ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި ޔުނައިޓެޑާއި އާސެނަލްގެ ކުރިމަތިލުން 1-3 ގެ ނަތީޖާއިން ޔުނައިޓެޑުން އާސެނަލް ބަލިކުރިއިރު، ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ފަރާތުން މޮޅެތި ދިފާޢުތަކެއް ފެނިގެން ގޮސްފައިވެއެވެ.
މި މެޗުގައި ޔުނައިޓެޑް އަދި ސްޕެއިންގެ ޑެހެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނި، އާސެނަލްގެ ފަރާތުން ކުރި ނުރައްކާތެރި 14 ހަމަލާއެއް ޑެހެއާ ދިފާޢުކޮށްފައިވެއެވެ. މިއީ ޕްރެމިއާ ލީގު މެއްޗެއްގެ ރެކޯޑު އަދަދެކެވެ.
މެޗު ފަށައި، ރަނގަޅު ކުޅުމެއް ދައްކަން ފެށި ޔުނައިޓެޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 4ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާއެވެ.
މެޗުގެ 11ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު މުސްތާފީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖެސޭ ލިންގާޑް ވަނީ ޔުނައިޓެޑަށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
އެހެން ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އާސެނަލްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 49ވަނަ މިނެޓުގައި އެލެކްސެންޑުރާ ލަކަޒެޓެވެ.
މެޗުގެ 63ވަނަ މިނެޓުގައި ޖެސޭ ލިންގާޑުގެ ދެވަނަ ލަނޑުން ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ފަހަކަށް އައިސް ލިންގާޑް ދަނީ މޮޅު ކުޅުމެއް ދައްކައި ލަނޑުތަކެއް ވެސް ކާމިޔާބުކުރަމުންނެވެ.
އޭގެ ފަހުން ވެސް ނަތީޖާ ބަދަލުކުރަން އާސެނަލުން ކުރި މަސައްކަތަށް ހުރަސް އެޅީ ޔުނައިޓެޑްގެ ހުޝިޔާރު ގޯލްކީޕަރު ޑެހެއާއެވެ. އާސެނަލްގެ ފަރާތުން ޔުނައިޓެޑްގެ ގޯލަށް ފޮނުވައިލި ގިނަ ނުރައްކާތެރި ހަމަލާތައް އޭނާ ދިފާޢުކުރިއެވެ.
މެޗުގެ 74ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއަށްވަނީ ރަތް ކާޑެއް ދައްކާފައެވެ. މިހެންވުމާއެކު، ކުރިއަށް އޮތް ލީގު ތިން މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.
ރޭ، އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީއިން ވެސް ވަނީ އެ ޓީމު މޮޅުވެފައެވެ. މި މެޗު ޗެލްސީއިން މޮޅުވީ 1-3 ގެ ނަތީޖާއިން ނިއު ކާސަލް ބަލިކޮށްގެންެނެވެ. މި މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރީ އެޑެން ހަޒާޑާއި އަލްވާރޯ މޮރާޓާއެވެ. ހަޒާޑު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ނިއު ކާސަލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑްވައިޓް ގޭލެވެ.
ލިވަޕޫލް ވެސް ވަނީ ބްރައިޓަންގެ މައްޗަށް ކުރިހޯދައި މޮޅުވެފައެވެ. މި މެޗު ލިވަޕޫލް މޮޅުވީ 1-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި ލިވަޕޫލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެމްރޭ ކޭން، ރޮބާޓް ފިރްމީނިއޯ، ފިލިޕޭ ކޮޓީނިއޯ، އަދި ލެވިސް ޑްރަންކެވެ. ފިރްމީނޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްލެން މުރޭއެވެ.
ޓޮޓެންހަމާއި ވެޓްފޯޑް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި ލަނޑުތައް ކާމިޔާބުކުރި ކުޅުންތެރިންނަކީ ވެޓްފޯޑްގެ ކްރިސްޓިއަން ކަބަސެލޭ އަދި ޓޮޓެންހަމްގެ ސަން ހެއުންގްމިންގއެވެ.
މި ނަތީޖާތަކާއެކު ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ދެވަނައިގައި ކުޅުނު 15 މެޗުން 35 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 15 މެޗުން 32 ޕޮއިންޓާއެކު ޗެލްސީ ތިންވަނައިގައި އޮތްއިރު، ލިވަޕޫލް ވަނީ ކުޅުނު 15 މެޗުން 29 ޕޮއިންޓް ލިބިގެން ހަތަރުވަނައަށް ޖެހިލައިފައެވެ. ކުޅުނު 15 މެޗުން 28 ޕޮއިންޓާއެކު އާސެނަލް ފަސްވަނައިގައި އޮތް އިރު، ޓޮޓެންހަމް ހަވަނައިގައި އޮތީ ކުޅުނު 15 މެޗުން 25 ޕޮއިންޓް ލިބިގެންނެވެ.
40 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ސިޓީ، ލީގުގައި ކުޅޭ 15ވަނަ މެޗުގައި ވެސްޓްހާމާ ދެކޮޅަށް ނުކުންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.