ފީފާ ވަރލްޑް ކަޕްގެ ގުރުއަތުލުން - ޔޫރަޕްގެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގްރޫޕަކަށް

ކިޔުމަށް ހޭދަވާނީ 1މ 58ސ
ފީފާ ވަރލްޑް ކަޕްގެ ގުރުއަތުލުން - ޔޫރަޕްގެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގްރޫޕަކަށް
އަންނަ އަހަރު ރަޝިއާގައި ބާއްވަން ހަމަޖެހިފައިވާ ފީފާގެ 21ވަނަ ވަރލްޑް ކަޕް މުބާރާތުގައި ޔޫރަޕްގެ ފަހުގެ ދެ ޗެމްޕިއަނުންކަމަށްވާ ސްޕެއިންއާއި ޕޯޗުގަލް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

މުބާރާތުގައި ވާދަކުރާ 32 ޓީމު، ގްރޫޕްތަކަށް ބެހުމުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު، ރޭ ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ސްޓޭޓް ކްރެމްލިން ޕެރެސްގައި ނިމުނުއިރު، ސްޕެއިންއާއި ޕޯޗުގަލް ލައްވާލި ގްރޫޕް ބީގައި ދެން ހިމެނެނީ އެފްރިކާ ބައްރުގެ މޮރޮކޯއާއި އޭސިއާ ބައްރުގެ އިރާންއެވެ.

އަންނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕްތަކަށް ޓީމުތައް ބެހިފައްވާ ގޮތް:

ގްރޫޕް އޭ: ރަޝިއާ، ސައުދި އަރަބިއާ، މިޞްރު، އުރުގުއާއީ

ގްރޫޕް ބީ: ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އިރާން

ގްރޫޕް ސީ: ފްރާންސް، އޮސްޓްރޭލިއާ، ޕެރޫ، ޑެންމާކް

ގްރޫޕް ޑީ: އާޖެންޓީނާ، އައިސްލެންޑް، ކްރޮއޭޝިއާ، ނައިޖީރިއާ

ގްރޫޕް އީ: ބްރެޒިލް، ސްވިޒަލެންޑް، ކޮސްޓަ ރިކާ، ސާރބިއާ

ގްރޫޕް އެފް: ޖަރުމަނު، ސްވިޑަން، ދެކުނު ކޮރެއާ، މެކްސިކޯ

ގްރޫޕް ޖީ: ބެލްޖިއަމް، ޕެނަމާ، އިންގްލެންޑް، ޓިއުނީޝިއާ

ގްރޫޕް އެޗް: ޕޮލެންޑް، ސެނެގަލް، ކޮލޮމްބިއާ، ޖަޕާން

މި ފަހަރުގެ ވަރލްޑް ކަޕް މުބާރާތުން، 4 ފަހަރު މަތިން މި މުބާރާތުގެ ތަށި އުފުލިކަމުގެ ޝަރަފު ލިބިފައިވާ ބާރުގަދަ އިޓަލީ ފެނިގެން ނުދާއިރު، މިއީ 1958ވަނަ އަހަރުގެ ފަހުން އިޓަލީ މި މުބާރާތުން ފެނިގެން ނުދާނެ ފުރަތަމަ ފަހަރެވެ. އިޓަލީގެ އިތުރުން މަޝްހޫރު ކުޅުންތެރިން ހިމެނޭ ނެދަލެންޑާއި ޗިލީ ވެސް މުބާރާތުން ނުފެންނާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ރަޝިއާއާއި ސައުދި އަރަބިއާއެވެ. އެ މެޗު އޮންނާނީ މޮސްކޯ ލުޒްނިކީ ސްޓޭޑިއަމްގައެވެ. މުބާރާތުގެ ފައިނަލް މެޗު ވެސް ކުޅެން ހަމަޖެހިފައި އޮތީ މި ސްޓޭޑިއަމްގައެވެ.

އަންނަ އަހަރުގެ ވަރލްޑް ކަޕްގައި ރަޝިއާގެ 12 ސްޓޭޑިއަމެއްގައި 65 މެޗު ކުޅޭނެއެވެ.

މިއަދު އޮންލައިން