ދެމަފިރިއެއް ގާތު ދަރިއަކު ހޯދަނީ ކޮންއިރަކުންތޯ އެހުމާއި ބެހޭގޮތުން އިސްލާމްދީން ބުނަނީ.

ކިޔުމަށް ހޭދަވާނީ 2މ 4ސ
ދެމަފިރިއެއް ގާތު ދަރިއަކު ހޯދަނީ ކޮންއިރަކުންތޯ އެހުމާއި ބެހޭގޮތުން އިސްލާމްދީން ބުނަނީ.
މިއީ އަހަރުމެންގެ ތެރޭގައި ވަރަށް ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ.

ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކާއި ބައްދަލު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އަހާލެވޭނީ ދަރިން ހޯދުމާއި ބެހޭގޮތުންނެވެ. އަލަށް ކައިވެނިކޮށް އުޅޭ މީހުންނާއި ވެސް، ނުވަތަ ކައިވެނި ކޮށްގެން އުޅޭތާ ގިނަ ދުވަސްވެފައިވާ، އެހެން ނަމަވެސް ދަރިއެއް ލިބިފައިނުވާ މީހުންނާއި ވެސް، އަހާލެވޭ ސުވާލަކީ "ދަރިއަކު ހޯދަނީ ކޮންއިރަކުން؟" ތޯ އެވެ.

މިސުވާލާއި އެންމެ ގިނައިން ކުރިމަތިލާން ޖެހޭ އެއްބަޔަކީ، ކައިވެނި ކޮށްގެން އުޅޭތާ ގިނަ ދުވަސްވެފައިވާ އެހެންނަމަވެސް ދަރިއަކު ލިބިފައިނުވާ ދެމަފިރިންނެވެ. މީހުންނަށް އެދެމަފިން ހަމަ ޖެހޭ ދިރިއުޅުމެއްގައި އުޅޭތަން ފެނެއެވެ. ރަނގަޅު ވަޒީފާއަކާއި އުޅޭނެ ގެދޮރު ލިބިފައިވާކަން ވެސް އެނގެއެވެ. ހަމައެކަނި ނުފެންނަނީ އެދެމަފިރިންނަށް ދަރިއަކު ލިބިފައި ވަނިކޮށެވެ. އެހެންކަމުން އެއީ ކީއްވެތޯ އެނގެން އެހެން މީހުން ބޭނުން ވެއެވެ.

އެހެންކަމުން، "ކޮންއިރަކު ދަރިއެއް ހޯދަނީ؟"، "އަދިވެސް ދަރިއެއް ނުލިބޭތަ؟"، "ދަރިން ހޯދަން ބޭނުން ނުވަނީތަ؟"، "ހާދަ ދުވަހެއް ވެއްޖެއޭދޯ އިނދެގެން އުޅޭތާ، އަދިވެސް ދަރިއެއް ހޯދާކަށް ނުއުޅެންތަ؟" މިފަަދަ ސުވާލުތައް އެދެމަފިރިންނާއި ނުވަތަ އޭގެން އެކަކާއި ކުރެއެވެ.

ހަގީގަތުގައި އެފަދަ މީހުންނަށް އެބެހެވެނީ އެދެމަފިރިންގެ ޒާތީ ކަންތައްތަކާއެވެ. އަދި އެއީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

އަބޫ ޙުރެއިރާ (ރަޟިއަﷲ އަންހު) ރިވާކުރެއްވި ހަދީޘެއްގެ މާނައިގާ ވެއެވެ.

"ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. 'އިސްލާމްދީނުގައި އެމީހެއްގެ ފުރިހަމަކަން ދައްކުވައިދޭ އެއްކަމަކީ، އެމީހަކާއި ނުބެހޭ ކަންތައްތަކާއި ނުބެހުމެވެ.' " (ތިރްމިދީ)



ތިމާއާއި ނުބެހޭ ކަންތައްތަކުގެ ވާހަކަ ދައްކާ އެކަންތައްތައް މަޝްވަރާ ކުރުމަކީ އިންސާނުންގެ ކިބައިގާ އަށަގެންފައިވާ ނޭދެވޭ އާދައެކެވެ. ދަރިން ހޯދުމާއި ނުހޯދުމަކީ އެދެމަފިރިއެއްގެ އަމިއްލަ ޒާތީ ކަމެކެވެ. އެދެމަފިރިއަކީ ދަރިން ލިބޭ ބައެއް ކަމުގައިވީ ނަމަވެސް، އެހެން މީހުން އެފަދަ ސުވާލުތައް ކުރާކަށް ނުވާނެއެވެ.

ދަރިން ލިބުމަކީ ވަރަށް ވެސް ބޮޑު ނިއުމަތެކެވެ. އެހެންކަމުން، ދެމަފިރިއެއްގާތު އެމީހުން ދަރިއެއް ހޯދާނީ ކޮންއިރަކުންތޯ އެހުމުގެ ބަދަލުގައި، ހަދިޔާއެއްގެ ގޮތުން ކީރިތި ޤުރްއާނުގައި ހިމެނޭ މިދުޢާ ދިނުން ރަނގަޅެވެ.


ދަރިން ލިބުމަކީ މާތް ﷲ ގެ އިރާދަފުޅާއިއެކު ވާކަންތައްތަކެވެ. އެކަލާނގެ އިރާދަ ކުރައްވައިފިނަމަ ދެމަފިރިއަކަށް އެއްފަހަރާ ގިނަ ދަރިންތަކެއް ވެސް ލިބިދާނެއެވެ.
ހަމަކަށަވަރުން އެކަލާނގެ އެއްވެސް އަޅަކަށް، އެކަލާނގެ ދުވަހަކުވެސް ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ.

މިއަދު އޮންލައިން