ބާސާގެ އުމްޓިޓީ ދެ މަހަށް ކުޅުމާ ދުރަށް

ކިޔުމަށް ހޭދަވާނީ 48ސ
ބާސާގެ އުމްޓިޓީ ދެ މަހަށް ކުޅުމާ ދުރަށް
ބާސާގެ ޒުވާން ހުނަރުވެރި ޑިފެންޑަރު ސަމުއެލް އުމްޓިޓީއަށް އަނިޔާވެ ދެ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ

އިއްޔެ ސްޕެނިޝް ލަލިގާގައި ސެލްޓަ ވިގޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި އަނިޔާވުމާ ގުޅިގެން މެޗުގެ ވަކި ހިސާބެއްގައި އުމްޓިޓީ ވަނީ ބާލައި، އޭނާގެ ބަދަލުގައި ތޯމަސް ވަރްމަލެއަން ކުޅެން އަރުވައިފައެވެ.

ޚަބަރުތައް ލިބިފައިވާ ގޮތުން އުމްޓިޓީގެ ފައިގެ ފަލަ މަސްގަނޑަށް އަނިޔާ ލިބިފައިވާކަމަށާއި އެކަމަށް ފަރުވާ ހޯދަން އޭނާ ދެ މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށެވެ.

މިހެންވުމާއެކު، މި މަހުގެ 23ވަނަ ދުވަހު ލީގުގައި ވާދަވެރި ރިއާލް މެޑްރިޑާ ދެކޮޅަށް ބާސާ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ސަމުއެލް އުމްޓިޓީއަކީ މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި 25 މިލިއަން ޔޫރޯގެ ފީއަށް ލިޔޯންއިން ބާސާއަށް ގެނައި ކުޅުންތެރިޔެކެވެ.

އުމްޓިޓީގެ އިތުރުން، ރެކޯޑް ފީއަކަށް ބާސާއިން ގެނައި ޒުވާން ކުޅުންތެރިޔާ އޮސްމަން ޑެމްބެލޭ ވެސް އަދި ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.
މިއަދު އޮންލައިން