ސެލްޓާ ވިގޯއިން ބާސާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ސެލްޓާ ވިގޯއިން ބާސާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
ސްޕެނިޝް ލަލިގާގައި އިއްޔެ ހަވީރު ސެލްޓާ ވިގޯއާއި ބާސެލޯނާ ކުޅުނު މެޗު 2-2 އުން އެއްވަރުވެ، ސެލްޓާ ވިގޯއިން ބާސާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ބާސާގެ ކޭމްޕް ނައު ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ވެސް ގިނަ ނުރައްކާތެރި ހަމަލާތައް އުފައްދަމުން އައީ ބާސާގެ ފަރާތުންެނެވެ.

އެހެން ނަމަވެސް މުޗުގެ 20ވަނަ މިނެޓުގައި ސެލްޓާ ވިގޯގެ އިއޭގޯ އަސްޕާސްގެ ލަނޑުން އެ ޓީމަށް ލީޑު ނަގައިދިނެވެ.

ސެލްޓާ ވިގޯއިން ލީޑު ނެގިތާ ދެ މިނެޓު ނުވަނީސް އާޖެންޓީނާ އަދި ބާސާގެ ތަރި ލެއޮނަލް މެސީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެން އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވަރުގަދަ ކުޅުމެއް ދައްކައި، ނުރައްކާތެރި ހަމަލާތަކެއް ބާސާގެ ފަރާތުން އުފައްދަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 62ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.

އެހެން ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުންކޮށް، ސެލްޓާ ވިގޯއިން ވަނީ މެޗުގެ 70ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގޮމޭޒް ގޮންޒާލެޒްއެވެ.

މި މެޗު އެއްވަރުވި ނަމަވެސް ބާސާ އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެހެންނަމަވެސް ދެވަނައިގައި އޮތް ވެލެންސިއާއަށް ގަތޭފާއަށް ދެކޮޅަށް ކުޅޭ މެޗު މޮޅުވެގެން ބާސާއާ ދެމެދުވާ ފަރަޤު ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބުނީއެވެ.

ބާސާ އެއްވަނައިގައި އޮތީ ކުޅުނު 14 މެޗުން 36 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް ވެލެންސިއާ 13 މެޗު ކުޅެގެން ލިބުނީ 31 ޕޮއިންޓެވެ.

ވެލެންސިއާއާއި ގެތާފޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:15 ގައެވެ.
މިއަދު އޮންލައިން