ފަހު ވަގުތު ޖަހި ލަނޑާއެކު ސިޓީ އަނެއްކާ ވެސް މޮޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 52ސ
ފަހު ވަގުތު ޖަހި ލަނޑާއެކު ސިޓީ އަނެއްކާ ވެސް މޮޅުވެއްޖެ

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭގައި ފަހު ވަގުތު ސްޓާލިން ކާމިޔާބުކޮށްދިން ލަނޑުން 1-2 ގެ ނަތީޖާއިން ސައުތުހެމްޓަން ބަލިކޮށް ސިޓީ އަނެއްކާ ވެސް މޮޅުވެއްޖެއެވެ.
އެއްވެސް ޓީމަަކަށް ލަނޑެއް ނުޖެހި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ސިޓީގެ ކެވިންޑެ ބުރައިން ވަނީ ލަނޑެއް ކާމިޔާބުކޮށް ސިޓީއަށް ލީޑު ނަގައިދީފައެވެ.

އެހެން ނަމަވެސް މެޗުގެ 75ވަނަ މިނެޓުގައި ސައުތެމްޓަންގެ އޮރިއޯލް ރޮމޭއޫ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު ސިކުންތުގައި ކެވިންޑެ ބުރައިން ނަގައިދިން ބޯޅައަކުން ރަހީމް ސްޓާލިން ލަނޑެއް ކާމިޔާބުކޮށް ސިޓީ މޮޅުކޮށްދިނެވެ. ސްޓާލިން މި ލަނޑު ކާމިޔާބުކުރީ މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދިން ހަ މިނެޓު ތެރޭގައެވެ.

ރޭ ޕްރެމިއާ ލީގުގައި ޗެލްސީ، އާސެނަލް އަދި ލިވަޕޫލް ކުޅުނު މެޗު ވެސް އެ ޓީމުތަކުން ވަނީ މޮޅުވެފައެވެ.
އަމިއްލަ ދަނޑުގައި ސްވެންސީއާ ދެކޮޅަށް ކުޅުނު މެޗު، ޗެލްސީ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާއެވެ.

އާސެނަލުން ރޭގެ މެޗު ހަޑާލްސްފީލްޑް ބަލިކޮށް މޮޅުވީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އޮލިވިއާ ޖިރޫޑު ދެ ލަނޑު ކާމިޔާބުކުރިއިރު، މެސުޓު އޮޒިލްއާއި އަލެކްސިސް ސަންޗޭޒާއި އަލެކްސާންޑަ ލަކަޒޭ، މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

ރޭ ލިވަޕޫލް ވެސް ވަނީ އެ ޓީމު ކުޅުނު މެޗު މޮޅުވެފައެވެ. ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު، ލީގު ތާވަލްގެ އެއްވަނަވަނީ ސިޓީއިން ދަމަހައްޓައިފައެވެ. ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 14 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް ލިބެނީ 14 މެޗުން 32 ޕޮއިންޓެވެ. ކުޅުނު 14 މެޗުން 29 ޕޮއިންޓް ލިބެގެން ޗެލްސީ އޮތީ ތިންވަނައިގައެވެ. 28 ޕޮއިންޓާއެކު އާސެނަލް ހަތަރުވަނައިގައި އޮތްއިރު ލިވަޕޫލް އޮތީ 26 ޕޮއިންޓް ލިބިގެން ފަސްވަނައިގައެވެ.
މިއަދު އޮންލައިން