"ނޫޙު (އަލައިހިއްސަލާމް) އަކީ އިސްލާމްދީން ޤަބޫލު ކުރެއްވުމަށް، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ގޮވާލެއްވި ރަސޫލު ބޭކަލެކެވެ.
މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވެސް ވަނީ، ނޫޙް އަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ގާތަށް ފޮނުއްވާ އެބައިމީހުންނާއިއެކު އެކަލޭގެފާނު 1000 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދިރިއުޅުއްވި ކަމަށެވެ.
އެކަލޭގެފާނު އެބައިމީހުންނަށް ދީނަށް ގޮވާލެއްވީ 950 އަހަރު ވަންދެނެވެ.
އެހާގިނަ އަހަރުތަކެއް ވަންދެން އިސްލާމްދީނަށް ގޮވާލެއްވުމުން ވެސް، އެކަލޭގެފާނުގެ ގޮވާލެއްވުން އަޑު އައްސަވާ، އިސްލާމްދީން ޤަބޫލުކުރީ ކިތައް މީސްތަކުންކަން އެނގޭހެއްޔެވެ؟ ނޫޙުގެފާނު 950 އަހަރު ވަންދެން އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އިސްލާމްދީނަށް ވަނުމަށް ގޮވާލެއްވުމުން، އެކަލޭގެފާނުގެ އަޑުއެއްސެވި މީހުން ކަމުގައި އެންމެ ގިނަ އަދަދަކަށް ވެސް ހާމަވެފައިވަނީ، އެންމެ 80 މީހުން ކަމުގައެވެ. މަދު އަދަދަކަށް ހާމަވެފައިވަނީ 11 މީހުން ކަމުގައެވެ. އެހެންކަމުން އެއީ 11 އާއި 80 އާއި ދެމެދުގެ އަދަދެއްގެ މީހުން ކަމުގައި ބެލެވެއެވެ.
އެހެންކަމުން ﷲ ސުބްޙާނަހޫ ވަޠައާލާ، ނޫޙުގެފާނަށް ވަޙީ ކުރެއްވިއެވެ. ކަލޭގެފާނު އެމީހުންނަށް ދީނަށް ގޮވާލައްވާ އެބައިމީހުންނަށް އިސްލާމްދީނުގެ އަޤީދާތައް ހަނދުމަފުޅު ކޮށްދެއްވާ ކޮންމެ ފަހަރަކު އެވާހަކަ ލިޔެވިގެންވެއެވެ.
އޭގެ މާނައަކީ މީސްތަކުންނަށް ނަމާދާއި ބެހޭ ގޮތުންނާއި، ހެދުންއެޅުމާއި ބެހޭ ގޮތުންނާއި، ޒިނޭ ކުރުމުގެ ނުބައިކަމާއި ބެހޭ ގޮތުންނާއި ހުރިހާ ފާފަތަކެއް ކުރުމުން ދުރުވެ މާތް ﷲ އަށް ތަަޤްވާވެރިވުމަށް ވަރަށް ގިނައިން ހަނދުމަ ކޮށްދެވިފައިވާ ކަމެވެ.
ތިޔަބައި މީހުންނާއި ހަމައަށް އައިސްފައިވާ ކޮންމެ ހަނދުމަ ކޮށްދިނުމަކީ، ހަމަޔަޤީނުންވެސް ތިޔަބައި މީހުންނާއި ހަމައަށް އައުމަށް މާތް ﷲ އިރާދަ ކުރެއްވި ހަނދުމަ ކޮށްދިނުމެކެވެ.
ނަރަކަވަންތަ ވެރީން ގާތު، ނަރަކައިގެ ގޭޓު ކައިރީގައި ތިއްބަވާ މަލާއިކަތް ބޭކަލުން އައްސަވާނެއެވެ. "ކަލޭމެންނަށް މާތް ﷲ ތެދުމަގަށް ތަބާވުމަށް ހަނދުމަ ނުކޮށްދޭ ހެއްޔެވެ؟ މިދުވަހާއި ބެހޭ ގޮތުން ކަލޭމެންނަށް އެކަލާނގެ އިންޒާރު ނުދެއްވާ ހެއްޔެވެ؟ ތަޤްވާވެރި ނުވެއްޖެ މީހަކަށް އޮތީ ނަރަކައިގެ ވޭންދެނިވި އަޒާބުކަން ހަނދުމަ ނުކޮށްދެއްވާ ހެއްޔެވެ؟"
ޖަވާބުގައި އެމީސްތަކުން ބުނާނީ ހަނދުމަ ކޮށްެދެއްވި ކަމަށެވެ. އެމީހުންނަށް އެކަން އެންމެ ފަހުން ޤަބޫލު ކުރެވުނުއިރު އެވަނީ ވަގުތު ފާއިތު ވެފައެވެ.
ކޮންމެ މީހަކަށްވެސް ތަފާތު އެކި ގޮތްގޮތަށް ހަނދުމަ ކޮށްދީ އިންޒާރުދީފައިވެއެވެ. އަދި ފަހު ދުވަހުން އޭގެން ކޮންމެ ހަނދުމަ ކޮށްދިނުމަކާއި ބެހޭ ގޮތުން ސުވާލު ކުރެވޭނެއެވެ. އެދުވަހަކު 'އޯ، ތިމަންނައަށް އެއިންޒާރުތަކާއި ހަނދުމަކޮށްދިނުންތައް ސީރިއަސްކޮށް ނުނެގުނީއޭ' އެއް ނުބުނެވޭނެއެވެ.
ކޮންމެ ދުވަހަކުމެ ތިމާއަށް އެކި ގޮތްގޮތުން ކިތައް ހަނދުމަކޮށްދިނުމާއި ކުރިމަތިލާން ޖެހޭތޯ ގުނާލަ ބަލާށެވެ. ވަރަށް ވެސް ރަނގަޅަށް ވިސްނާލާ، އެކަންތައްތައް ނޯޓުކޮށް ގުނާލާނަމަ، ދުވާލެއްގެ މައްޗަށް އެތައް ގުނަ އަދަދަކަށް އެކަލާނގެ ތިމާއަށް ހަނދުމަ ކޮށްދެއްވާފައިވާކަން ސާބިތުވާނެއެވެ.
ނޫޙް އަލައިޙިއްސަލާމް ކުރެއްވި ޝަކުވާއަކާއި ބެހޭ ގޮތުން އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
'ފަހެ ނޫޙްގެފާނު ހަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް،ތަޤްވާވެރިވުމަށާއި އިސްލާމް ދީން ޤަބޫލު ކުރެއްވުމަށް ރެއާއި ދުވާލު ތިމަން ކަލޭގެފާނު ގޮވާލެއްވީމެވެ. ސިއްރިއްޔާތުގައި ވެސް އަދި ފާޅުކަން ބޮޑު ގޮތުގައި ވެސް ތިމަންކަލޭގެފާނު އިސްލާމްދީނަށް ގޮވާލެއްވެވީމެވެ. އެހެންނަމަވެސް ދުވަހުން ދުވަހަކަށް އެބައިމީހުން ދިޔައީ ތިމަންކަލޭގެފާނާއި ދުރަށެވެ.'
އަހަރުމެންގެ ތެރޭގައިވެސް މިފަދައިން، މީހަކު ތެދުމަގު ދައްކާދިނުމުން އެމީހަކާއި ދުރަށް ޖެހިލާ ކިތައް މީހުން އުޅޭ ހެއްޔެވެ؟
ނޫޙްގެފާނުގެ އެޝަކުވާފުޅަށް އެކަލާނގެ ޖަވާބުދެއްވާ ވަޙީ ކުރައްވައެވެ. 'އޭ ނޫޙުގެފާނެވެ. މީގެފަހުން ދެން އެބައިމީހުންނަށް އިތުރަށް ހަނދުމަކޮށް ދެއްވާނެ ކަމެއް ނެތެވެ. ހަމަކަށަވަރުން ތަޤްވާވެރި ނުވާ ބަޔަކީ ތަޤްވާވެރިން ކަމުގައެއް ނުވާނެއެވެ. ތަޤްވާވެރިވީ ބަޔަކާއި ހަމައިން ނިމުނީއެވެ. ކަލޭގެފާނު ނަވަކޮޅެއް ތައްޔާރު ކުރައްވާށެވެ. ކަލޭގެފާނާއި ކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދިން ތަޤްވާވެރިން ނޫން އެެހެން ހުރިހާ އެންމެންނަށް ޖަޒާ ލިބޭ ހުއްޓެވެ.'
ނޫހުގެފާނުގެ ނަވަކޮޅު ބިނާ ކުރެއްވި ދުވަހު، އިސްލާމް ދީން ޤަބޫލު ނުކުރި ހުރިހާ މީސްތަކުން އެކަލޭގެފާނަށް މަލާމަތް ކުރެއްވިއެވެ. އެބައިމީހުން ބުނަމުން ދިޔައެވެ. 'އޭ ނޫޙްއެވެ. މިހުރިހާ ދުވަހު ކަލޭގެފާނަކީ ނަބިއްޔެއް ކަމުގައި ބުނެ އުޅެފައި، މިހާރު މާވަޑިއަކަށްވީ ހެއްޔެވެ؟'
އެހިނދު އެކަލޭގެފާނަށް މާތް ﷲ ވަޙީ ކުރެއްވިއެވެ. 'ކަލޭގެފާނު އަޅާނުލައްވާށެވެ. އެބައިމީހުންގެ މަލާމަތް ކުރުމަށް އެއްވެސް އިޖާބައެއް ވެސް ނުދެއްވާށެވެ. ހަމަކަށަވަރުން އެބައިމީހުންނަށް ލިބެން ކަނޑައެޅިފައިވާ ހަނދުމަ ކޮށްދިނުން ވަނީ ހަމަވެފައެވެ.'
ކޮންމެ އިންސާނަކަށް ވެސް ހަނދުމަ ކުރެވޭ ހިނދު، ވަގުތުގެ ބޭނުންހިފާ، އަވަހަށް ތަޤްވާވެރިއެއް ކަމުގައި ވާށެވެ."
ގުޅުންހުރި ވީޑިއޯ:
https://youtu.be/BRxSIwC-qlM?t=2