ރޭ އިޓަލީ ލީގުގައި އޭސީ މިލާނާއި ބެނެވެންޓޯ ބައްދަލުކުރި މެޗުގައި އެންމެ ފަހު ވަގުތު ބެނެވެންޓޯގެ ގޯލް ކީޕަރު ޖަހައިދިން ލަނޑުން މިލާން މޮޅުނުވެ އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޔޫރަޕްގެ އެންމެ މޮޅު ލީގުކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ހަތް ފަހަރު މަތިން އަދި އިޓަލީ ލީގު ވެސް 18 ފަހަރު ހޯދާފައިވާ އޭސީ މިލާނަކީ ފުޓުބޯޅައިގައި ރަސްކަންކުރަމުން ދިޔަ ކްލަބެކެވެ. އެހެން ނަމަވެސް ޓީމުގެ އެތެރޭގައި ހިނގައިފައިވާ ކޮރަޕްސަންގެ މައްސަލަތަކަކަށްފަހު ޓީމުގެ މާލީ ހާލަތް ގޯސްވެ، ފުޓުބޯޅައިގެ އެންމެ އާދައިގެ ޓީމުތަކުގެ ފެންވަަރަށް ޓީމު ވެއްޓިފައެވެ. އެ ގޮތުން 2013ވަނަ އަހަރުގެ ސީޒަނަށްފަހު އިޓަލީ ލީގުގެ ގަދަ ފަހަކުން ވެސް މިލާނަށް ޖާގަ ނުލިބުނުއިރު، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުންވެސް ޓީމަށް ޖާގަ ނުލިބެއެވެ.
އެހެންވުމާއެކު، މި ސީޒަނަށް އޭސީ މިލާން ތައްޔާރުވީ ގިނަ ހަރަދުތަކެއްކޮށް، ގިނަ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ އިތުރުން ބޮނުޗީ ފަދަ ތަރިން ވެސް ޓީމަށް ގެންގޮސްގެންނެވެ. އެހެން ނަމަވެސް ސީޒަން ފެށިގެން ކުޅުނު 14 މެޗުން އެ ޓީމަށް ހޯދުނީ 20 ޕޮއިންޓެވެ. ޓީމުން ނެރުނު ދަށް ނަތީޖާތަކާ ގުޅިގެން މިދިޔަ ހަފުތާގައި މިލާންގެ ކޯޗުކަމުގައި ހުރި ވިސެންޒޯ މޮންޓޭލާ މަޤާމުން ވަކިކޮށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ލެޖެންޑް ގެނަރޯ ގަޓޫސޯއަށް އެ މަޤާމު ހަވާލުކުރިއެވެ.
ގަޓޫސޯގެ އިރުޝާދުގެ ދަށުން މިލާން ނުކުތް ފުރަތަމަ މެޗު ރޭގައި ބެނެވެންޓޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އާ ކޯޗު ގަޓޫސޯގެ އިތުރުން މުޅި މިލާން ސަޕޯޓަރުން ރޮއްވާލައިފައެވެ. 1-2 ގެ ނަތީޖާއިން މިލާން މޮޅުވަން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގައި ބެނެވެންޓޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ގޯލްކީޕަރު އަލްބާޓޯ ބްރިގްނޯލީއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބޮނަވެންތުރާގެ ލަނޑުން މިލާން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފަށައި މެޗުގެ 50ވަނަ މިނެޓުގައި ޖެއޯޖް ޕުސްކަސްގެ ލަނޑުން ބެނެވެންޓޯއަށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށްގެން ބެނެވެންޓޯއަށް އޮވެވުނީ ހަތް މިނެޓެވެ. މެޗުގެ 57ވަނަ މިނެޓުގައި ނިކާލް ކަލިނިޗްގެ ލަނޑުން ދެވަނަ ފަހަރަށް އޭސީ މިލާނަށް ލީޑު ނަގައިދިނެވެ.
މެޗުގެ 90 މިނެޓު ހަމަވެ، އިތުރު މިނެޓު ތެރޭގައި ބެނެވެންޓޯއަށް ލިބުނު ކޯނަރަކުން، ނަގައިދިން ބޯޅައިގައި އެ ޓީމުގެ ގޯލްކީޕަރު ބްރިގްނޯލީ މިލާންގެ އޭރިއާ ތެރެއަށް ވަދެ، ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
ކީޕަރު ފަހު ވަގުތު ލަނޑެއް ޖަހައި މިލާނަށް ތިން ޕޮއިންޓް ގެއްލުވާލުމުން އެ ކަން ޤަބޫލުކުރަން ދަތިވިކަމަށް އެސީ މިލާންގެ އާ ކޯޗު ގަޓޫސޯ ބުންޏެވެ.
މި ނަތީޖާއާއެކު، އޭސީ މިލާން ވަނީ ލީގު ތާވަލުގެ އަށްވަނަ ވެއްޓެފައެވެ. ކުޅުނު 15 މެޗުން އެ ޓީމަށް ލިބުނީ 21 ޕޮއިންޓެވެ.