ތިބާ ލަދުވެތި ނުވަންތަ؟

ކިޔުމަށް ހޭދަވާނީ 2މ 42ސ
ތިބާ ލަދުވެތި ނުވަންތަ؟
ޝެއިޚް އަބްދުލް ބާރީ ޔަޙްޔާ ކިޔާދެއްވި ހަގީގީ ހާދިސާއެއްގެ ވާހަކައެވެ.

"އެއީ ރޭގަނޑުގެ ވަގުތެވެ. ހުރިހާ އެންމެންވެސް ވަނީ ނިދާފައެވެ. އެއް ފިރިހެނެއް ފިޔަވައެވެ.

އާއިލާގެ އެންމެން ނިދާފައިވީ ނަމަވެސް އެމީހާ ތެދުވެ، ޓީވީ ހުޅުވާލިއެވެ.

ޓީވީއިން އޭނާ ބެލޭ ބަލަން ނުވާފަދަ ޕްރޮގްރާމެކެވެ. ބަޔަކު މީހުން ފާޙިޝް ޢަމަލުތައް ހިންގަމުންދާ މަންޒަރުތައް ދެއްކުވި ޕްރޮގްރާމެކެވެ.

ކުއްލިއަކަށް ދޮރެއް ހުޅުވުނު އަޑު އިވިގެން ބަލާލިއިރު، އޭނާގެ ކުޑަ އަންހެން ދަރިފުޅު ކޮޓަރިން ނިކުތްތަން އޭނާއަށް ފެނުނެވެ.

އެކުޑަ ކުއްޖާއަށް އެއިރު ކިރިޔާ ވާހަކަ ދައްކަން ފެށުނީއެވެ. ދަރިފުޅަށް އެމަންޒަރުތައް ފެނުމުން، އޭނާ އަވަސްވެގަތީ ރިމޯޓު ހޯދާ ޓީވީ ނިއްވާލުމަށެވެ. އެހެން ނަމަވެސް އެކުއްޖާއަށް ފެނުނު މަންޒަރުގެ ސަބަބުން އެކުއްޖާ ބުންޏެވެ.

'ބައްޕަގެ ލަދު ކޮބާ ހެއްޔެވެ؟' މިހެން ބުނެ އެކުއްޖާ އޭނާގެ ކޮޓަރިއަށް އެނބުރި ދިޔައެވެ.

ދަރިފުޅު ދިޔުމުން، އެކުއްޖާ އެބުނި ބަސްތައް އޭނާގެ ބޮލުތެރޭގައި ހިނގަމުން ދިޔައެވެ. 'ބައްޕަގެ ލަދު ކޮބާ ހެއްޔެވެ؟'
އޭނާއަށް ރޮވެން ފެށިއެވެ. ފަތިސް ނަމާދު ވަގުތާއި ޖެހެންދެން އޭނާ ހުރީ ހޭލައެވެ. އެހެންކަމުން ނުހަނު މާޔޫސްވެ އިން ހާލު އޭނާ މިސްކިތައް ދިޔައެވެ. ނަމާދު ކުރަމުން ދިޔައިރު ވެސް ދަރިފުޅުގެ ބަސްތައް ހަނދާންވުމުން އޭނާ ރުޔެވެ.

އޭނާ އެވަރަށް ރުއިތަން ފެނުމުން، އޭނާއަށްވީ ކީއްތޯ މިސްކިތުގައި ތިބި އެހެން މީހުން އެއްސެވެ. ޖަވާބުގައި އޭނާ ބުނީ އެއްވެސް ކަމެއް ނުވާ ކަމަށެވެ.
އެވަގުތު އެތަނުގައި ހުރި އޭނާގެ ރަޙުމަތްތެރިއަކު އޭނާއަށް ކިހިނެއްވީތޯ އެހުމުން، ރޯން ފަށާފައި އޭނާ ބުންޏެވެ.
'މިއީ 20 އަހަރު ފަހުން މާތް ﷲ ސުބްޙާނަހޫ ވަޠައާލާ ޙަޟްރަތައް އަހަރެން ސަޖިދަ ޖެހި ފުރަތަމަ ފަހަރެވެ. އެއީ އަހަރެންގެ ކިބައިގާ ލަދުވެތިކަމެއް ކޮބާތޯ އަހަރެންގެ އަންހެން ދަރިފުޅު އެހުމުންނެވެ.'

އާދައިގެ މަތިން އެދުވަހުގެ ހެނދުނުގެ ވަގުތު ވެސް އޭނާ ވަޒީފާއަށް ދިޔައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ވަޒީފާގައި ހުރިއިރު އޭނާ އަށް ނިދުނު ވަގުތު، އޭނާގެ އަންހެނުން އޭނާއާއި ގުޅޭތޯ މަސައްކަތް ކުރުމުން ވެސް، އޭނާއާއި ގުޅޭ ގޮތެއް ނުވިއެވެ.

ގެއަށް އައުމުން އަނބިމީހާ ބުންޏެވެ. 'އަހަރުމެންގެ އަންހެން ދަރިފުޅު ނިޔާވެއްޖެއެވެ.'

އޭނާގެ އަންހެން ދަރިފުޅު ނިޔާވީއެވެ. އެވަގުތު ވެސް އޭނާއަށް އަނެއްކާވެސް ހަނދާންވީ ދަރިފުޅުގެ އެންމެ ފަހު ބަސްތަކެވެ. 'ބައްޕަގެ ލަދު ކޮބާ ހެއްޔެވެ؟' އޭނާގެ ހިތް ކުދިކުދި ވެގެން ދިޔަފަދައެވެ. 'ބައްޕަގެ ލަދު ކޮބާ ހެއްޔެވެ' މިއީ އޭނާގެ ބޮލު ތެރޭގައި ހިނގަމުން ދިޔަ ބަސްތަކެވެ.

ދަރިފުޅު ހިނެވާ ކަފުން ކުރުމަށްފަހު ވަޅުލާން ކަށްވަޅަށް ލަމުންް، ދަރިފުޅާއި ދިމާލަށް ބަލާލާފައި އޭނާ ހީލިއެވެ. އެމަންޒަރު ފެނުމުން އޭނާގެ އެކުވެރިޔާ އެއްސެވެ.
'ތިހީލީ ކީއްވެ ހެއްޔެވެ؟'

އެވަރަށް ރޮއެފައި ދަރިފުޅު ވަޅުލަމުން އޭނާ ހުރީ ހިނިތުންވެފައެވެ. ރަހުމަތްތެރިޔާގެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުންޏެވެ.

'އަހަރެންގެ ދަރިފުޅު ވަޅުލި ނަމަވެސް، އެދަރިފުޅު އަހަންނާއި ވަކިވެގެން އެދިޔައީ، ޤިޔާމަތާއި ޖެހެންދެން ެވެސް އަހަރެންގެ ހިތުގައި ނޫރެއް އުފައްދާފައެވެ.'

އޭގެފަހުން އޭނާއަކީ ޤަވައިދުން ނަމާދު ގާއިމްކުރާ އީމާންކަމާއި އަޤީދާ ވަރުގަދަ މީހެއް ކަމުގައި އޭނާވިއެވެ.

މިއަދު އޮންލައިން