ކަމެއް ކުރިމަތިވުމުން ނުވަތަ ބޮޑުކަމެއް ދިމާވުމުން ގިނަ ބައަކު އެކަނިވެރިކަން އިޚްތިޔާރުކޮށް އެކަނި ވަގުތުތައް ހޭދަކުރަން ބޭނުންވެއެވެ. ނަމަވެސް އެއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. އެކަން މެދުވެރިކުރުވަނީ ޝައިޠާނާއެވެ.
ޝައިޠާނާ އެކަން މެދުވެރިކުރުވަނީ ތިބާގެ އަމަލުތައް ބަދަލުކުރުވާށެވެ. މާޔޫސްކަން މަތީގައި ހުންނައިރު ވިސްނުން ތަޣައްޔަރުކުރަން ބޮޑަށް ފަސޭހަވާނެތީއެވެ. ފާހިޝް އަމަލުތަކަށާއި މަސްތުވާތަކެއްޗާއި ދިމާއަށް އަނބުރައިލުން ފަދަ ކަންކަން ފަސޭހަވާނެތީއެވެ.
ވިސްނާށެވެ. ކަމެއް ބޮޑުވެއްޖެނަމަ ފުރަތަމަ ކަމަކަށް މާތް ﷲ އާއި އިތުރަށް ކައިރިވާށެވެ. އަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ. ހިއްޞާ ކުރެވޭނެ އިތުބާރުކުރެވޭވަރުގެ ބައަކު ތިބިނަމަ އެބައަކާއިއެކު އަވަހަށް ހިއްޞާކޮށް އެހެން މީހުންގެ ލަފާ ހޯދާށެވެ.
ޢާންމު ދިރިއުޅުމެއް އުޅެން މަސައްކަތް ކުރާށެވެ. ވަޒީފާއެއް އަދާކުރާނަމަ އެކަން ފުރިހަމައަށް ކުރާށެވެ. ގޭތެރޭގެ މަސައްކަތްތަކަށް ދޭ ސަމާލުކަން އިތުރުކުރާށެވެ.
ވާހަކައެއް ކިޔައިދެން ހެއްޔެވެ. މިއީ މަދީނާގައި އަހަރެން ކިޔަވަންހުރިއިރު އެފްރިކާ މީހަކު ކިޔައިދިން ވާހަކައެކެވެ.
ފުރާވަރަށް އެރުމުން ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އޭނާ ބަލައިގަންނާނެ މީހަކު ނުވިއެވެ. ފަޤީރުކަމުންނެވެ. ސިފަ ހުތުރުކަމުންނެވެ.
އެގޮތުގައި އެތައް ދުވަހެއްވީފަހުން ކައިވެނިކުރަން ކުއްޖަކު އެއްބަސްވިއެވެ. ކައިވެނިކުރިއެވެ. ވަރަށް ކުރީކޮޅު ދަރިއަކު ލިބުނެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދެމައިންވެސް މަރުވީއެވެ.
ލިބުނު މާޔޫސްކަމުގައި ހަތަރު އުދަރެސް ފެނުޖެހުނެވެ. ނަމަވެސް ޖަނާޒާއަށްފަހު ހިތްވަރުކޮށްލާފައި ދިއައީ މިސްކިތަށެވެ. ހަޔާތުގެ ހިތި ހަނދާންތަކުގައި އެހިސާބުން ދިރިއުޅެން ފެށީ މިސްކިތުގައެވެ. ވަގުތުތައް ހޭދަކުރަމުން ދިއައީ މިސްކިތުގައެވެ. މިސްކިތުން ބޭރަށް ދަނީ ހަމައެކަނި ވަޒީފާ އަދާކުރުމަށެވެ.
އެއިގެ 2 އަހަރުފަހުން މިސްކިތް ބަލަން ދިއަ ސައުދީ ބައެއްގެ ތެރޭގައި ހުރި އަންހެނެކަށް އޭނާ ފެނިގެން މައުލޫމާތު އޮޅުންފިލުވައި އޭނާ އެނބުރި ސައުދީއަށް އައީ އޭނާ ގޮވައިގެންނެވެ.
މިހާރު އެއީ ދެމަފިރިންނެވެ. މިހާރުވެސް އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރަނީ މަސްޖިދުއްނަބަވީގައެވެ. އަދާކުރަނީ އެ މިސްކިތްކޮޅުގެ އިލެކްޓްރިޝިއަނެއްގެ ވަޒީފާއެވެ.
އޭނާގެ ވާހަކައިން އިބްރަތް ޙާޞިލުކުރާށެވެ. ދަތިތަކާއި ވޭންތައް ކުރިމަތި ކުރައްވަވަނީ މާތް ﷲ އެވެ. އެ އިމްތިހާނުން ފާސްވެއްޖެ ނަމަ އެމީހަކަށް މާހެޔޮ ގޮތްތައް މިންވަރު ކުރައްވަވައެވެ.