ކުރެވުނު އެންމެ ހެޔޮ ކަމަކުން ތެދު މަގަށް އެޅުނު އަޅާގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 2މ 58ސ
ކުރެވުނު އެންމެ ހެޔޮ ކަމަކުން ތެދު މަގަށް އެޅުނު އަޅާގެ ވާހަކަ
ދީނީ ކަންތައްތަކަށް ނުހަނު ބޯލަނބާ، ޞާލިޙު އަޅެއް ގާތު އޭނާ އެހެން އުޅެން ފެށުނީ ކިހިނެއްތޯ، މީހަކު ސުވާލު ކުރިއެވެ.

ޖަވާބުގައި އޭނާ ބުންޏެވެ.

"އަހަރެންގެ ޒުވާން އުމުރުގައި އަހަންނަކީ އެއްވެސް ފާފައެއް ކުރަން ޖެހިލުންވި މީހެއް ނޫނެވެ. ކުދި ބޮޑު އެންމެހާ ފާފަތަކެއް ކުރަމުން ދިޔައީ ފަހު ދުނިޔެއެއް އޮންނާނެ ކަމުގެ ބިރު އެއްވެސް ގޮތަކަށް ހިތަށް ނުވައްދައެވެ.

އެއް ދުވަހު އަހަރެންގެ ރަޙްމަތްތެރިންނާއި އެކު މަގުމަތީ ގަދަވެލާފައި އިންދާ އަހަންނަށް ފެނުނީ ސަލާން ޖަހާ އަންހެނެކެވެ. ސަލާން ޖަހާ އެހެން މީހުންނާއި ޚިލާފަށް، އެއަންހެން މީހާއަކީ އެހާ އުމުރުން ދުވަސްވީ މީހެއް ނޫން ކަން އަހަންނަށް އެނގުނެވެ. އޭގެ އިތުުރުން، އެފަދަ ރީތި އަންހެނެއް އޭގެ ކުރިއަކުން އަހަންނަށް ފެނިފައެއް ނުވެއެވެ. އޭނާގެ އެރީތިކަން ފެނިފައި، އޭނާ ކައިރިން ޖިންސީ އުފާ ހޯދަން އަހަރެން ބޭނުންވިއެވެ.

އެހެންކަމުން އަހަރެން ކައިރިއަށް އައުމަށް އޭނާއަށް ގޮވީމެވެ. އަދި އަހަރެން ބޭނުންވާ ކަންތައް ކޮށްދިނުމުން ބައިވަރު ފައިސާ ދޭނަމޭ ބުނެ އަހަންނާއިއެކު ދިޔުމަށް ވެސް ބުނީމެވެ. އޭނާ އަހަންނާއިއެކު އައެވެ. ނަމަވެސް ހުރީ ވަރަށް ބިރުންނެވެ. ދެ ލޯވެސް ހުރީ ބޮޑުވެފައެވެ.

އޭނާއަށް ވަމުން ދިޔަ ގޮތް ފެނިފައި އަހަރެން ފަސް ޖެހެން ފެށިއެވެ. އަދި އޭނާއަށް ގެއްލުމެއް ނުވަތަ ދެރައެއް ނުދޭނަން ކަމަށް ބުނީމެވެ. އަހަރެން އެހެން ބުނި ނަމަވެސް އޭނަގެ ހާލު ދިޔައީ ބޮޑުވަމުންނެވެ. ބިރުން ގޮސް މުޅި މީހާ އެއްކޮށް ހުރީ ތުރުތުރު އަޅައަޅައެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމުގެ ވާހަކަތަށް ކިޔާ ދިނުމަށް އަހަރެން އެދުނީމެވެ.

އެއަންހެން މީހާ ބުނީ އޭނާއަކީ ހުވަފަތްވެފައިވާ އަންހެނެއް ކަމަށާއި ހަތަރު ކުދިންގެ މަންމައެއް ކަމަށެވެ. އެހީތެރިވާނެ އެއްވެސް މީހެއް ނެތުމުގެ ސަބަބުން ދަރިންނަށް ކާންދެވޭނެ ފަދައެއް ވެސް ނެތް ކަމަށާއި ސަލާން ޖަހަން ނިކުތީ އެހެންވެ ކަމަށާއި، އޭނާގެ ހަށިގަނޑު އެފަދައިން އެއްވެސް މީހަކަށް ކުރިން ދީފާނުވާ ކަމަށް މާތް ﷲ ގަންދީ ހުވާ ކޮށްފައި ބުންޏެވެ.

އޭނާގެ ހާލާއިމެދު އަހަރެން ހަމްދަރުދީވިއެވެ. އެހެންކަމުން އެފަދައިން ސަލާން ޖަހަން ނުއުޅުމަށް ބުނެ އޭނާއަށް ވަރަށް ގިނަ ފައިސާ ދިނީމެވެ. އޭނާ ދިރިއުޅޭ ގެ ހޯދައިގެން، އެއަންހެން މީހާގެ ދަރިންނަށް ކާއެއްޗެއްސާއި އަންނައުނު ވެސް ގަނެފައި ދިނީމެވެ. އަދި ބޭނުން ކޮންމެ ކަމަކު ޖެހުނު ކަމުގައި ވިޔަސް އަހަންނަށް އެންގުމަށް ބުނީމެވެ.

ކުރިން އަހަންނަކީ އަހަންނަށް ކުރެވޭ ކޮންމެ ނުބައި ކަމެއް ފޮތެއްގައި ލިޔާމީހެކެވެ. އެހެންކަމުން ގެއަށް ގޮސް މަންމަ ގާތު އެއަންހެން މީހާއަށް އަހަރެން ކޮށްދިން ހެޔޮ ކަންތަކުގެ ވާހަކަ ކިޔާ ދިނީމެވެ. މަންމަ ބުނީ އަހަންނަކީ އަބަދުވެސް ކުރާ ނުބައި ކަންތައް ލިޔާ މީހަކަށް ވުމުން، އެފަހަރު އަހަރެން ކުރި ރަނގަޅު ކަންތައް ވެސް އެފޮތުގައި ލިޔުމަށެވެ. އެހެންކަމުން އެކަން ކުރުމަށް އަހަރެން ވެސް ނިންމީމެވެ.

ނަމަވެސް ގޭގެ ހުރިހާ ތަނެއް ހޯދާ ބެލިއިރުވެސް، އަހަންނަކަށް އެފޮތެއް ނުފެނުނެވެ. މޭޒުމަތީގައި ކުޑަ ފޮތެއް އޮތްތަން ފެނިގެން އަހަރެން އެފޮތްނަގާ ބަލައިލީމެވެ. އެއީ ކީރިތި ޤުރްއާނުގެ ތަރުޖަމާ އެކެވެ. ތަރުޖަމާ ނެގުމަށްފަހު ހުޅުވި ފުރަތަމަ ޞަފްހާއިން އަހަންނަށް ފެނުނީ ސޫރަތުލް ޙޫދް ގެ އާޔަތެއްގެ މާނައެވެ. އެއާޔަތުގެ މާނައިގާ ވެއެވެ. 'ހަމަކަށަވަރުން ހެޔޮ ޢަމަލެއް ކުރުމުން ކޮށްފައި ހުރި ނުބައި ޢަމަލުތައް ފުހެވިގެން ދެއެވެ.' (ސޫރަތުލް ޙޫދް 11:114)
އެއާޔަތް ކިޔުމަށްފަހު އެކަލާނގެ ޙަޟްރަތަށް ދެއަތް އުފުލާ އަހަރެން ދުޢާ ކުރީމެވެ. 'ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. އިބަ ރަސްކަލާނގެ އިރާދަފުޅާއިއެކު މިއަޅާ މީގެފަހުން އެއްވެސް ނުބައި އަމަލެއް ނުކުރާ ހުށީމެވެ.' "
މިއަދު އޮންލައިން