ޕެރިސިޗްގެ ހެޓްރިކާއެކު އިންޓަ އެއްވަނައަށް

ކިޔުމަށް ހޭދަވާނީ 1މ 22ސ
ޕެރިސިޗްގެ ހެޓްރިކާއެކު އިންޓަ އެއްވަނައަށް
ރޭ އިޓަލީ ލީގުގައި ޗިއެވޯއާ ދެކޮޅަށް ކުޅުނު މެޗު، ޕެރިސިޗްގެ ހެޓްރިކާއެކު 0-5 ގެ ނަތީޖާއިން މޮޅުވެ، ލީގު ތާވަލުގެ އެއްވަނަައަށް ޖެހިލައިފިއެވެ.

ރޭ އިންޓަ މިލާންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 23ވަނަ މިނެޓުގައި ކްރޯޝިއާގެ އިވާން ޕެރިސިޗެވެ.

އިންޓަގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މި ސީޒަނުގައި އިންޓައަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މާރިއޯ އިކާޑީއެވެ. މެޗުގެ 38ވަނަ މިނެޓުގައި އިކާޑީ ކާމިޔާބުކުރި ލަނޑާއެކު ލީގުގައި ކުޅުނު 15 މެޗުން އޭނާ ވަނީ 16 ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން އިންޓަ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް އިންޓައިން ދިޔައީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57ވަނަ މިނެޓުގައި ޕެރިސިޗްގެ ދެވަނަ ލަނޑުން އިންޓައިން ތިން ލަނޑުގެ ލީޑު ނެގިއެވެ.

އޭގެ ތިން މިނެޓު ފަހުން އިންޓަގެ މިލާން ސްކްރިއަނިއާ، އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއެވެ.

އިންޓަގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކުރެވުނީ މެޗު ނިމެން ކުޑައިރުކޮޅަކަށްވެފައި ވަނިކޮށެވެ. މި ލަނޑު އިންޓައަށް ޕެރިސިޗް ކާމިޔާބުކޮށް، މެޗުގެ ހެޓްރިކް ފުރިހަމަކުރިއެވެ.

މި މެޗުން މޮޅުވެގެން އިންޓަ ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އިންޓަ އެއްވަނައިގައި އޮތީ ކުޅުނު 15 މެޗުން 39 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ ދެވަނައިގައި ނަޕޯލީ ކުޅުނު 15 މެޗުން 38 ޕޮއިންޓާއެކު އޮތްއިރު، ފަހުގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު 15 މެޗުން 37 ޕޮއިންޓް ލިބިގެން އޮތީ ތިންވަނައިގައެވެ.
މިއަދު އޮންލައިން