ޝަޚްތަރުގެ ކޯޗު ނޫސްވެރިންނާ ބައްދަލުކުރީ ޒޯރޯގެ ކޮސްޓިއުމެއްގައި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ޝަޚްތަރުގެ ކޯޗު ނޫސްވެރިންނާ ބައްދަލުކުރީ ޒޯރޯގެ ކޮސްޓިއުމެއްގައި
ރޭ ޗެމްޕިއަންސް ލީގުގައި ޝަޚްތަރުން ބަލިނުވުމުގެ ރެކޯޑު ހިއްފަހައްޓަމުން އައި މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު، ބޭއްވި ނޫސް ކޮންފެރެންސަށް އެ ޓީމުގެ ކޯޗު ޕައުންސޯ ފޮންސެކާ އައީ ކާޓޫން ކެރެކްޓަރެއް ކަމަށްވާ، ޒޯރޯގެ ކޮސްޓިއުމެއް ލައިގެންނެވެ.

ޔޫރަޕްގެ ވަރުގަދަ ދެ ޓީމެއްކަމަށްވާ އިންގްލެންޑްގެ މެންޗެސްޓާ ސިޓީއާއި އިޓަލީގެ ނަޕޯލީއާ އެއް ގްރޫޕެއްގައި ލައްވާލިކަން އެނގުމާއެކު ޝަޚްތަރުގެ ކޯޗު ވަނީ މުބާރާތް ފެށުމުގެ ކުރިން ގްރޫޕްގައި ހިމެނޭ ވަރުގަދަ ޓީމުތަކަށް ޗެލޭންޖްކޮށްފައެވެ. އަދި ޝަޚްތަރު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިނަމަ، ނޫސްވެރިން ކުރިމައްޗަށް ބަސް ބުނަން އަރާނީ ޒޯރޯއަކަށް ވެގެންކަމަށް އޭނާ ވައުދުވިއެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުން، ވަރުގަދަ ސިޓީ 1-2 ގެ ނަތީޖާއިން ބަލިކޮށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޝަޚްތަރު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ޝަޚްތަރު ދެވަނަ ބުރަށް ދަތުރުކުރުމާއެކު ރޭ ނޫސްވެރިންނާ ބައްދަލުކުރީ، ކޯޗު ފޮންސެކާ ވައުދުވީ ގޮތުގެ މަތިން ޒޯރޯގެ ކޮސްޓިއުމެއް ލައިގެންނެވެ.

ނޫސްވެރިންނާ ބައްދަލުކުރަމުން ފޮންސެކާ ބުނެފައިވަނީ މީ އޭނާގެ ކޯޗިން ހަޔާތުގައި ދެވޭ އެންމެ އުފާވެރި ނޫސް ކޮންފެރެންސްކަމަށާއި އަދި ޔޫކްރެއިންގެ ހުރިހާ ރައްޔިތުން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ޝަޚްތަރަށް ނެރެދެވޭތޯ މަސައްކަތްކުރާނެކަމަށެވެ.
މިއަދު އޮންލައިން