ކޫޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލް ދެވަނަ ބުރަށް
ރޭ ޗެމްޕިއަންސް ލީގުގައި، ސްޕާޓަކް މޮސްކޯއާ ދެކޮޅަށް ލިވަޕޫލް ނުކުމެ ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކޫޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-7 ގެ ބޮޑު ތަފާތަކުންނެވެ.
އެ ގޮތުން މެޗުގެ ފުރަތަމަ ހާދު ލިވަޕޫލް ވަނީ 3 ލަނޑު ކާމިޔާބުކޮށްފައެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ފިލިޕޭ ކޫޓީނިއޯއެވެ. އެއީ މެޗުގެ 4ވަނަ މިނެޓުގައެވެ. މެޗުގެ 15ވަނަ މިނެޓުގައި ކޫޓީނިއޯގެ ދެވަނަ ލަނޑުން އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 18ވަނަ މިނެޓުގައި ރޮބާޓޯ ފަމީނިއޯއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ލިވަޕޫލްގެ ސާޑިއޯ މާން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގެ 50ވަނަ މިނެޓުގައި ކޫޓީނިއޯ ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކުރިއެވެ. މެޗުގެ 76ވަނަ މިނެޓުގައި ސާޑިއޯ މާން ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ލިވަޕޫލްގެ ހަތްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުން ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، މުހައްމަދު ސަލާހުއެވެ.
ރޭގެ މެޗުން މޮޅުވެގެން 12 ޕޮއިންޓް ލިބިގެން ލިވަޕޫލް ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދެން ދަތުރުކުރި ޓީމަކީ ސްޕެއިންގެ ސެވިއްޔާއެވެ.
ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅެ ނިމުނުއިރު، މުބާރާތުގެ ދެވަނަ ބުރަށްދާ 16 ޓީމު ވަނީ ކަށަވަރުވެފައެވެ. އޭގެ ތެރޭގައި މުބާރާތުގައި ވާދަކުރި އިނގިރޭސި ފަސް ޓީމު ވެސް ހިމެނެއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓާ ސިޓީ، އަދި ޓޮޓެންހަމްއެވެ. މި ފަސް ޓީމުގެ އިތުރުން ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ އެފްސީ ބަސެލް، ޕީއެސްޖީ، ބަޔާން، ރޯމާ، ބާސެލޯނާ، ޔުވެންޓަސް، ސެވިއްްޔާ، ޝަޚްތަރް، ބެސިކްޓަސް، ޕޯޓޯ އަދި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑްއެވެ.