ބައެއް މީހުން މޮޅުވުމަށާއި ޤަދަރުވެރިވެ މަތިވެރިވުމަށް އެދެނީ ދުނިޔޭގެ ކިބައިންނެވެ. އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. އިސްލާމް ދީނުން ނޫނީ މަތިވެރިކަމަށް އެދޭމީހާ މާތްﷲ ނިކަމެތި ކުރައްވަވާނެއެވެ. އެދުވަސް އެމީހާ ދެކޭނެއެވެ.
އިއްޒަތާއި ޤަދަރު ލިބިވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އަށެވެ. އެންމެހައި އިންސާނުންނަކީ ނިކަމެތިންނެވެ. އިއްޒަތާއި ޤަދަރު ލިބިގެންވާ އިންސާނުންނަކީ މާތް ﷲ އެންގެވި ގޮތުގައި އުޅޭ މީހުންނެވެ.
ކާފަރުންނަށާއި ކާފަރު ޤައުމުތަކަށް ކުރިއެރުމާއި މުއްސަނދިކަން ލިބިފައިވެދާނެއެވެ. ނަމަވެސް އެއީ ހަޤީޤީ ފައިދާއެއް ނޫނެވެ. ހަޤިޤީ ފައިދާކުރާނީ މާތް ﷲ އެންގެވި ގޮތުގައި ދިރިއުޅޭ މީހާއަށެވެ. އެމީހުންނަށް ހުރި ތަނަކީ ސުވަރުގެއެވެ. އެންމެހައި މަތިވެރިކަމާއި ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއެވެ. އެތަނުގައި ތިބެނީ ދިރިދެމިގެންވާ ގޮތުގައެވެ. މަރުވުމެއް ނެތިއެވެ.
ދުނިޔޭގައި ކުރިއެރުން ލިބޭ ޤައުމުތައް ނިކަމެތިވެ ހާލުގައި ޖެހިފައިވަނީ ކިތައް ފަހަރު ހެއްޔެއެވެ؟ އެކަން އެހެން އެވަނީ އެއީ ވަގުތީ ކަމަކަށްވާތީއެވެ. ދިރި ދެމިގެންވާ، ހުރިހާ ނިއުމަތްތަކާއިއެކު ދިރި ދެމި ތިބެވޭ ހަމައެކަނި ތަނަކީ ސުވަރުގެއެވެ.
ބޮޑެތި ރަށްތަކާއި ޤައުމުތައް ފަޅުވެއެވެ. ނިކަމެތިވެއެވެ. އެކަން މެދުވެރި ނުވާނީ ހަމައެކަނި ސުވަރުގޭގައެވެ. ވީއިރު މިދުނިޔޭގެ މުއްސަނދިކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
މިވާހަކަތައް ގިނަގިނައިން ދައްކާށެވެ. މާތް ﷲ ގެ މި މެސެޖު މީސްތަކުންނަށް ފޯރުކޮށްދޭށެވެ. އިސްލާމް ދީނަށް ގޮވާލާށެވެ. އެކަން ނުކުރާމީހާގެ އެއްވެސް ބޭނުމެއް ނެތެވެ.
ހަމަ އެންެމެ މީހަކު ނަމަވެސް ތިބާގެ ކިބައިން އިސްލާމް ވެއްޖެނަމަ އެމީހަކަށް ލިބެންހުރި ނިއުމަތްތައް މިދުނިޔޭގެ ހުރިހާ މުއްސަނދިކަމަކަށްވުރެ ބޮޑެވެ.
މަގުމަތިން ފެންނަ މޮޅު، ޤަދަރުވެރިން ތިބާއަށް ބަލައިވެސް ނުލައި އެމީހުންގެ ބޮޑުކަންމަތީގައި ހިނގައިދާނެއެވެ. އެއިން ކަމަކާއިމެދު ކަންބޮޑު ނުވާށެވެ. ތިބާއަށް ބޭނުންވަނީ އޭނާގެ އެހީތެރިކަމާއި ބެލުމެއް ނޫނެވެ.
ތިބާއަށް ބޭނުންވަނީ މާތް ﷲ ގެ ބެއްލެވުމެވެ. މާތް ﷲ ގެ އެހީފުޅާއި މަދަދެވެ. މާތް ﷲ ވަނީ ތިބާއަށް ބައްލަވައި ވޮޑިގެނެވެ. ވީއިރު އެމީހާ ބަލައިވެސް ނުލާ ދިއުމުން ކަންބޮޑުވާންޖެހެންވީ ކީއްވެގެން ހެއްޔެވެ؟
ދުނިޔޭގައި ކަންކަން ވަމުންދާ ގޮތާއިމެދު މާޔޫސް ނުވާށެވެ. މުޅި ކައުނުގައި އިސްލާމް ދީން ފެތުރޭނެއެވެ. ކިސަޑުން، ހުއިން ހަދާފައި ހުރި ނަމަވެސް މި ކައުނުގައިވާ ކޮންމެ ގެއަކަށް އިސްލާމް ދީން ވާނެއެވެ. އެއިގެ މާނައަކީ މި ބިންމަތީގައި ހުރި ކޮންމެ ގެއެއްގައި މުސްލިމަކު އުޅޭނެ ކަމެވެ.
މިއީ ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘް ބަސްފުޅެވެ. މި ބަސްފުޅުތައް ދޮގެއް ނުކުރެވޭނެއެވެ. އަބަދުވެސް ދާނީ ހަޤީޤަތަކަށްވަމުންނެވެ.
ގުޅުންހުރި ވީޑިއޯ: