ތަޤުވާވެރި ފިރިހެނަކަށް ލިބުނު ތަޤުވާވެރި އަނބިމީހާ

ކިޔުމަށް ހޭދަވާނީ 5މ 12ސ
ތަޤުވާވެރި ފިރިހެނަކަށް ލިބުނު ތަޤުވާވެރި އަނބިމީހާ
ޠާބިތު ބިން ނަމަން އޭ ކިޔުނު މީހަކަށް ދިމާވި ހާދިސާއެއްގެ ވާހަކައެވެ.

ދިގު ދަތުރެއްގައި، ހިނގާފައި ދަނިކޮށް އޭނާ ވަރަށް ބޮޑަށް ބަނޑުހައިވެ ވަރުބަލިވިއެވެ. ކުރިމަތިން ކޯރެއްގެ ކައިރިން ފެނުނީ މޭވާއަޅާ ފުރިފައިވާ ބަގީޗާއަކާއި އެބަގީޗާ ކައިރީގައި އޮތް ކޯރެކެވެ.

ބަނޑުހައި ވެފައިވީވަރުން ޠާބިތުގެ ބަނޑުން ހުރީ އަދު ކިޔާލަ ކިޔާލައެވެ. އެހެންކަމުން ކުރިމަތިން ފެންނަމުން ދިޔަ ބަގީޗާގައި އަޅާފައިހުރި މޭވާތަކަށް ބަލަން ހުރެ، ބަނޑުހައި ހޫނު ކަމަށް ކެތް ނުވެގެން އެތަނުން އާފަލު ގަހަކުން އާފަލެއް ބިނެވެ.

އާފަލުގެ އެއްބައި ކެއުމަށްފަހު ކޯރުން ފެން ބޮއެފައި، ކުއްލިއަކަށް އޭނާއަށް ކުރެވުނު ކަންތަކާއިމެދު ވިސްނާލިއެވެ. އޭނާ އެއާފަލު ކެއީ ބަނޑުހައި ހޫނުކަމަށް ކެތް ނުކުރެވިގެން ކަމުގައިވީ ނަމަވެސް، އެފަދަ ކަމެއް ކުރެވުނީތީ އެކަމާއި ވަރަށް ދެރަވެ އަމިއްލަ ނަފްސުގެ މައްޗަށް ލަދުގަތެވެ. އަދި އޭނާގެ ހިތައް އެރިއެވެ.

"އަހަންނަށް ހަލާކު ހުއްޓެވެ. އެހެން މީހެއްގެ މޭވާއެއް، އެމީހެއްގެ ހުއްދައަކާއި ނުލާ އަހަރެން ކެއީ ކީއްވެ ހެއްޔެވެ؟ އަހަރެން މިތަނުން ދާނީ އެބަގީޗާގެ ވެރިމީހަކު ހޯދާ، އޭނާގާތުން މާފަށް އެދުމަށްފަހުއެވެ."

ވަރަށް ބުރަ މަސައްކަތަށްފަހު، ޠާބިތު އަށް އެބަގީޗާގެ ވެރި ފަރާތް އުޅޭ ގެ ހޯދުނެވެ. ދޮރުގައި ޓަކި ޖެހުމުން، އެބަގީޖާގެ ވެރިމީހާ ދޮރުހުޅުވިއެވެ، އަދި އޭނާ ބޭނުންވަނީ ކޮންކަމެއްތޯ ޠާބިތު ކައިރިން އެއްސެވެ.
ޠާބިތު ބިން ނަމަން ބުންޏެވެ.

"ކޯރު ކައިރީގައި ކަލޭ ހައްދާފައިވާ ބަގީޖާއިން އަހަރެން އާފަލެއް ބިނދެ، އޭގެން އެއްފަޅި ކައިފީމެވެ. އެއާފަލަކީ އަހަރެންގެ އެއްޗެއް ނޫންކަން އަހަންނަށް ހަނދާންވީ އޭގެން އެއްފަޅި ކެއި ފަހުންނެވެ. ކަލޭގެ ހުއްދައެއް ނެތި ކަލޭގެ ބަގީޗާއިން މޭވާއެއް ބިނދެގެން ކެވުނީތީ އަހަންނަށް މާފު ކޮށްދޭށެވެ."

އެމީހާ ބުންޏެވެ.

"އަހަރެން ކަލެއަށް މާފު ކުރާނީ ޝަރުތެއްގެ މަތިންނެވެ." އެއީ ކޮން ޝަރުތެއްތޯ ޠާބިތު އެހުމުން އެމީހާ ބުނީ "އެއީ އަހަރެންގެ އަންހެން ދަރިފުޅާއި ކަލޭ ކައިވެނި ކުރުމެވެ."

"އަހަރެން އޭނާއާއި ކައިވެނި ކުރާނަމެވެ." ޠާބިތު ބުންޏެވެ.

އެމީހާ ބުންޏެވެ. "ނަމަވެސް އަހަރެންގެ ދަރިފުޅާއި ބެހޭގޮތުން ކަލެއަށް އެނގުން ވަރަށް މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެއީ އަހަރެންގެ ދަރިފުޅަކީ ލޯފަން ކުއްޖެކެވެ.އަދި އޭނާއަކީ ކަންފަތަށް އަޑު ނުއިވޭވާހަކަވެސް ނުދެއްކޭ ކުއްޖެކެވެ."

ކުއްލިއަކަށް އޭނާއަށް ކުރިމަތިވި ހާލަތާއިމެދު ޠާބިތު ވިސްނާލިއެވެ. އެކަމާއިމެދު ކުރާނީ ކީއްތޯ އޭނާ ވިސްނާލިއެވެ. ކޮންމެހެނަކަސް އެކަމާއި އިންކާރު ނުކުރުމަށް އޭނާ ނިންމިއެވެ. އެއީ އެފަދަ އަންހެނަކާއި ކައިވެނިކޮށް އޭނާގެ ޚިދުމަތުގައި ހުރެ އޭނާ ބެލުމަކީ ޙަރާމް އެއްޗެއް ކައިގެން ނަރަކަވަންތަވެރިއަކަށް ވުމަށް ވުރެ ފައިދާކަން ބޮޑުކަމެއްކަން އޭނާއަށް ވިސްނުމުންނެވެ. އަދި މިދުނިޔޭގެ ދުވަސްތަކަކީ ދާއިމަށް ދެމި އޮންނާނެ ދުވަސްތަކެއް ނޫންކަން ވެސް އޭނާއަށް ވިސްނި ޤަބޫލު ކުރެވުނެވެ.

އެހެންކަމުން ބަގީޗާގެ ވެރިމީހާގެ އަންހެން ދަރިފުޅާއި ކައިވެނި ކުރުމަށް އޭނާ އެއްބަސްވިއެވެ. މާތް ރަސްކަލާނގެ ރުއްސުން ލިބިގަތުމަށްޓަކައެވެ.

ނަމަވެސް ކައިވެނި ކުރާ ދުވަސް ގާތްވުމުން ޠާބިތު ހާސްވިއެވެ. އިބިލީސް އޭނާގެ ހިތައް ޚިޔާލުތަކެއް ވައްދަމުން ދިޔައެވެ. "އެމީހެއްގެ ފިރިމީހާ ނުވެސް ފެންނާނެ، ފިރިމީހާގެ އަޑެއްވެސް ނުއިވޭނެ އަދި ފިރިމީހާއާއި ވާހަކަވެސް ނުދެއްކޭނެ އަންހެނަކާ އަހަރެން ކައިވެނި ކޮށްގެން ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟" މިފަދަ ޚިޔާލުތަކެއް ހިތައް ވެރިވުމުން އޭނާ ވަރަށް ބޮޑަށް މާޔޫސްވެ، ކައިވެނި ކުރަން ކަނޑައެޅިފައިވާ ދުވަސް ޖެހުމުގެ ކުރިން މިދުނިޔެއިން ވަކިވެގެން ދާނެ ނަމައޭ ވެސް އޭނާގެ ހިތައް އެރިއެވެ.

އެފަދަ ޚިޔާލުތަކެއް ހުރިކަމުގައި ވިޔަސް، އޭނާ ގަސްތުކުރީ މާތް ﷲ އަށް ކުއްތަންވެ އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކޮށް އެކަލާނގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލުމަށެވެ.

ކައިވެނި ކުރަން އޮތް ދުވަހު، ޠާބިތުއަށް އެއަންހެން ކުއްޖާ ފުރަތަމަ ފަހަރަށް ފެނުނެވެ. އަންހެން ކުއްޖާގެ ރީތިކަން ފެނިފައި އޭނާ ހަނދާންވީ ޖަންނަތުގައި ތަޤްވާވެރީންނަށް ލިބެން އިރާދަކުރައްވާފައިވާ ހޫރުލްއީނުންގެ މަތީންނެވެ.

ކައިވެނި ކުރެވުމުން، އަންހެން ކުއްޖާ އޭނާގެ ކުރިމައްޗަށް އަރާފައި ބުންޏެވެ.

" السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ "

ޠާބިތުއަށް ލިބުނީ ވަރަށް ވެސް ބޮޑު ހައިރާން ކަމެކެވެ. އޭނާ ބުންޏެވެ. "وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ ، މިއީ ކޮންކަމެއް ހެއްޔެވެ؟ ކަނބުލޭގެއަށް ފެނޭ ހެއްޔެވެ؟ ވާހަކަ ދެއްކި އަޑުވެސް އިވޭ ހެއްޔެވެ."
އަންހެން ކުއްޖާ ގާތު އޭނާގެ ބައްޕަ ބުނި ވާހަކަ ޠާބިތު ކިޔާދިނެއެވެ. އަންހެން ކުއްޖާ ބުންޏެވެ.

"އަހަރެންގެ ބައްޕަ އެބުނުއްވީ ތެދެކެވެ. އަހަންނަކީ ވާހަކަ ނުދެއްކޭ މީހެއް ކަމަށް ބައްޕަ އެބުނުއްވީ، އެއީ އަހަންނަކީ ދެއްކުން ނަހީ ކުރައްވާފައިވާ ވާހަކައެއް ދައްކާ މީހެއް ނޫނެވެ. އަދި އަހަންނަށް ވާހަކަ ދެއްކުން ހަލާލު ފިރިހެނަކާއި ނޫނީ މީގެ ކުރިން އަހަރެން ވާހަކަ ދައްކާފައެއް ނުވާނެއެވެ. އަހަންނަކީ ކަންފަތަށް އަޑު ނުއިވޭ މީހެއް ކަމުގައި ބައްޕަ އެބުނުއްވީ، މީސްމީހުންގެ ނެތިމޮށުމާއި ޣީބަ ބުނެއުޅޭ މީހުންނާއިއެކު އަހަރެން ނުއުޅެމެވެ. އެފަދަ މީހުން ދައްކާ ވާހަކަތައް އަހަންނަކަށް އަޑެއް ނުއިވޭނެއެވެ. އަހަންނަކީ ލޯފަން މީހެއް ކަމަށް ބައްޕަ އެބުނުއްވީ އަހަންނަށް ބެލުން ޙަލާލު ވެގެންވާ ފިރިހެނަކާއި ދިމާލަށް ނޫނީ އަހަރެން ދުވަހަކު ވެސް ބަލާފައެއް ނުވާނެއެވެ."

ޠާބިތުއަށް މާތް ރަސްކަލާނގެ ދެއްވި ނިޢުމަތާއިމެދު ވިސްނާ އުފަލުންގޮސް އޭނާގެ ދެލޮލުން ކަރުނަ ފޫދުނެވެ. އަދި އެކަލާނގެއަށް ޙަމްދުކޮށް ސަޖިދަ ޖެހިއެވެ.

މިއީ ދީނަށް ލޯބިކުރާ، އިސްލާމީ އަޤީދާއަށް ފުރިހަމަައަށް ތަބާވާ އަންހެނަކާއި ފިރިހެނަކު، މާތް ﷲ ގެ އިރާދަފުޅާއިއެކު ކައިވެނީގެ މާތް ގުޅުމުން ގުޅުނު ރީތި ގޮތުގެ ވާހަކައެވެ.

މިއަދު އޮންލައިން