ތަޤްވާވެރިއެއްގެ ފުރާނަ އަށް ލިބޭ ނިޢުމަތްތަކުގެ ވާހަކަ ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާ ކިޔާދެއްވުމަށްފަހު،ދެން ޙަދީޘްފުޅު ކުރެއްވެވީ ތަޤްވާވެރި ނޫން ފަރާތެއް ނުވަތަ މިބިން މަތީގައި ފާފަތައް ކުޅައުމުން ދިޔަ ފުރާނައަށް ވާނޭ ގޮތްތަކުގެ ވާހަކައެވެ.
އަޅަމެންގެ ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވަނީ، އެފަދަ މީހެއްގެ ކައިރިއަށް މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަންނަވާނީ ނަރަކައިން ފޮތިގަނޑަކާއި އެކު ކަމަށެވެ. އަދި އެއަޅެއް ގާތު މަލަކުލް މައުތުގެފާނު ހުންނަވާ ނުހަނު ގަދަ އަޑުން ދަންނަވާނެއެވެ. "އޭ ނުބައި ވެގެންވާ ފުރާނައާއެވެ. މާތް ﷲ ގެ ކޯފާއާއި އަޒާބު ލިބިގަތުމަށް އަންނާށެވެ."
އެފަދަ ފުރާނަ، އެހަށިގަނޑުން ނުނިކުތުމަށްޓަކައި ވަރަށް މަސައްކަތް ކުރާނެއެވެ. ހަށިގަނޑުގެ ކޮންމެ މަސްގަނޑެއްގައި އަދި ކަށިތަކެއްގައި ހިފެހެއްޓޭތޯ ބަލާނެއެވެ. އެފުރާނަ ހަށިގަނޑާއި ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މަލަކުލް މައުތުގެފާނު އެފުރާނައިގާ ހިފާ ދަމާފައި، ހަށިގަނޑުން ނެރުއްވާނެއެވެ. ރަސޫލު (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވަނީ "އެފަދަ ފުރާނައަކަށް ތަހައްމަލު ކުރަން ޖެހޭނެ ވޭނަކީ ތެތް ވޫލުގަނޑަކުން، ބައިވަރު ކަށި ހުންނަ ގޮތްޕެއް ނެއްޓުން ފަދަ މިސާލެއް" ކަމުގައެވެ.
ތަޤްވާވެރި ނޫން ފަރާތެއްގެ ފުރާނަ ގެންދަވާއިރު އެމީހެއްގެ ނާރުތަކާއި މަސްތައް ބުރިބުރިވެގެން ދާނެއެވެ. އެފަދަ އިންސާނާގެ ފުރާނަ ހަށިގަނޑުން ވަކިވުމުން، މަލާއިކަތް ބޭކަލުން ނަރަކައިން ގެންނެވި ފޮތިގަނޑަށް އެފުރާނަލުމަށްފަހު އޮޅާލާ ބަނދެލާނެއެވެ. އަދި އެފުރާނަ ހިއްޕަވައިގެން މައްޗަށް އަރުއްވާނެއެވެ.
ރަސޫލާ (ޞޢޥ) ޙާދީޘްފުޅު ކުރެއްވި ގޮތުގައި، އެފަދަ ފުރާނައިގާ އެކުލެވިގެންވާނީ ވަރަށް ވެސް ނުބައި ވަހެކެވެ. އަދި އެފުރާނައާއިއެކު އެހެން މަލާއިކަތް ބޭކަލުން ފަސްދީފައިދާ ވަގުތު، އެމަލާއިކަތް ބޭކަލުންތައް އެފުރާނައަށް އެއްޗެހިގޮވާ ބަދުބަސް ދަންނަވާނެއެވެ. އަދި އެއީ ކާކުގެ ފުރާނައެއްތޯ އައްސަވާނެއެވެ. އެހިނދު އެމަލާއިކަތް ބޭކަލުން އޭނާއާއި ދިމާލަށް އެންމެ ހުތުރު ވެގެންވާހާ ނަންތަކުން މުޚާތަބް ކުރައްވާނެއެވެ.
އެއަށްފަހު ހަތް އުޑުގެ ތެރެއިން އެންމެ ތިރީގައި ހިމެނޭ އުޑުގެ ގޭޓާއި ހަމައަށް ވަޑައިގަތުމަށްފަހު، އިތުރަށް ކުރިއަށް ދިޔުމަށްޓަކައި ގޭޓުކޮޅު ހުޅުވާދެއްވުމަށް (ގޭޓު ކައިރީގައި ހުރި މަލާއިކަތް ބޭކަލުން އަރިހުން) އެދިލައްވާނެއެވެ.
ނަމަވެސް އެފަދަ އިންސާނެއްގެ ފުރާނައަށްޓަކައި އެގޭޓުކޮޅެއް ނުހުޅުވޭނެއެވެ.
އެހިނދު އެކަލާނގެ މަލާއިކަތް ބޭކަލުންނަށް އަމުރުކުރައްވަވާނީ، އެފުރާނަ ބިމަށް ވައްޓާ އެއްލާލުމަށެވެ. އެކަލާނގެ އަމުރުކުރެއްވެވި ފަދައިން މަލާއިކަތް ބޭކަލުން ކަންތައް ކުރައްވާނެއެވެ. އަދި ވަޅުލުމަށްފަހު، ކަށްވަޅުގައި އެފުރާނައަށް ހައްޤުވެގެންވާ އަޒާބު ދެވޭނެއެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ކަށްވަޅުގައި ކުރެވޭ ތިން ސުވާލަށް އެފަދަ މީހުންނަކަށް ޖަވާބެއް ނުދެވޭނެއެވެ. އެ ތިން ސުވާލަކީ "ކަލޭގެ ވެރި ރަސްކަލާނގެއީ ކޮން ފަރާތެއް ހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބާ ހެއްޔެވެ؟ ކަލޭމެންނަށް ފޮނުއްވެވީ ކޮންބޭފުޅެއް ހެއްޔެވެ؟" އެވެ. މީގެން ކޮންމެ ސުވާލަކަށް ވެސް އެމީހަކު ބުނާނީ އޭނާ އަށް ނޭނގޭ ކަމަށެވެ.
ކަށްވަޅުގައި އޭނާއަށް ބޮޑެތި އަޒާބު ލިބުމުގެ އިތުރުން، ޤިޔާމަތް ދުވަހުން އޭނާ ނަރަކައަށް ވައްދަވާނެކަން ވެސް އޭނާއަށް އަންގަވާނެއެވެ. އޭނާ ދުޢާ ކޮށް އާދޭސް ކުރާނީ "ޔާ ﷲ. ތިމަން އަލުން ދުނިޔެއަށް ފޮނުއްވަވާފާނދޭވެ. އަދި މިދުނިޔެ އަވަހަށް ނުނިންމަވާފާނދޭވެ" މިފަދައިންނެވެ.
ގުޅުންހުރި ވީޑިއޯ: