އެންމެ މަތިވެރި ސޫރަތަކީ އަލްޙަމްދު އެވެ. އެންމެ މަތިވެރި އާޔަތަކީ އާޔަތުލްކުރުސިއެވެ. ސޫރަތުލްއިޚްލާޞްއަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައެވެ. އެހެންކަމުން މަތިވެރިކަން އިތުރު ބައިތަކެއް ކީރިތި ޤްރްއާނުގައި އެބަވެއެވެ.
މާތް ﷲ ކީރިތި ޤްރްއާން ބާއްވަވައިލެއްވެވީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ނަމަވެސް ކީރިތި ޤްރްއާނުގައި 2 އާޔަތެއްވެއެވެ. އެއީ އިސްރާ އާއި މިޢުރާޖްގެ ދަތުރުފުޅުގައި ޢަރްޝީގެ ދަށުން މުޙައްމަދު (ޞޢވ) އަށް ލިބިވަޑައިގެންނެވި 2 އާޔަތެވެ. އެއީ ބަޤަރާ ސޫރަތުގެ އެންމެ ފަހު 2 އާޔަތެވެ.
ކައު އިތުރު ރަސޫލާގެ ޙަދީޘްފުޅުގައި ވެއެވެ. "މިޢުރާޖް ދަތުރުފުޅުގައި ތިމަން ރަސޫލާއަށް 3 އެއްޗެއް ލިބިވަޑައިގަތެވެ. އެއީ ފަރުޟު 5 ނަމާދާއި ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތާއި ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބޮޑެތި ފާފަތަކަށް އަރައި ނުގަންނަ މީހުންގެ ފާފަ މާތް ﷲ ފުއްސަވާނެ ކަމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ޢަރްޝީގެ ދަށުން ލިބިވަޑައިގެންފައިވާ 2 އާޔަތުގެ މަތިވެރިކަން ބަޔާންވެގެންވާ ރިވާތައް ވަރަށް ގިނައެވެ. އިތުރު މާތް ނަބިއްޔާގެ ޙަދީޘްފުޅުގައި ވަނީ ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް ފުދިއްޖެ ކަމަށެވެ.
މިބަސްފުޅުގެ މާނައިގައި ބައެއް ދަންނަބޭކަލުން ވިދާޅުވަނީ ރޭގަނޑު ނިދުމުގެކުރިން އެ 2 އާޔަތް ކިޔަވައިފި މީހާ ދަމުނަމާދު ކުރި ފަދަ ކަމަށެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އެ 2 އާޔަތް ކިޔެވުމުން ޝައިޠާނާ އާއި އެމީހާ އާއި ދެމެދަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ އެމީހާ ނަރަކައިގެ އަލިފާނުން މިންޖުވުމަށް އެ 2 އާޔަތް ފުދޭނެ ކަމަށެވެ.
ދަންނަބޭކަލުންގެ ފަތުވާ ތަފާތު ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅު ވަރަށް ސާފެވެ. އެ 2 އާޔަތް ކިޔެވުމުން ފުދޭނެއެވެ. ނިދުމުގެ ކުރީން އެ 2 އާޔަތްކިޔެވުމަކީ އިތުރު މާތް ނަބިއްޔާގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިމާމް ތިރުމިޒީ ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި ވަނީ އެ ދެ އާޔަތް އިތުރު މާތް ނަބިއްޔާއަށް ލިބިވަޑައިގަތީ ޢަރްޝީގެދަށުގައިވާ ކަންޒެއްގެ ތެރެއިން ކަމަށެވެ.
ވިސްނާށެވެ. އެންމެ މަތިވެރިގެންވަނީ ޢަރްޝި އާއި ކުރުސިއެވެ. ސުވަރުގެވެސް ވަނީ ޢަރްޝީގެ ދަށުގައެވެ. ޢަރްޝީގެ ދަށުގައިވާ ކަންޒުކޮޅުގައި ވަނީ ކޮން އެއްޗެތިތަކެއް ކަމެއް އަހަރެމެންނަކަށް ނުއެނގެއެވެ. ނަމަވެސް ޔަޤީންވާ ކަމަކީ ޢަރްޝީގެ ދަށުގައިވާ ކަންޒުކޮޅުން ދެ އެއްޗެއް ދުނިޔޭގައިވާ ކަމެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތެވެ.
މި ދަރުސް ފަރުވާތެރިކަމާއިއެކު އަޑުއަހައިލުން ވަރަށް މުހިންމެވެ.
ގުޅުންހުރި ވީޑިއޯ: