުކުރާނީ ސައުތެމްޕްޓޯނާ ދެކޮޅަށެވެ. ސައުތެމްޕްޓޯން އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.
މިއަދު އޮންލައިން