ސްޕެނިޝް ލަލިގާގައި ރޭ ރިއާލް މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ ކުޅުނު މެޗު އެއްވަރުވިއިރު، އެތުލެޓިކޯ މެޑްރިޑް ރިއާލް ސޮސައިޑޭޑް އަތުން މޮޅުވެ ލީގު ތާވަލުގެ ތިންވަނަ ދަމަހައްޓައިފިއެވެ.
ރެއާލާއި އެތްލެޓިކް ބިލްބާއޯ ކުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ބޮޑު ބައި ރިއާލުން ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލިބުނު ކައުންޓާ އެޓޭކުގެ ފުރުސަތުތަކުގެ ބޭނުން ހިފައި އެތްލެޓިކް ބިލްބާއޯއިން ވެސް ވަނީ ރިއާލަށް ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
ދެ ޓީމަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގައި އެންމެ ފާހަގަކޮށްލެވެނީ ރިއާލްގެ ރޮނާލްޑޯއާއި ބެންޒީމާގެ އިތުރުން އެތްލެޓިކް ބިލްބާއޯގެ ވިލިއަމް އަދި އަދުރީޒަށް ލިބުނު ފުރުސަތުތަކެވެ.
މި މެޗުގެ 86ވަނަ މިނެޓުގައި ރިއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. މިއީ ރާމޯސްގެ މުޅި ކެރިއާގައި ދެއްކި 24ވަނަ ރަތް ކާޑެވެ. އަދި މި ރަތް ކާޑާއެކު ރާމޯސް ވެފައިވަނީ ލަލިގާގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާއަށެވެ. މިއީ ލަލިގާގައި ރާމޯސްއަށް ދެއްކި 19ވަނަ ރަތް ކާޑެވެ. ކުރިން މި ރެކޯޑު ރާމޯސްއާއެކީ ޙިއްޞާކުރަމުން އައީ 18 ރަތް ކާޑާއެކު ޕަބްލޯ އަލްފާރޯ އަދި ޒަވީ އަގުއޭޑޯއެވެ.
ރޭ އެތްލެޓިކޯއާއި ރިއާލް ސޮސައިޑޭޑް ކުޅުނު މެޗު، އެތުލެޓިކޯ މޮޅުވީ ފަހަތުން އަރާ 1-2 ގެ ނަތީޖާއިންނެވެ.
އެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 29ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިލިއަން ޖޯސް ރިއާލް ސޮސައިޑޭޑަށް ކާމިޔާބުކޮށްދިން ނަމަވެސް މެޗުގެ 63ވަނަ މިނެޓުގައި ފިލިޕޭ ލުއިސް ކާމިޔާބުކުރި ލަނޑާއި މެޗުގެ 88ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑުން އެތްލެޓިކޯ މެޗު ފަހަތުން އަރާ މޮޅުވިއެވެ.
މި ނަތީޖާތަކާއެކު، ރިއާލް ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ވެއްޓި، އެތްލެޓިކޯ ތިންވަނައަށް ޖެހިލައިފައެވެ.
ރިއާލް، ހަތަރުވަނައިގައި އޮތީ ކުޅުނު 14 މެޗުން 28 ޕޮއިންޓް ލިބިގެންނެވެ. އެތްލެޓިކޯއަށް ތިންވަނަ ލިބެނީ 30 ޕޮއިންޓާއެކުވެ. އެއްވަނައިގައި އޮތް ބާސާއަށް ލިބެނީ 14 މެޗުން 36 ޕޮއިންޓެވެ. ވެލެންސިއާ ދެވަނައިގައި 31 ޕޮއިންޓާއެކު އޮތީ މި ޓީމުތަކަށްވުރެ އެއް މެޗު މަދުން ކުޅެގެެންނެވެ.