ފީފާ ވޯލްޑް ކަޕްގެ ގުރުނެގުން މާދަމާ
އަންނަ އަހަރު ރަޝިއާގައި ބާއްވަން ހަމަޖެހިފައިވާ ފީފާގެ 21ވަނަ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ 32 ޓީމު، ގްރޫޕްތައް ބެހުމުގެ ގުރުނެގުން މާދަމާ ރަޝިއާގެ މޮސްކޯގައި އޮންނާނެއެވެ. މި ގުރުނެމުގެ ރަސްމިއްޔާތު ފެށޭނީ ރާއްޖެ ގަޑިން ރޭގަނޑު 8.00 ގައެވެ.
މި ގުރުނެގުމުގެ ކުރިން ގްރޫޕްތަކަށް ޓީމުތައް ބަހަން ފީފާއިން ވަނީ 8 ޕޮޓަކަށް ޓީމުތައް ސީޑުކޮށް ކަނޑައަޅާފައެވެ.
ޕޮޓް އެކެއްގައި ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ރަޝިއާގެ އިތުރުން ފީފާ ރޭންކިންގައި އެންމެ ކުރީގައި އޮތް 7 ޓީމެވެ. އެއީ ފަހުގެ ޗެމްޕިއަން ޖާމެނީއާއި، ބްރެޒިލް، ޕޯޗުގަލް، އާޖެންޓީނާ، ޕޮލެންޑް، ބެލްގިއަމް އަދި ފްރާންސްއެވެ.
ދެން ހުރި ޕޮޓްތަކަށް ޓީމު ކަނޑައެޅުމުގައި ފީފާ ރޭންކިންގެ ތަރުތީބަށް އިސްކަންދީފައިވެއެވެ. އަދި އެއްވެސް ގްރޫޕެއްގައި ޔޫރަޕް ބައްރު ފިޔަވައި އެއްވެސް ބައްރެއްގެ ދެ ޓީމަކަށް އެއް ގްރޫޕަކަށް ނޯވެވޭވެތީ، އެކަމަށް ވެސް ބެލުމަށް ފަހުގައެވެ.
ޕޮޓް ދޭއްގައި ހިމެނެނީ ސްޕެއިން، ޕެރޫ، ސްވިޒަލެންޑް، އިންގްލެންޑް، ކޮލޮމްބިއާ، މެކްސިކޯ، އުރުގުއާއީ، އަދި ކްރޯޝިއާއެވެ.
ޕޮޓް ތިނެއްގައި ހިމެނެނީ ޑެންމާކު، އައިސްލެންްޑް، ކޯސްޓާ ރިކާ، ސްވެޑެން، ތުނިސިއާ، މިޞްރު (އެޖިޕްޓް)، ސެނެގަލް، އަދި އިރާންއެވެ.
ޕޮޓް ހަތަރެއްގައި ހިމެނެނީ ސާބިއާ، ނައިޖީރިއާ، އޮސްޓްރޭލިއާ، ޖަޕާން، މޮރޮއްކޯ، ޕަނަމާ، ސައުތް ކޮރިއާ، އަދި ސައުދި އަރަބިއާއެވެ.
ހަތަރު ޕޮޓްގައި ހިމެނޭ 32 ޓީމު ބަހައިލާނީ 8 ގްރޫޕަށެވެ. މުބާރާތް ބާއްވާ ޤައުމު ރަޝިއާ އޮންނާނީ ގްރޫޕް އޭގައެވެ. ޕޮޓް އެކެއްގައި ހިމެނޭ އަނެއް 7 ޓީމު ބަހައިލާނީ އަނެއް 7 ގްރޫޕަށެވެ. ދެން ހުރި ޕޮޓްތަކުގައި ހުރި ޓީމުތައް ވެސް ގުރުނަގައިގެން 8 ގްރޫޕަށް ބަހައިލާނެއެވެ.
ކޮންމެ ފަހަރަކުހެން، މި ފަހަރު ވެސް ވަރުގަދަ 4 ޓީމެއް އެއް ގްރޫޕެއްގައި ހިމެނި މަރުގެ ގުރޫޕެއް ދެކިލަން ގިނަ ބެލުންތެރިން ބޭނުންވާނެއެވެ.