ވަރަށް ގިނަ އަދަދަކަށް ކައިވެނިކުރެވެއެވެ. ހަމަ އެހައިމެ ގިނަ އަދަދަކަށް ކައިވެނިތައް ރޫޅިގެންވެސް ދެއެވެ. ސަބަބުތައް ވަރަށް ގިނައެވެ.
އެހެންކަމާއިއެކުވެސް ފުރަތަމަ، ނުވަތަ އެންމެ ގިނައިން ކައިވެނިތައް ރޫޅެން ދިމާވާ ސަބަބެއް ކަމަށް ފާހަގަކުރެވެނީ ކައިވެނިކުރުމުގެ ކުރިން ކުރެވޭ މުޢާމަލާތްތަކުގައި އޮޅުވައިލުންތައް ހުރުމެވެ. ކަންކަން ސާފުކޮށް، ދެ ފުށް ފެންނަ ގޮތަށް ހާމަނުކުރުމެވެ.
ކައިވެނީގެކުރިން ދެ ފަރާތުގެ ޢާއިލާ ބައްދަލުކުރަންވާނެއެވެ. ދެ ޢާއިލާގެ ޙަޤީޤަތް ހާމަކުރަންވާނެއެވެ. ހުރި މައްސަލަތައް ޙަޤީޤަތާއި އެއްގޮތަށް ހާމަކޮށްދޭންޖެހޭނެއެވެ. ކުރެވޭ ސުވާލުތަކަށް ސާފުކޮށް ޖަވާބު ދޭން ޖެހޭނެއެވެ. ނޫން ނަމަ ފަހުން ނުކުންނަ މައްސަލަތައް ގިނަވާނެއެވެ.
އަހަރެމެންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިން އެބައުޅެއެވެ. ބަނގުރާ ބޯ ކުދިން އެބައުޅެއެވެ. ބައެއް ކުދިން ގެއަށް އަންނަނީ ރޭގަނޑު ،2 3 ޖަހާފަހުންނެވެ. ނަމަވެސް މައުލޫމާތުދޭއިރު މިބުނަނީ ކުއްޖާއަކީ ވަރަށް ރަނގަޅަށް އުޅޭ ކުއްޖެއް ކަމަށެވެ. ނަމާދުވެސް ކުރާ ކުއްޖެއް ކަމަށެވެ. ބޭރުފުށުން ބަލާއިރު ކޮންމެވެސް ވަރެއްގެ ތުނބުޅިއެއްވެސް ހުރެއެވެ.
ކައިވެންޏަށްފަހު ހަޤީޤަތް އެނގޭއިރު މިހުރިހައި ކަންކަން ހުންނަނީ އެގޮތަކަށް ނޫނެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟
ކައިވެންޏަކީވެސް ހަމަ ވިޔަފާރިއެއް ފަދަ ކަމެކެވެ. ވިޔަފާރިކުރާއިރު ރަނގަޅު މައުލޫމާތު ނުދޭނަމަ ކުންފުންޏާއި ކަސްޓަމަރާއި ދެމެދު އަބަދުވެސް އޮންނާނީ މައްސަލަތައް ޖެހިފައެވެ.
ހަމައެއާއިއެކު ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. ބައެއް ހާލަތްތަކުގައި އިޖުތިމާއީ ގުޅުން ބަދަހިވެގެން ގޮސް ރައްޓެހިންނާއި "ފިރިންގެ" މިންވަރަށް އެބަ ގުޅުން ބަދަހިކުރެވެއެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތައް އެއްވެސް އެހެން މީހަކަށް ދީގެންނުވާނެއެވެ.
ހަމައެއާއިއެކު ފިރިން، އެމީހުންނަށް ފެންނަ އެހެން އަންހެނުންގެ ފުރިހަމަކަމަށާއި ރީތިކަމަށް ބެލުމާއި ޝައުޤުވެރިވުން ހުއްޓާލަން ޖެހެއެވެ. އެހެން މީހުންގެ އަނބިންގެ ފުރިހަމަކަމުގެ ވާހަކަތައް ދައްކައިގެން ނުވާނެއެވެ. އެކަންކަމަށް ވިސްނައިގެންވެސް ނުވާނެއެވެ.
ގުޅުންހުރި ވީޑިއޯ: