ރޭ އިޓަލީ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީއާއި ފަހުގެ ޗެމްޕިއަން ޔުވެންޓަސްގެ ކުރިމަތިލުމުގައި 0-1 ގެ ނަތީޖާއިން ނަޕޯލީ ބަލިކޮށް ޔުވެންޓަސް އިން ވަނީ ލީގު ނެގުމުގެ އުއްމީދު އާކޮށްފައެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޔުވެންޓަސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 12ވަނަ މިނެޓުގައެވެ. މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޕައުލޯ ޑައިބަލާ ދިން ބޯޅައަކުން އާޖެންޓީނާގެ ގޮންޒާލޯ ހީގުއައިންނެވެ. މިއީ މި ސީޒަނުގައި ހީގުއައިން ކާމިޔާބުކުރި 9ވަނަ ލަނޑެވެ.
ނަޕޯލީގެ ފަރާތުން ރޭގެ މެޗުގައި ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވީ ނަމަވެސް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ބުފޮން ވަނީ އެ ހަމަލާތައް ދިފާޢުކޮށްފައެވެ.
ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ނަޕޯލީއާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް ކުޅުނު 15 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ދެވަނައިގައި އޮތީ ކުޅުނު 15 މެޗުން 37 ޕޮއިންޓް ލިބިގެންނެވެ. އިންޓަ މިލާނަށް ތިންވަނަ ލިބެނީ މި ދެ ޓީމަށްވުރެ، އެއް މެޗުން މަދުން ކުޅެގެން 36 ޕޮއިންޓާއެކުއެވެ.
އިންޓަ މިލާން، ލީގުގެ 15ވަނަ މެޗު ކުޅޭނީ މާދަމާ ރޭ ރާއްޖެ ގަޑިން 7.00 ގައެވެ. މި މެޗުގައި އިންޓަ ނުކުންނާނީ ކިއޭވޯއާ ދެކޮޅަށެވެ. މި މެޗު މޮޅުވެގެން އިންޓައަށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.