ޖެހިޖެހިގެން 13 މޮޅު–- ފަސްޖެހުމެއްނެތި ސިޓީ ކުރިއަށް

ކިޔުމަށް ހޭދަވާނީ 1މ 36ސ
ޖެހިޖެހިގެން 13 މޮޅު–- ފަސްޖެހުމެއްނެތި ސިޓީ ކުރިއަށް


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ވެސްޓްހާމްއާ ދެކޮޅަށް ނުކުތް މެޗު ފަހަތުން އަރާ 1-2 ގެ ނަތީޖާއިން ސިޓީ މޮޅުވެ، ޖެހިޖެހިގެން ލީގުގެ 13 މެޗުން ސިޓީ މޮޅުވީއެވެ.
ރޭގެ މެޗު ފަށައިގެން ވެސް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވެސްޓްހާމްގެ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެހެން ނަމަވެސް، ސިޓީއަށް ލަނޑެއް ކާމިޔާބުކުރުމުގެ ކުރިން ވެސްޓްހާމްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ވެސްޓްހާމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 44ވަނަ މިނެޓުގައި އެންޖެލޯ ކްރެސްމެނާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ވެސްޓްހާމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ސިޓީއިން ދިޔައީ އެ ޓީމުގެ ބޯޅަ ހިފަހައްޓައިގެން ކުޅޭ މޮޅު ގޭމާއެކު ގިނަ ހަމަލާތަކެއް ވެސްޓްހާމް ކޮޅަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57ވަނަ މިނެޓުގައި ގެބްރިއެލް ޖީސަސް ދިން ބޯޅައަކުން ޑިފެންޑަރު ނިކޮލާސް އޮޓަމަންޑީ ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ.
މި މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 83ވަނަ މިނެޓުގައި ސިޓީގެ ތަރި ޑޭވިޑް ސިލްވާއެވެ.

މި މެޗުން މޮޅުވުމާއެކު ލީގުގައި ސިޓީ ވަނީ ޖެހިޖެހިގެން 13 މެޗުން މޮޅުވެފައެވެ. ކުރިން އެއް ސީޒަނެއްގައި ޕްރެމިއާ ލީގުގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެފައިވަނީ ޗެލްސީ، އާސެނަލް، ސަންޑަލެންޑް، އަދި ޕްރެސްޓަންއެވެ.

ރޭގެ މެޗުން މޮޅުވެގެން ސިޓީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު 15 މެޗުން 43 ޕޮއިންޓް ލިބިގެންނެވެ. ސިޓީގެ ފަހަތުން އަށް ޕޮއިންޓް ތަފާތުގައި 15 މެޗުން 35 ޕޮއިންޓް ލިބިގެން ދެވަނައިގައި އޮތީ ޔުނައިޓެޑެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 15 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. 15 މެޗުން 29 ޕޮއިންޓާއެކު ލިވަޕޫލް ހަތަރުވަނައިގައި އޮތްއިރު، ފަސްވަނައިގައި އާސެނަލް އޮތީ 15 މެޗުން 28 ޕޮއިންޓް ލިބިގެންނެވެ.

މިއަދު އޮންލައިން