ތިބާ މާތް ﷲ އާއި ކައިރިވުމަށް ކުރާ ދަތުރުގައި އަޅާ ކޮންމެ ފިޔަވަޅަކަށް ޝައިޠާނާ ހުރަސް އަޅާނެއެވެ. އެއިން ކޮންމެ ފިޔަވަޅަކުން ތިބާއަށް ލިބޭނީ ގެއްލުންކަން ވިސްނައިދޭނެއެވެ.
ތިބާ ޞަދަޤާތެއް ކުރަން އުޅޭނަމަ އެ ފައިސާ ތިބާގެ ދަރިންނަށް ހޭދަކުރުން މާރަނގަޅުވާނެ ކަމަށް ބުނެ އެކަމަށް ހުރަސް އަޅާނެއެވެ. ޢިލްމު އުނގެނެން މަސައްކަތްކުރާނަމަ ވިޔަފާރީގައި ވަގުތު ހޭދަކުރުމުން ލިބޭނެ ފައިދާ މާބޮޑުވާނެ ކަމަށް ބުނާނެއެވެ. ދަމުނަމާދުކުރަން އުޅޭނަމަ މާދަމާއަކީ ވަރަށް މަސައްކަތް ބުރަ ދުވަހެއް ކަމަށާއި ނިދި ވަރަށް މުހިންމު ކަމަށް ބުނާނެއެވެ.
މީހަކާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާނަމަ އެއީ ކުރަން ނުވާނެ ނުވަތަ ކުރަން ނުޖެހޭ ކަމެއް ކަމަށް ބުނެ އެކަމަށް ވެސް ހުރަސް އަޅާނެއެވެ.
ރުޅި ކޮންޓްރޯލް ނުކުރަން ބުނެ އެކަމަށް ބާރުއަޅާނެއެވެ. އެކަންކުރާނަމަ ތިބާގެ ފުރާނައަށް ގެއްލުން ލިބޭނެ ކަމަށްވެސް ބުނާނެއެވެ. މިއީ ހައްތާވެސް ޝައިޠާނާގެ މަސައްކަތްތަކެވެ. އެހެން ނަމަވެސް އަހަރެމެންގެ ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅުކުރައްވާފައިވަނީ ރުޅި ކޮންޓްރޯލް ކުރުމަކީ އީމާންކަމުން ފުރިގެންދާނެ ކަމެއް ކަމަށެވެ.
ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ތިބާގެ އަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް އުފުލޭނެއެވެ. މާތް ﷲ އަށް ޝަރީކުކުރުން ފިޔަވައި އެހެން ހުރިހާ ފާފަތަކަށް މާތް ﷲ މަޢާފްކުރައްވަވާނެތެވެ. 2 މީހަކަށް މެނުވީއެވެ.
އެއީ އެކަކު އަނެކަކާއި ޒުވާބުކުރުމަށްފަހު ސަލާން ނުކޮށް ތިބޭ މީހުންނެވެ. އެބައިމީހުން ޞުލްޙަވަންދެން ފާފަ ފުއްސެވުން ފަސްކުރެވޭނެއެވެ.
ވިސްނާށެވެ. ތިބާގެ އަޚާ އާއި ގުޅުން ކަނޑާލައިގެން ހުރުމަކީ އަޚާ މަރައިލުން ފަދަ ކަމެކެވެ. ތިބާ ބޭނުންވަނީ އަޚުންތަކެއް މަރައިލުމުގެ ފާފަ ކޮނޑުގައި އަޅައިގެންހުރެ މާތް ﷲ ގެ ޙަޟްރަތަށް ދިއުމަށް ހެއްޔެވެ!
މާތްކަން ބޮޑުވެގެންވަނީ ޞުލްހަވުމަށް އިސްނަގާމީހާއެވެ. އެއީވާ ހާދަހާ ބޮޑު ހެޔޮ ކަމެކެވެ. ޞުލްޙަވުމަށް ތިބާ އެދުމުން ޞުލްޙަނުވިނަމަ ތިބާގެ ފާފައިން ތިބާ ސަލާމަތްވާނެއެވެ. ދެން އޮތް ބައި އޮންނާނީ ޞުލްޙަ ނުވި މީހާއަށެވެ. އެކަމަކާ ތިބާއަކާ އެއްވެސް ގުޅުމެއް ނެތެވެ.
ގުޅުންހުރި ވީޑިއޯ: