މެސީގެ ޗެމްޕިއަންސް ލީގު ރެކޯޑާ ރޮނާލްޑޯ އަރާ ހަމަކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 44ސ
މެސީގެ ޗެމްޕިއަންސް ލީގު ރެކޯޑާ ރޮނާލްޑޯ އަރާ ހަމަކޮށްފި

ރޭ ޗެމްޕިއަންސް ލީގުގައި ރިއާލް މެޑްރިޑްގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޑޮޓްމަންޑާ ދެކޮޅަށް ނުކުމެ، އެ މެޗުގައި ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ މެސީގެ ޗެމްޕިއަންސް ލީގު ރެކޯޑަކާ އަރާ ހަމަކޮށްފައެވެ. އަދި އެ ލަނޑާއެކު މުޅިން އާ ރެކޯޑެއް ވެސް ރޮނާލްޑޯ ޤާއިމްކުރިއެވެ.

ރޭގެ މެޗަށް ރޮނާލްޑޯ ނުކުތުމުގެ ކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހުރީ 60 ލަނޑާއެކު ވާދަވެރި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ. މެޗުގެ ކުރިން ގްރޫޕް ސްޓޭޖްގެ މެޗުތަކުގައި ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ 59 ލަނޑެވެ. ރޭގެ މެޗުގައި ޑޮޓްމަންޑް ކޮޅަށް ލަނޑއެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ މެސީގެ މި ރެކޯޑާ އަރާ ހަމަކޮށްފައެވެ.

އަދި ރޭގެ މެޗުގައި ރޮނާލްޑޯ ލަނޑެއް ކާމިޔާބުކުރުމުން އޭނާ ވެގެން ދިޔައީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ހަ މެޗުގައި ވެސް ލަނޑެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ރެކޯޑްތަކާއެކު، ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ވަރުގަދަ ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެންދިޔައީއެވެ. އެއީ މުޅި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައިފައިވާ ކުޅުންތެރިޔަކީ 114 ލަނޑާއެކު ރޮނާލްޑޯއެވެ. އަދި 60 ލަނޑު ޖަހައިގެން، ގްރޫޕް ސްޓޭޖް މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް މެސީއާއެކު ރޮނާލްޑޯ ވުމުންނެވެ. އަދި ކްނޮކްއައުޓް ސްޓޭޖްގެ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. އެއީ 54 ލަނޑާއެކުއެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ރިއާލް މެޑްރިޑާއި ޑޮޓްމަންޑް ބައްދަލުކުރި މެޗު ނިމުނީ 2-3 ގެ ނަތީޖާއިން ރިއާލްއެވެ. މި މެޗުގައި ރޮނާލްޑޯގެ އިތުރުން ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ރިއާލްގެ ބޯޖާ މަޔޮރާލްއާއި ލޫކާސް ވަޒްކޭޒާއި ޑޮޓްމަންޑްގެ ޕިއޭ އެމެރިކް އޯބަމެޔާންގްއެވެ. އޯބަމެޔާންގް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މިއަދު އޮންލައިން