ޤިޔާމަތް ދުވަހުގައި ބައަކު ތިބޭނެއެވެ. އެއީ އެމީހުންގެ ނޭފަތުން ވައްދައިލެވޭ ދިގު ހިލިިހިލާގަނޑު އެމީހާގެ ފޫކޮޅުން ނެރެވި އެއިން ކަސްތޮޅު އެޅެވި ނަރަކައަށް އުކައިލެވޭނެ މީހުންނެވެ. އެމީހުން ދުނިޔޭގައި ޙާޞިލުކުރި ޕީއެޗްޑީން އެމީހުންނަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟
މިދުނިޔޭގައި ހަނދާނީ ފިލައާ ތަފާތު އިނާމުތައް ލިބެއެވެ. ލިބެނީ ދުނިޔޭގައި ކަންކަން ކާމިޔާބުކުރާ މީހުންނަށެވެ. ސްކޫލަކަށް ބަލައިފިނަމަ އެންމެ ރަނގަޅު ފެންވަރުގައި ފާސްވާ ދަރިވަރުންނަށެވެ. ހަނދާނީ ލިޔުމާއި ފިލާ ނުލިބޭ ދަރިވަރުން ފަހަތަށް ޖެހެމުން ގޮސް ހޯލުން ފިލައިގެން ވެސް ދެއެވެ.
މާތް ﷲ ގެ ޙަޟްރަތުގައި މިކަން އޮތީ މިގޮތަކަށް ނޫނެވެ. ހަމަ ކޮންމެ މީހަކަށް ވެސް ހަނދާނީ ލިޔުމާއި ފިލާ ލިބޭނެއެވެ. އެއްވެސް މީހަކު ނުލިބި ބާކީއެއް ނުވާނެއެވެ.
މާތް ﷲ މިކަމުގެ ދަރުބާރު ބާއްވަވާނީ އެއާކޮންޑިޝަންކުރި ހޯލެއްގައެއް ނޫނެވެ. ހޯލުގައި ދެބައަކަށް މީހުން ތިބޭނެއެވެ. އެއްބައަކު ތިބޭނީ ޢަރްޝީގެ ހިޔާވަހިކަމުގެދަށުގައެވެ. މާފުރިހަމައަށް ހިޔާވަހިކަން ލިބިގެންނެވެ. އަނެއް ބައަކު ތިބޭނީ ގަދަވެގެންވާ ހޫނުގައެވެ. އިރު ހުންނާނީ ކައިވަތަކަށް ކައިރިވެފައެވެ. ފައިބާ ދައުތަކުން ތަން އޮންނާނީ ފެން ބޮޑުވެފައެވެ. އެތަނަކީ މަޙްޝަރުގެ މައިދާނެވެ.
މިދުނިޔޭގައި ބޭއިންސާފުން ކަންކަން ހިނގައެވެ. ހައްޤު ނޫން އިނާމުތައްވެސް ލިބެއެވެ. ނަމަވެސް އެދުވަހަކު އެކަން އެހެނެއް ނުވާނެއެވެ. އެމީހަކަށް ޙައްޤު ޖަޒާ މެނުވީ އެމީހަކަށް ނުލިބޭނެއެވެ. އެމީހަކު ދުނިޔޭގައި ހުރެ ކުރި ކޮންމެ ކަމަކަށް ޙައްޤު ޖަޒާ އެމީހަކަށް އެދުވަހުން ލިބޭނީ އިންސާފުވެރިކަމާއިއެކުގައެވެ.
ތިބާ މިދުނިޔެ އެދިގެން ކިތަންމެ ގިނަ ކަންތައްތަކެއް ކުރި ނަމަވެސް އެދުވަހަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ދުނިޔަވީ ކަންކަމުން ކިތަންމެ ވަރަކަށް ކުރިއަރައި ދިއަ ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ކިތަންމެ ގިނަ މަތީ ފާސްތަކެއް ހޯދި ނަމަވެސް މެއެވެ. ފައިދާކުރާނެ ހަމައެކަނި ގޮތަކީ ޢާޚިރަތް އެދިގެން ގަދައަޅައި މަސައްކަތް ކުރުމެވެ. މަސައްކަތްކުރަންވީ އެދުވަހުގެ އިމްތިހާނުން ފާސްވުމަށެވެ. މާތް ﷲ ގެ ދަރުބާރުގައި ރަނގަޅު ނަތިޖާއެއް ހޯދުމަށެވެ.
(އައްޝައިޚް ޖަޢްފަރު ފާއިޒު މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން)